ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް، މިއަދު އެމަނިކުފާނުގެ ކެބިނެޓަށް ބަދަލެއް ގެންނަވައިފިއެވެ.

މިގޮތުން މިއަދު ގެންނެވި ބަދަލުތަކުގެ ތެރޭގައި މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ މަޤާމަށް، ހުޅުމާލެ، 10095 ޑރ ޙުސައިން ރަޝީދު ޙަސަން ވަނީ އައްޔަނު ކުރަށްވާފަ އެވެ. ޑރ. ޙުސައިން ކުރިން ހުންނެވީ އެންވަޔަރަންމަންޓް މިނިސްޓަރުކަމުގެ މަގާމްގައެވެ.

Ad
rt

މީގެއިތުރުން ރައީސް ޞާލިޙް ވަނީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަގާމަށް، އައްޑޫސިޓީ ހުޅުދޫ، ޓްރައިސްޓަރ، އާމިނަތު ޝައުނާ ޢައްޔަން ކުރަށްވާފަ އެވެ. ޝައުނާ އެ މަގާމަށް ޢައްޔަން ކުރެވުމާއި ހަމައަށް އަދާކުރައްވަމުން ގެންދެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ، ޕޮލިސީގެ މަޤާމެވެ.

ރައީސް ޞާލިޙް ކެބިނެޓަށް މިބަދަލު މިގެންނެވީ، ކެބިނެޓަށް ބަދަލުތަކެއް ގެންނަވަން ނިންމަވާފައިވާކަމުގެ އަޑު ގަދަވެފަ ވަނިކޮށެވެ.

މިއަދު ފިޝަރީޒް މިނިސްޓަރަކަށް އައްޔަނުކުރެއްވި ޑރ. ޙުސައިންއަކީ ކޯލިޝަން ޕާޓްނަރ، ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ، އެ ޕާޓީގެ ނައިބު ލީޑަރެކެވެ. އެންވަޔަރަންމަންޓްއަށް އައްޔަނު ކުރެއްވި ޝައުނާ ނިސްބަތްވެވަޑައިގަންނަވަނީ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއަށެވެ.