ހއ. ދިއްދޫއިން ޑައިރެކްޓު ކޮންޓެކްޓުގެ ގޮތުގައި 121 މީހެއްގެ ސާމްޕަލް ނަގައިފި އެވެ.

ދިއްދޫގައި ހުންނަ ފްލޫ ކްލިނިކަށް ދެއްކި މީހަކު ވަނީ މެއި 1 ވަނަ ދުވަހު ޕޮޒިޓިވް ވެފައެވެ. އެމީހާގެ ޑައިރެކްޓު ކޮންޓެކްޓުގެ ގޮތުގައި އެރޭ 28 މީހެއްގެ ސާމްޕަލް ނެގިއެވެ. އޭގެ ތެރެއިން 14 މީހެއްގެ ސާމްޕަލް ނެގެޓިވްވިއިރު، އަނެއް 14 މީހުންގެ ސާމްޕަލް ވަނީ ޕޮޒިޓިވްވެފަ އެވެ.

Ad
rt

އެމީހުން ޕޮޒިޓިވްވުމާ ގުޅިގެން، އެމީހުންގެ ޑައިރެކްޓު ކޮންޓެކްޓުގެ ގޮތުގައި ރޭ ވަނީ 121 މީހެއްގެ ސާމްޕަލް ނަގާފައެވެ. އެ ސާމްޕަލްތަކުގެ ނަތީޖާ ލިބޭނީ މިރޭގެ ވަގުތެއްގައި ކަމަށް ހއ. އަތޮޅު ހޮސްޕިޓަލުން ލަފާ ކުރަށްވައެވެ.

މެއި 1 ވަނަ ދުވަހު ދިއްދޫން މީހަކު ޕޮޒިޓިވްވުމުން، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ އެރޭގެ އިރާކޮޅު ދިއްދޫ މޮނިޓަރިން ހާލަތަށް ގެނެސްފައެވެ.

އިއްޔެ ވަނީ ކުޅުދުއްފުށީ ސިޓީގެ ފްލޫ ކްލިނިކަށް ދެއްކި ތިން މީހެއް ވެސް ޕޮޒިޓިވްވެފަ އެވެ.

ކޯވިޑް-19 ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، އަންނަ އަންގާރަ ދުވަހުން ފެށިގެން އެއް ހަފުތާއަށް އަތޮޅުތެރޭގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މިހާރު މަނާކޮށްފައިވާއިރު، އިއްޔެގެ ނިޔަލަށް އަތޮޅުތެރޭގައި ބަލި ޖެހިފައިވާ މީހުންގެ އަދަދު 1،902 އަށް ވަނީ އަރާފަ އެވެ. އެއީ 1،342 ދިވެހިންނާއި 560 ބިދޭސީންނެވެ. އެންމެ ގިނައިން ބަލި މީހުން ތިބީ ޅ. ނައިފަރާއި ކ. މާފުށި އަދި އއ. މަތިވެރީގައެވެ.