ހދ. މަކުނުދޫގައި ގާއިމުކޮށްފައިވާ ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމްގެ ހިދުމަތުގެ ސަބަބުން ލިބިގެންދާނެ ފަސޭހަކަން، މަކުނުދޫގެ ހުރިހާ ރައްޔިތުންވެސް އުފަލާއެކު ބަލައިގަންނަންވާނެ ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ.
އަތޮޅު ރަށްތަކާއި ވަކީން ދުރުގައި އޮންނަ މަކުނުދޫގައި އޭޓީއެމްގެ ޚިދުމަތް ފެށީ މިދިޔަ އޭޕްރިލްމަހުގެ 9 ވަނަ ދުވަހުއެވެ. މި ހިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބިގެންދާ އެވެ.
ވަކީން ދުރުގައި އޮންނަ ރަށަކަށް ވެފައި، ދަތުރުފަތުރު ކުރުމުގައި ވެސް އެތައް ތަކުލީފެއް އުފުލަމުންދާ މަކުނުދޫގެ ރައްޔިތުންނަށް މި އޭޓީއެމްގެ ސަބަބުން ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ. މީގެކުރީން އެރަށު ރައްޔިތުން ދިގު ދަތުރަކަށްފަހު އާންމުގޮތެއްގައި ބޭނުންކުރަނީ ކުޅުދުއްފުށީގައި ހުންނަ އޭޓީއެމްތަކެވެ.
މަކުނުދޫގައި ފެށި އޭޓީމްގެ ޚިދުމަތަށް އިޝާރާތްކުރަށްވާ މެންބަރު ރާޢީ ވަނީ އެ އޭޓީއެމްގެ ސަބަބުން އެރަށުގެ ރައްޔިތުން ކުރިން ފައިސާގެ ބައެއް މުއާމަލާތްތަކަށް އުފުލި ތަކުލީފުތަކަށް ލުއި ލިބުނުކަން ފާހަގަ ކުރަށްވާފަ އެވެ.
"މަކުނުދޫ އޭޓީއެމް، ރަށަށް ލިބޭ ކުރިއެރުމާއި ތަރައްގީ އަކީ އެކަމުގެ ހިތްހަމަޖެހުމާއި ފޮނި މީރުކަން ހަމަ ރަށު ކޮންމެ ރައްޔިތަކު ވެސް އުފަލާއި އެކު އެކަންކަމަށް ބަރު ހަސަދަވެރި ހިތަކާއި ނުލާ އުފަލުން ބަލައިގަންނަން ޖެހޭނެ ކަންކަމެވެ." ރާޢީ ވިދާޅުވެފަ ވެއެވެ.
ރާޢީ ވަނީ މަކުނުދޫގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށް، އެމަސައްކަތް އަވަސްކޮށް ދިނުމަށްއެދި ކެނޑިނޭޅި ވަކާލާތު ވެސް ކުރަށްވާފަ އެވެ.
މަކުނުދޫގައި ފެށުނު އޭޓީއެމް ހިދުމަތާއެކު މިވަގުތު ހދ. އަތޮޅުގެ ތިން ރަށެއްގައި އޭޓީއެމްގެ ހިދުމަތް ލިބެން ހުރެއެވެ. އެ ރަށްތަކަކީ ކުޅުދުއްފުށި، ހަނިމާދޫ އަދި މަކުނުދޫއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!