ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ފެންނަނީ ސަރުކާރުގެ ކުންފުންޏެއް ކަހަލަ ގޮތަކަށް ކަމަށް، މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެ އެވެ.

އިއްޔެގެ މަޖިލިސް ޖަލްސާގައި، ނޭޝަނަލް ޑްރަގް އޭޖެންސީގެ ޤާނޫނީ ޒިންމާ އަދާކުރަމުންނުދާކަމަށް ބަޔާންކޮށް ހުށަހަޅުއްވާފައިވާ މައްސަލަ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސް ކުރަށް ވަމުން ރާޢީ ވިދާޅުވީ، އެ މައްސަލަ ދިރާސާ ކުރެއްވި ކޮމެޓީގައި އިންނެވި މެންބަރެއްގެ ހައިސިއްޔަތުން އޭނާއަށް ކޮމެޓީގައި ކުރެވުނު މަސައްކަތްތަކާއި، ލިބުނު ހުށަހެޅުންތައް ފެނިވަޑައިގެންކަމަށެވެ.

Ad
rt

"މި ކޮމިޓީގެ ނައިބު މުޤައްރިރު ވިދާޅުވެފައިވޭ، އެން.ޑީ.އޭއަށް އޮތް ޙައްލަކީ ބޮޑު އެންމެ ޙައްލެކޭ
ދެން އެ ޙައްލުގެ ވާހަކަ ނައިބު މުޤައްރިރު ވިދާޅެއްނުވޭ. އަޅުގަނޑަށް ފެންނަނީ މި ކަމަށް އޮތް ޙައްލަކީ، އެންމެ ޙައްލެއް. އެ ޙައްލަކީ ސަރުކާރުން މި ކަން ކުރަންވެއްޖެ ކަމުގައި ވަންޏާ ދެން ސަރުކާރުން އިތުރަށް މިކަން ކުރަން ނޫޅުން. ސަރުކާރުން މި ކަން ކުރަން ނޫޅެ، އަމިއްލަ ބަޔަކަށް މި ކަންތައް ކުރެވޭނެ ގޮތެއް ހެދުން. އަޅުގަނޑަށް އެން.ޑީ.އޭ މި ފެންނަނީ މިފްކޯ، އެމް.ޓީ.ޑީ.ސީ، މިކަހަލަ ގޮތަކަށް." ރާޢީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ސަރުކާރަށް ކޮށްދެވޭނެ އެންމެ ރަނގަޅު ކަމަކީ އެކަން ކުރަން އިތުރަށްނޫޅެ، އެންޑީއޭ ޕްރައިވަޓައިޒްކުރުން ކަމަށެވެ.

ރާޢީ ވިދާޅުވީ، ކިތައްމެ ގިނަ ހުށަހެޅުމެއްވެސް އެކަމާ ގުޅިގެން ހުށަހެޅިދާނެ ކަމަށާއި، ނަމަވެސް އެންޑީއޭ ރަނގަޅަށް ހިންގައި، މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން މުޖުތަމަޢަށް މީހުން ނެރުމުގައި ކާމިޔާބުކަމާއެކު އެ މަސައްކަތް ކުރެވޭނީ އެ މަސައްކަތް އަމިއްލަފަރާތްތަކަށް ކުރެވޭނެހެން ހުޅުވާލެވިގެންކަމަށެވެ.

އެ މައްސަލައަކީ އެންޑީއޭއިން ޤާނޫނީ ޒިންމާ އަދާކުރަމުންނުދާކަމަށް ބަޔާންކޮށް ހުށަހަޅުއްވާފައިވާ މައްސަލައެކެވެ. އެމައްސަލަ ދިރާސާކުރުމަށް އެ މައްސަލަ ދިރާސާ ކުރި ކޮމެޓީގެ މެންބަރުން ވަނީ ގިނަ މަސައްކަތެއް ކޮށްފައެވެ. މިގޮތުން އެ ކޮމެޓީގެ ރިޕޯޓް އެކުލަވާލީ އެންޑީއޭއާއި، އެ އޭޖެންސީގެ ދަށުގައި ހުރި އެކި މަޒުކަޒުތަކަށް އެ ކޮމެޓީން ޒިޔާރަތް ކުރުމަށްފަހު ހޯދުނު ހޯދުންތަކާއެކު އެވެ.

މަސްތުވާތަކެތީގެ ވަބާއަކީ މުޅި ދިވެހި ޤައުމަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައެކެވެ.