ސްޕެނިޝް ލަލީގާގެ ބުރާސްފަތި ދުވަހުގެ ރޭ ބާސެލޯނާއާއި ގްރަނާޑާ ބައްދަލުކުރި މެޗު ކާމިޔާބު ކޮށްގެން ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލަން ލިބުނު ފުރުޞަތު ބާސާއިން ނަގާލައިފިއެވެ.
ބާސާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ގްރަނާޑާއިން ކާމިޔާބު ކޮށްފައިވަނީ ބާސާއިން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރާ ދެ ލަނޑު ޖަހައިގެންނެވެ.
މެޗު ފަށައިގެން ގޭމް ކޮންޓްރޯލް ކޮށްގެން މޮޅަށް ކުޅެފައިވަނީ ބާސެލޯނާއިންނެވެ. މިގޮތުން އެ ޓީމުން ވަނީ މެޗުގެ 23 ވަނަ މިނެޓުގައި ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު ބާސާއަށް ކާމިޔާބު ކޮށްދީފައިވަނީ ގްރިޒްމަން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި އެ ޓީމްގެ ކެޕްޓަން ލައިނަލް މެސީއެވެ. މިއީ މި ސީޒަންގައި ލީގުގައި މެސީ ކާމިޔާބުކުރި 26 ވަނަ ލަނޑެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ބާސާއިން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް ގްރަނާޑާއިން ވަނީ އެ ޓީމުން އުފެއްދި ކައުންޓަ އެޓޭކެއްގައި ލަނޑު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު 63 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ ވެނެޒުއޭލާ ފޯވާޑް މަޗީސްއެވެ. މި ލަނޑަށް ފަހު ބާސާއިން ވަނީ ޓީމް ކުރިއަށް ޖައްސައި އިތުރު ލަނޑެ ކާމިޔާބު ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮސްފައެވެ. ނަމަވެސް ގްރަނާޑާއިން ވަނީ ވިސްނުންތެރިކަމާއި އެކު މޮޅު ޑިފެންސިވް ގޭމެއް ކުޅެފައެވެ. މެޗުގައި ގްރަނާޑާ މޮޅުވިލަނޑު ކާމިޔާބު ކޮށްދީފައިވަނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް މޮލީނާއެވެ. 79 ވަނަ މިނެޓުގައި މި ލަނޑު މޮލީނާ ކާމިޔާބު ކޮށްފައިވަނީ ބާސާގެ އޭރިއާގެ ތެރޭގައި ހުސްކޮށްހުރެ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.
މި މެޗު ކާމިޔާބު ކޮށްގެން ޕޮއިންޓް ތާވަލުގެ އެއްވަނާގައި އެއް ޕޮއިންޓްގެ ލީޑެއް ހޯދުމުގެ ފުރުޞަތު ބާސާއަށް އޮތްނަމަވެސް މި މެޗުން ބަލިވުމާއިއެކު އެ ޓީމް މިވަގުތު އޮތީ 33 މެޗުން ލިބުނު 71 ޕޮއިންޓާއިއެކު ތާވަލުގެ ތިންވަނާގައެވެ. ރެއާލް މެޑްރިޑަށް ވެސް ލިބިފައިވަނީ 33 މެޗުން 71 ޕޮއިންޓެވެ. ނަމަވެސް ރެއާލްއަށް ދެވަނަ ލިބެނީ ލީގުގައި ބާސާއާއި ބައްދަލުކުރި ދެ މެޗުގައި ބާސާގެ މައްޗަށް ކުރި ހޯދާފައި ވުމުންނެވެ. މިވަގުތު ޕޮއިންޓް ތާވަލުގެ ހަތަރު ވަނާގައި ސެވިއްޔާ އޮތީ 33 މެޗުން 70 ޕޮއިންޓް ހޯދައިގެންނެވެ. ލީގުގެ އެއްވަނާގައި 33 މެޗުން 73 ޕޮއިންޓް ހޯދައިގެން އޮތީ އެތުލެޓިކޯ މެޑްރިޑެވެ.
ލީގުގައި ބާކީ ކޮންމެ ޓީމަކަށް ވެސް ފަސް މެޗު އޮތްއިރު، މިވަގުތު ލީގުގެ ޕޮއިންޓް ތާވަލުގެ އެންމެ މަތީގައިއޮތް ހަތަރު ޓީމަށް ވެސް ލީގު ހޯދުމުގެ ފުރުޞަތު އެބައޮތެވެ. އަންނަ މޭމަހުގެ އަށްވަނަ ދުވަހު ބާސާއާއި އެތުލެޓިކޯ މެޑްރިޑް ބައްދަލު ކުރަންޖެހޭއިރު، މޭ މަހުގެ ދިހަވަނަ ދުވަހު ރެއާލް ބައްދަލު ކުރަންޖެހޭނީ ސެވިއްޔާއާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!