ޤާނޫނުއަސާސީގައި ރަމްޒީ މާއްދާއެއް ލިޔެފައި އޮންނާނެ ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.
ޢަލީ މިހެން ވިދާޅުވީ، އިއްޔެގެ މަޖިލިސްޖަލްސާގައި "ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ޖުޑީޝިއަރީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު"އަށް ބަހުސް ކުރަށްވަމުންނެވެ.
އެ ރިޕޯޓަށް އިއްޔެ ޖަލްސާގައި މެންބަރުން ވަނީ ވަރަށްފުޅާ ދާއިރާއެއްގަ ބަހުސް ކުރަށްވާފަ އެވެ. އަދި އިއްޔެގެ ޖަލްސާގައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ނެރޭ ގަރާރަށް މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ގޮތަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމި ނިންމުމަށް ތާއިދު ނުލިބި މިހާރުވެސް އަމަލުކުރާ އުސޫލުން އެކަން ކުރިއަށް ގެންދަން މަޖިލީހުން ފާސްވެސް ކޮށްފަ އެވެ.
ގާނޫނު އަސާސީގެ 253 މައްދާގެ ދަށުން ގުދުރަަތީ ކާރިސާއެއް ނުވަތަ ނުރައްކާތެރި ބަލި މަޑުކަމެއް ކުރިމަތިވެދާނެ ހާލަތެއްގައި ރާއްޖޭގެ ހުރިހާ ނުވަތަ ވަކި ސަރަހައްދެއްގައި 30 ދުވަހަށް ވުރެ ގިނަ ދިގު ނޫން މުއްދަތަކަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވަ އެވެ.
އަދި ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުންވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގެ ބާރު ރައީސްއަށް ލިބިވަޑައިގަންނަވަ އެވެ. އެހެންނަމަވެސް އާންމު ސިއްހަތުގެ ގާނޫނުގެ ތެރެއިން ހެލްތު މިނިސްޓަރަށް މިހާރު އެ ބާރު ލިބިވަޑައިގަންނަވާތީ އެމްޑީޕީ އަދި އިދިކޮޅުގެ ބައެއް މެމްބަރުން އިއްޔެ ވަނީ މަޖިލިސްތަޅުމުގައި ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
އިއްޔެގެ ޖަލްސާގައި މިމައްސަލައާއިމެދު ބަހުސް ކުރަށްވަމުން މަޝްހޫރު ޤާނޫނީ ވަކީލު އަދި މެންބަރު ޢަލީ ވިދާޅުވީ ޤާނޫނު އަސާސީގައި ރަމްޒީ މާއްދާއެއް ލިޔެފަ އޮންނާނެކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުން ޤާނޫނުއަސާސީގައި ރަމްޒީ މާއްދާއެއް ލިޔެފައެއް ނޯންނާނެ. އެހެންވީމާ، ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކުރެވޭ ހާލަތްތަކުގެ
ތެރޭގައި ނުރައްކާތެރި ބަލިމަޑުކަމެއް އޮވެގެން ރާއްޖޭގެ ވަކި ސަރަޙައްދެއްގައި ނޫނިއްޔާ މުޅި ދިވެހިރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކުރެވޭ ގޮތަށް އޮތް އޮތުމަކީ ރަމްޒީގޮތުން ލިޔެފައި އޮތް ލިޔުމެއް ކަމަކަށް އަޅުގަނޑެއް ޤަބޫލެއް ނުކުރަން، މިއީ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގައި އެ ބަޔާންކުރާ ނުރައްކާތެރި ބަލިމަޑުކަމުގެ ހާލަތު ނޫން ކަމަށް ވަންޏާ، ދެން މި ހާލަތު އަންނާނެ ދުވަހެއް އަޅުގަނޑަކަށް ނޭނގޭ. ދެން އެ ހާލަތު ކުރިމަތިވާނީ ހަމަ މީހަކަށް ބައްޔެއް ޖެހޭ ގޮތަށް މަރުވީމާ ކަމަށް އަޅުގަނޑުމެން ގަބޫލުކޮށްގެންނުވާނެ. މިއީ މި ގަރުނުގެ ތެރޭގައި މި ފާއިތުވެގެންދިޔަ 100 އަހަރުދުވަހުގެ ތެރޭގައި މުޅި ދުނިޔެއަށް ކުރިމަތިވި އެންމެ ބޮޑު ނުރައްކާތެރި ބަލިމަޑުކަން." ޢަލީ ވިދާޅުވިއެވެ.
ޢަލީ ވިދާޅުވީ، މިއީ އެ ހާލަތު ނޫން ކަމަށް ދެކޭ ނުވަތަ ގަބޫލުކުރާނެ އެއްވެސް ގާނޫނީ ހަމައެއް ނުވަތަ
ޙުއްޖަތެއް ނުވަތަ ބުއްދީގެ ހަމައެއް ވެސް މިހާރު ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.
"އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، ފުރަތަމަ މި ވާހަކަ ދެކެވުނުއިރުގައި އަޅުގަނޑު ވެސް ކުޑަކޮށް ޚިޔާލު ހުރީ ސަރުކާރެއް އޮވެ، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނޯންނަ ހާލަތެއްގައި ކިހިނެއްހޭ ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެގެން ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކުރާނީ؟ އަޅުގަނޑަށް ހީވަނީ އެ ހާލަތުގައި ވެސް ކަން ކުރެވޭނެ ގޮތަށްހެން ޤާނޫނުއަސާ ބައްޓަންކުރެވިފައި މި އޮތީ. ޤާނޫނުއަސާސީގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މި ބާބަށް ބެލީމާ އަޅުގަނޑުމެންނަށް އެބަ ފެނޭ ކުދިކުދި ބާތަކެއް އިނގޭތޯ. ކުދިކުދި ވާގަނޑުތަކެއް އެބަހުރި ދޫކޮށްފައި އެ ހާލަތަކަށް ރިޢާޔަތްކޮށްފަ. 48 ގަޑިއިރުގެ ތެރޭގައި މި ޖެހެނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ފޮނުވަން. އެއީ ރައްޔިތުންގެ މަޖިލިސް ހިނގާ ދުވަސްވަރެއް ކަމުގައި ވާނަމަ. އެހެންވީމާ، 48 ގަޑިއިރު ތެރޭގައި ފޮނުވާއިރުގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނެތް ކަމަށް ވަންޏާ، 47 ވަނަ ގަޑިއިރާއި 59 ވަނަ މިނެޓުގެ ތެރޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާން އުވައި ވެސް ލެވިދާނެ. އަނެއްކާ އަލުން އިޢުލާންކުރެވި ވެސް ދާނެ. ރައްޔިތުންގެ މަޖިލިސް ނެތް ހާލަތެއްގައި، ސެޝަނެއްގައި ނެތް ހާލަތެއްގައި 14 ދުވަސް އެބައޮވޭ." ޢަލީ ވިދާޅުވިއެވެ.
ޢަލީ ވިދާޅުވީ، ޤާނޫނުއަސާސީގައި އެކަން ބަޔާންކޮށްފަ އޮތީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނެތި ވެސް ބަލިމަޑުކަމެއްގެ ހާލަތުގައި، ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްގެން އެކަން ޙައްލުކުރެވޭނެ ގޮތަށް ކަމަށެވެ. އަދި މިއަދު ގަބޫލުކުރަން އުނދަގޫ ކަމަކީ، މަޖިލީހުގެ ރުހުމެއް ނެތި، ރައްޔިތުންގެ ވޯޓެއް ނެތި، ސަރުކާރުގެ ވަޒީރަކަށް ނުވަތަ އަދި ސަރުކާރުގެ މުއައްސަސާއެއްގައި ހުރި މީހަކަށް ރައްޔިތުންގެ އަސާސީ ޙައްޤެއް ހިފެހެއްޓުމުގެ ބާރު މިގޮތަށް ދީފައި އޮތުމަކީ އެއްވެސް ގޮތަކަށް ގަބޫލުކުރެވޭނެ ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޖުޑީޝިއަރީ ކޮމިޓީން ފާސްކޮށްފައިވާ ގޮތަށް އެ ރިޕޯޓު ފާސްކުރަން ޢަލީ ވަނީ ތާއީދު ކުރަށްވާފަ އެވެ.
އެމައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށް ތަޅުމަށް ފޮނުވީ އެމައްސަލަ ހުށަހެޅުއްވި އެމްޑީޕީގެ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުށަހެޅުއްވިގޮތަށެވެ. އެއީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރުމުން އެކަމަށް ނެރޭ ގަރާރު މަޖިލީހަށް ހުށަހަޅާ ފާސްކުރަންޖެހޭ ގޮތަށް އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު އިސްލާހު ކުރުމަށެވެ.
ނަމަވެސް އެމްޑީޕީގެ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު، ޖުޑިޝަރީ ކޮމިޓީގެ ނިންމުން ބާތިލްކޮށް މިހާރު ވެސް އަމަލުކުރާ އުސޫލުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހުށަހެޅުއްވިއެވެ.
ޝާހިދު ހުށަހެޅުއްވި ގޮތަށް ކޮމިޓީގެ ރިޕޯޓް ފާސްވީ 39 މެމްބަރުންގެ ވޯޓާ އެކު އެވެ. ޝާހިދު ހުށަހެޅުންތަކާ ދެކޮޅަށް 29 މެމްބަރަކު ވޯޓު ދެއްވިއިރު އެއް ބޭފުޅަކު ވަކި ގޮތަކަށް ވޯޓު ނުދެއްވަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!