ހއ. އަމާންވެށީގައި ތިބި ކުދިންނަށް، ދިއްދޫ މިޑްލް ސްޕޯޓްސް ކްލަބްގެ ފަރާތުން ރޯދަވީއްލުމެއް ދީފިއެވެ.
މި ރޯދަވީއްލުން ދީފައި ވަނީ އިއްޔެއެވެ. ރޯދަވީއްލުން އިންތިޒާމް ކޮށްފައި ވަނީ އެ ކްލަބްގެ މެންބަރެއްގެ ގޭގަ އެވެ.
އެ ކްލަބްގެ ރައީސް ނަޝްވާން އިބްރާޙީމް ''ތިލަދުން''އަށް ބުނީ އެއީ ވަރަށް އުފާވެރި މަންޒަރެއް ކަމަށެވެ. އެހީތެރިކަމަށް ބޭނުންވެފައިވާ އެ ކުދިން ދައުލަތުގެ ފަރާތުން ވަކިތަނެއްގައި ބަލަހައްޓަމުންދާއިރު، އެގޮތަށް ޢާއިލާތަށް ކައިރިއަށް ނުކުމެ އެފަދަ ކަމެއްގައި ބައިވެރިވާން ފުރުޞަތު ލިބިގެން ދިޔުމުން އެކުދިންގެ މޫނުމަތިން އުފާވެރިކަން ފެނިގެން ދިޔަ ކަމަށް ނަޝްވާން ބުންޏެވެ.
"އެއީ ވަރަށް އެހެން ކަހަލަ ވަގުތުކޮޅެއް، އެކުދިން ތިބީ ވަރަށް އުފަލުން، އެކުދިންނަށް ލިބުނު އުފާ ފެނިފައި އަޅުގަނޑުމެންނަށް ވެސް ލިބުނު އުފާ ހަމަ ބުނެދޭން ނޭނގޭ" ނަޝްވާން ބުންޏެވެ.
އެ ރޯދަ ވީއްލުމަށް ދިއްދޫގެ ގެޔަކަށް އެކުދީން ގެންދަން ނިންމީ ވީހާވެސް އެކުދީންނަކީ ވެސް މިމުޖުތަމައުގެ ބައެއްކަން އިޙްސާސްކޮށް ދިނުމުގެ ބޭނުމުގައި ކަމަށް ނަޝްވާން ބުންޏެވެ. އަދި އެކުދީންނަކީ އެރަށުގެ މީހުންގެ ލޯބިލިބިގެންވާ، އެއްބަޔެއްކަން އިހްސާސްކޮށްދިނުމުގެ ބޭނުމުގައި ކަމަށް އޭނާ ބުންޏެވެ.
Today, we provided an Iftar to children at the Amanaveshi, HA.Dhidhdhoo.
Alhamdhlillah that we were able to spend such a fine evening with the lovely children in this holy month of Ramadan. May Allah make these children’s lives prosperous and bless everyone taking care of them. pic.twitter.com/yR3fLd4mAE— Middle Sports Club (@middlesc_dhidho) April 28, 2021
މިވަގުތު ހއ. އަމާންވެށީގައި ތިބީ 16 ކުއްޖެކެވެ. އިއްޔެގެ ރޯދަވީއްލުމުގައި ބައިވެރިވީ 15 ކުއްޖެކެވެ. އަނެއްކުއްޖާއަކީ އަލަށް އެރަށަށްގެނައި ކުއްޖެއްކަމުން އެކުއްޖާ އަދި ހުރީ ކަރަންޓީނުގައެވެ. އެކުއްޖާއަށް ވެސް އިއްޔެ ރޯދަވީއްލުމުގެ ތަށިބަރިއެއް ފޮނުވިއެވެ.
ދިއްދޫގައި، ހއ. އަމާންވެށި ހުޅުވައި، އެތަނަށް 15 ކުއްޖަކު ބަދަލޔުކުރީ މިއަހަރަކުގެ މާރިޗް މަހުގެ 6 ވަނަ ދުވަހުއެވެ. އެދުވަހު އެ އިމާރާތް ހުޅުވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ ވަނީ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންތެރެއިން ކުދިން ކޮޅެއް ބަލާ ބޮޑުކޮށް ތަރުބިއްޔަތުކޮށް ރަނގަޅު ދިވެހި ރައްޔިތުންގެ ގޮތުގައި ހެދުމަށް ބޭނުންވާތީ، ދިއްދޫގައި ''އަމާން ވެއްޓެއް''ގާއިމުކޮށް ދިނުމަށް އެދި ދިއްދޫ ރައްރައްޔިތުންގެ ފަރާތުން، ދިއްދޫ ކައުންސިލުން މިދިޔަ އަހަރުގެ ތެރޭގައި ޖެންޑަރ މިނިސްޓްރީއަށް ސިޓީއަކުން އެދުމުން ކޮންމެހެންވެސް އެކަން ކޮށްދޭން ބޭނުންފުޅުވިކަމަށް ވިދާޅުވެފަ އެވެ.
''އަޅުގަނޑުމެންގެ އުންމީދަކީ ހެޔޮގޮތުގައި ރަނގަޅުގޮތުގައި މިރަށް، ޚާއްޞަކޮށް މިރަށުގައި، މިރަށުގެ ސްކޫލްގައި މިރަށު ރައްޔިތުންނާއެކު މިކުދިން ބޮޑުވުން، އަޅުގަނޑު މިހެން ބައްދަލުވާ ދުވަސް ދުވަހު ބުނެލަންބޭނުންވާ ދެތިން އެއްޗެއް އޮވޭ، އެއްވާހަކައަކީ އަޅުގަނޑުމެން މިކޮޅަށް، ދައުލަތުގެ ބެލުމުގެ ދަށަށް ނެގިފައި ތިބޭ ކުދިންނަކީ ކުށުގެ މާހައުލުން ނެގިފައި ތިބޭ ކުދިން، ދިމާވާ އެކި ހާދިސާތަކާހެދި މައިންބަފައިންނާއެކީ މިވަގުތު ދިރިއުޅެން ނެތީމަ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން މިކުދިންނަކީ ހަމަ އަޅުގަނޑުމެންގެ އަމިއްލަ ކުދިންފަދަ މައުސޫމް ރަނގަޅު ކުދިން، މިކުދިންނަށް ބޭނުންވަނީ ލޯތްބާއި އަޅާލުމާއި، މައިވަންތަކަމުގެ ކުލުނު''
އެދުވަހު މިނިސްޓަރު އިތުރަށް ވިދާޅުވެފަ ވެއެވެ.
އަމާންވެށީގައި ތިބި ކުދިންނަށް، ދިއްދޫ މިޑްލް ސްޕޯޓްސް ކްލަބްގެ ފަރާތުން ރޯދަވީއްލުމެއް ދިންއިރު، އެކްލަބްގެ އިޖުތިމާޢީ ޚިދުމަތް އަދިވެސް އޮތީ ހިތްވަރާއެކު ކުރިއަށް ކަމަށް އެ ކްލަބުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!