ވަޒީފާ އަށް އިހުމާލުވާކަމަށް ބުނެ، ޓްރާންސްޕޯޓް އޮތޯރިޓީން ވަކިކުރި ދެ މުވައްޒަފަކު ވަކިކުރުމުގައި ޓްރާންސްޕޯޓް މިނިސްޓްރީން އަމަލުކޮށްފައިވާ ގޮތް ރަނގަޅު ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއިން ނިންމައިފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ 11 މުވައްޒަފަކު ވަޒީފާ އިން ވަކިކުރި ކުރުމުން، އެ މައްސަލަ ބަލައިދިނުމަށް އެ މުވައްޒަފުން ވަނީ ސިވިލް ސާވިސް ކޮމިޝަނާއި ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފަ އެވެ.

Ad
rt

އޭގެތެރެއިން ދެ މުވައްޒަފެއްގެ މައްސަލަ ނިންމި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނިންމުމުގައި އެ ދެ މުވައްޒަފުން ވެސް ހަމަޖެހިފައިވާ އުސޫލަށް ވުރެ ގިނަ އިން ގަޑިޖެހިފައިވާ ކަން ފާހަގަކޮށްފަ ވެއެވެ. އަދި އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވުމަށްފަހު އެކަން ކުރީ މަޖުބޫރު ވެގެން ކަމަށް ބުނި ނަމަވެސް އެކަމަށް ބާރުދޭ ހެއްކެއް ނެތް ކަމަށްވެސް ނިންމުމުގައިވެ އެވެ.

އެ މައްސަލާގައި ސިވިލް ސާވިސް ކޮމިޝަނުން އެންމެ ފުރަތަމަ ޓްރާންސްޕޯޓް މިނިސްޓްރީއަށް އެންގީ އެ މުވައްޒަފުންނަށް އިސްލާހު ވާން ފުރުސަތު ދިނުމަށެވެ. ނަމަވެސް އެ މުވައްޒަފުންގެ ހާޒިރީ ރިޕޯޓް ކޮމިޝަނަށް ފޮނުވުމާ އެކު އެ ކޮމިޝަނުން ފަހުން ނިންމީ އެ މީހުން ވަޒީފާ އިން ވަކިކުރަން ޖެހޭ ކަމަށެވެ.

ވަޒީފާ އިން ވަކިކުރުމުގެ ކުރިން ޖަވާބުދާރީވުމަށް ދިން ފުރުސަތުގައި ސިވިލް ސާވިސް ކޮމިޝަންގެ ނިންމުން މުރާޖައާކޮށް ދިނުމަށް އެ މުވައްޒަފުން އެދުނެވެ. އަދި އެގޮތަށް އަމަލުކުރެވެން ނެތް ނަމަ އެމީހުންނަކީ އަމިއްލަ އަށް ވަޒީފާ އިން ވަކިވި ބައެއް ކަމަށް ކަނޑައަޅައިދީ އެއް މަހުގެ ނޯޓިހެއް ދިނުމަށްވެސް އެ މުވައްޒަފުން އެދުނެވެ.

ސިވިލް ސާވިސް ކޮމިޝަނުން އެގޮތަށް ހަމަޖައްސައިދީފައި ވަނިކޮށް އެ މުވައްޒަފުން ވަނީ ވަޒީފާ އިން ވަކިކުރަން ނިންމީ ސިވިލް ސާވިސްގެ ގާނޫނާ ހިލާފަށް ކަމަށް ބުނެ އަލުން ވަޒީފާ ހޯދުމުގެ އަމުރަކަށް އެދި ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފަ އެވެ.

އެގޮތުން ޓްރައިބިއުނަލަށް ހުށަހަޅާފައިވާ ދެ މައްސަލަ ނިންމާފައިވާއިރު ބާކީ ނުވަ މައްސަލަ ވެސް ގާތްގަނޑަކަށް ނިމިފައިވާ ކަމަށް ޓްރައިބިއުނަލުން މައުލޫމާތުދެ އެވެ.