ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް ޤުރުއާން އުނގަންނައިދިނުމުގެ ޕްރޮގްރާމްއެއް

photo_2021-04-26_15-42-13

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ކީރިތި ޤުރުއާން އުނގަންނައިދިނުމުގެ ޕްރޮގްރާމް މިއަދު އިފްތިތާޙްކޮށްދެއްވައިފިއެވެ.

މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްޙޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ.

މި ޕްރޮގްރާމްގެ މައިގަނޑު އެއް މަޤްޞަދަކީ ރާއްޖެއިން ބޭރުގައި ދިރިއުޅެމުންގެންދާ ދިވެހި ދަރިވަރުންނަށް ޤުރުއާން އުނގެނުމަށް އޮތް ފުރުޞަތު ހަނި ވުމުގެ ސަބަބުން ޤުރުއާން އުނގެނުމަށް ދިމާވެފައިވާ ދަތިކަން ފިލުވާލައި ދިވެހީންނަކީ ޤުރުއާނަށް އަހުލުވެރި ބަޔަކު ކަމުގައި ހެދުން ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މީގެއިތުރުން ރާއްޖެއިން ބޭރުގައި ތިބި ދިވެހީންނަށްވެސް އެ ޤައުމުތަކުގައި ތިބެ ޤިރާއަތު ސެޓްފިކެޓް ފެންވަރަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމަކީވެސް މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދެއް ކަމަށް ވެސް އެ މިނިސްޓްރީއިން ވިދާޅުވިއެވެ.

މިނިސްޓަރި އޮފް އިސްލާމިކް އެފެއާޒް އާއި ރައީސުލްޖުމްޙޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އިތުރުން ޕްރޮގްރާމްގައި މިހާރު ބައިވެރިވެފައިވާ ޤައުމުތަކުގެ އެމްބެސެޑަރުންވެސް މި ރަސްމިއްޔާތުގައި ވަނީ ބައިވެރިވެފައެވެ.

މި ޕްރޮގްރާމް ފުރަތަމަ ފެށިގެން މިދަނީ މެލޭޝިޔާ، ސްރީލަންކާ އަދި އިންޑިޔާ އަށް މި ޕްރޮގަރާމްގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި ޕްރޮގްރާމްގައި ބައިވެރިވުމަށް ރެޖިސްޓަރީ ކޮށްފައި ބައިވެރިންނާއި އެކުގައެވެ.

މިގޮތުން މެލޭޝިޔާ އިން 66 ބައިވެރިން، ސްރީލަންކާއިން 25 ބައިވެރިން އަދި އިންޑިޔާ އިން 8 ބައިވެރިން މި ޕްރޮގްރާމްގައި ރަޖިސްޓަރީ ކޮށްފައި ވެއެވެ. އެހެންކަމުން މި ކްލާސްތަކުގައި މެލޭޝިޔާ އިން 25 ބައިވެރިން، ސްރީލަންކާއިން 14 ބައިވެރިން އަދި އިންޑިޔާ އިން 8 ބައިވެރިން ކިޔަވަމުން ދެއެވެ.

ބައިވެރިންނަށް ފަސޭހަ ވަގުތުތައް ބަލާ އިތުރު ކްލާސްތައް ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަށުން ހިންގާ ކީރިތި ޤުރުއާނާއިބެހޭ ޤައުމީ މަރުކަޒުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *