ހުސްވެފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރަން ތިން ބޭފުޅެއްގެ ނަން ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް މަޖިލީހަށް ފޮނުއްވައިފިއެވެ.
އެމަގާމަށް ކުރިމަތޮލުމަށް މިދިޔަ މަހުގެ 22 ގައި ކުރިމަތިލުމަށް ހުޅުވާލުމުން އެ މަގާމަށް އައްޔަން ކުރުމަށް ރައީސް ފޮނުވި ތިން ބޭފުޅުންނަކީ އަލްއުސްތާޒު ޝިހާމް މުހައްމަދު ވަހީދު، ދަފްތަރު ނަންބަރު: 5،843، އަލްއުސްތާޒު އާހިދު ރަޝީދު، ހ. ގުރުވަ އަދި މަރިޔަމް އަލީމް، ގ. ދާސްތާން އެވެ.
މިލިސްޓްގެ ކުރީގައި އޮތް ޝިހާމް މުހައްމަދު ވަހީދުއަކީ ރައީސް ވަހީދުގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ފުރުއްވި ބޭފުޅެކެވެ. އަދި އޭނާއަކީ ވީ މީޑިއާ ގްރޫޕްގެ ޑެޕިއުޓީ ސީއީއޯގެ މަގާމު ވެސް އަދާ ކުރެއްވި ކުރީގެ ނޫސްވެރިއެކެވެ.
މި މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް ބޭނުންފުޅުވާ ތިން ބޭފުޅުންގެ ތެރެއިން ބޭފުޅަކަަށް ރުހުން ހޯދުމަށް ރައީސް ޞާލިޙް މަޖިލީހަށް ފޮނުވި ސިޓީ، މިއަދު މަޖިލިސް ޖަލްސާގައި ވަނީ އިއްވާފައި ވާއިރު، އެ ތިން ބޭފުޅުންގެ ނަން ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.
ކުރިން އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި ހުންނެވީ ހުސައިން ފިޔާޒު މޫސާއެވެ. އޭނާ ވަނީ އެ އެމަގާމް އިސްތިއުފާ ދެއްވާފަ އެވެ. ފިޔާޒް އެމަގާމަށް އައްޔަން ކުރީ 2019 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 31 ވަނަ ދުވަހު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!