ހަނިމާދޫން ފެނުނު ކޯވިޑް-19 ތިން ޕޮޒިޓިވްކޭހާއި ގުޅިގެން، އެމީހުންނާއި ސީދާ ބައްދަލުވި މީހުންގެ ގޮތުގައި ނެގި އިތުރު ސާމްޕަލްތައް ނެގެޓިވްވެއްޖެއެވެ.
މިމަހުގެ 20 ވަނަ ދުވަހު އއ. މަތިވެރިން ހދ. ހަނިމާދޫއަށް ދަތުރުކުރި ތިން މައިންގެ ތެރެއިން ދެމައިން ކޯވިޑް-19އަށް ޕޮޒިޓިވްވީ މިމަހުގެ 22 ވަނަ ދުވަހުއެވެ.
އެ މީހުން ޕޮޒިޓިވްވުމުން އެ މީހުންނާއި ބައްދަލުވި މީހުންގެ ގޮތުގައި 20 މީހެއްގެ ސާމްޕަލް ނެގިއެވެ. އެ ސާމްޕަލްތަކުގެ ތެރެއިން އެއް ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ. އެއީ ޕޮޒިޓިވްވި އަންހެންކުއްޖާގެ މަންމައެވެ. އޭނާ ޕޮޒިޓިވްވީ މިމަހުގެ 23 ވަނަ ދުވަހުއެވެ.
އިތުރު މީހެއް ހަނިމާދޫން ޕޮޒިޓިވްވުމުން ސީދާ ބައްދަލުވި މީހުންގެ ގޮތުގައި އެރޭ އިތުރު ތިން މީހެއްގެ ސާމްޕަލް އަދި ރޭގައި އިތުރު ފަސް މީހެއްގެ ސާމްޕަލް ނެގުނު ކަމަށް ހަނިމާދޫ ކައުންސިލްގެ އެކްޓިން ސެކެރެޓަރީ ޖެނެރަލް އިބްރާޙީމް ޢަލީ ''ތިލަދުން''އަށް ވިދާޅުވިއެވެ. އަދި އެހުރިހާ ސާމްޕަލްތައް ވެސް ނެގެޓިވްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިރޭ މިހާރު ކުރިއަށް އެދަނީ ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް" އިބްރާޙީމް ވިދާޅުވިއެވެ.
މިމަހުގެ 22 ވަނަ ދުވަހު ހަނިމާދޫން ޕޮޒިޓިވް ދެ ކޭސް ފެނުނުމުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ ހަމަ އެދުވަހު ހަވީރު އެރަށް މޮނިޓަރިން ހާލަތަށް ވެސް ގެނެސްފައެވެ. ބެލެވޭގޮތުގައި އެރަށް މޮނިޓަރިން ހާލަތުން ވީއްލާނީ ރެންޑަމް ސާމްޕަލްތަކުގެ ނަތީޖާއަށް ފަހުއެވެ.
ރާއްޖޭގައި މިބަލީގެ ހާލަތު އަދިވެސް ނާޒުކް ފައްތަރެއްގައި އޮތްއިރު، ފާއިތުވި ތިން ދުވަހުގެ ނަންބަރުތަކަކަށް ބަލާލާއިރު، ހުކުރު ދުވަހުގެ ޕޮޒިޓިވް ނަންބަރު ހުރީ 300 އިން މަތީގައެވެ. އިއްޔެވެސް 200 ވުރެ ގިނަ މީހުން ޕޮޒިޓިވްވިއެވެ. މިއަދުވެސް 253 މީހަކު ޕޮޒިޓިވްވިއެވެ.
ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 123 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުންދާއިރު އޭގެ ތެރެއިން ފަސް މީހަކަށް އައިސީޔޫގައި ދަނީީ ފަރުވާ ދެމުންނެވެ.
ރާއްޖޭގެ މިހާތަނަށް 27،846 މީހަކަށް އެ ބަލި ޖެހިފައިވާއިރު، އެ ބަލީގައި 71 މީހަކު ވަނީ ނިޔާވެފަ އެވެ. 3،485 މީހަކު އަދިވެސް އެ ބަލިން ރަނގަޅުނުވެ ތިބިއިރު، މިހާތަނަށް 24،309 މީހުން ވަނީ އެ ބަލިން ރަނގަޅުވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!