ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގަށް ހާޒިރު ކުރުމަށް ބިދޭސީއަކު ހޯދުމަށް ފުލުހުން އިއުލާނުކޮށްފިއެވެ.

މި މައްސަލައިގައި ތުހުމަތުގައި ހޯދަން ފުލުހުން ޢިއުލާންކޮށްފައި ވަނީ، ބަނގްލަދޭޝް ރައްޔިތެއް ކަމަށްވާ، އުމުރުން 34 އަހަރުގެ އެމް.ޑީ އިދްރީސް އެވެ.

Ad
rt

ފުހުން ވިދާޅުވެފައި ވަނީ، އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުކުރަން ބޭނުންވަނީ، ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާއި ގުޅިގެން ސުވާލުކުރުމަށް ކަމަށެވެ.

އޭނާ ހޯދަން ޢިއުލާންކުރީ، އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދު ކުރެވިފައިނުވުމުން، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގެ ދަށުން ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.

ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުން، ކުށުގެ ތުހުމަތުކުރެވޭ މީހާއަށް ހާޒިރުވުމަށް އަންގާ ޗިޓު ރައްދުނުކުރެވުނު ނަމަ، ކުށުގެ ތުހުމަތުކުރެވޭ މީހާގެ ފޮޓޯއާއެކު އޭނާ ހޯދުމަށް އާންމުކޮށް އިއުލާނު ކުރާނެ ކަމުގައާއި އޭނާގެ އާއިލާގެ މެންބަރަކަށް ނުވަތަ އޭނާގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތަކަށް އެންގުމަށްފަހު، އެ މީހަކު ހާޒިރުވުމަށް އަންގައި އާންމުކޮށް އިއުލާނުކުރުމުގެ އިޚްތިޔާރު ފުލުހުންނަށް ލިބިފައިވެއެވެ.

އޭނާ މިމަހުގެ 29 ވަނަ ދުވަހު ހެނދުނު 10:00 އަށް، ސ. ހިތަދޫ ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރީގައިހުރި ޕޮލިސް ސްޓޭޝަނަކަށް، ހާޒިރުކުރުމަށް އަންގާ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފަ އެވެ.

މިއީ މިމީހާ ހޯދަން ފުލުހުން ޢިއުލާންކުރި ދެވަނަ ފަހަރެވެ. މިއަހަރުގެ ޖެނުއަރީމަހުގެ24 ވަނަ ދުވަހު ވެސް މިމީހާ ހޯދަން ފުލުހުން ޢިއުލާން ކުރިއެވެ. އެހަފަހަރު 2021 ޖަނަވަރީ 31 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރި ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވާން އޭނާއަށް އެންގިއެވެ.