ހދ. ދިއްދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ އެ ކައުންސިލްގެ 9 ވަނަ ޤުރްއާން މުބާރާތް މިއަދު ފަށައިފިއެވެ.

މި މުބާރާތް ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 24 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.

Ad
rt

މިއަދު މެންދުރުފަހު 13:15 ގައި ފެށި މި މުބާރާތް ކުރިއަށް ދަނީ ދިއްދޫގައި ހުންނަ "އަތޮޅު ގޭގެ" މީޓިން ރޫމްގަ އެވެ.

މި މުބާތުގައި ޖުމްލަ 209 ދަރިވަރުން ކިޔަވަން ތާވަލުކޮށްފައިވާއިރު، ބަލައިގެން ކިޔެވުމުގެ ބައިގައި 128 ދަރިވަރެއް ކިޔަވާނެއެވެ. 57 ދަރިވަރެއް ހިތުން ކިޔަވަން ހަމަޖެހިފައިވާއިރު، 4 އަހަރުން ދަށުގެ އުމުރުފުރާގައި 24 ދަރިވަރަކު ކިޔަވާނެއެވެ.

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ މުއްދަތުގައި މި މުބާރާތުގެ ބައިވެރިންކުރެ ކޯވިޑްއާއި ގުޅިގެން ކަރަންޓީނުގައި ހުރިފަރާތެއް ވާނަމަ ނުވަތަ ޕޮޒިޓިވްވެފައިވާ ފަރާތެއް ވާނަަމަ އަލުން ކިޔެވުމުގެ ފުރުޞަތުދޭ ގޮތަށް ނިންމާފައިނުވާކަމަށް ދިއްދޫ ކައުންސިލުން ވިދާޅުވެއެވެ.

މިއަހަރުގެ މާރިޗް މަސްތެރޭގައި ދިއްދޫގެ އަމިއްލަ ކްލަބެއްކަމަށްވާ، މިޑްލް ސްޕޯޓްސް ކްލަބްއިން ވެސް ވަނީ އެ ކްލަބްގެ ފުރަތަމަ ޤުރުއާން މުބާރާތް އެރަށުގައި ބާއްވާފައެވެ. އެ މުބާރާތުގައި 11 އުމުރު ފުރާއަކުން ޖުމްލަ 354 ކުދިން ބައިވެރިވެ ކިޔެވިއެވެ. އެ މުބާރާތުގެ 1 ވަނަ ހޯދާފައި ވަނީ ހއ. ދިއްދޫ ސަންޝައިން، އައުލާ އަޙްމަދު ޝާކިރު އެވެ.