ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ނައިބުގެ މަޤާމަށް މ. ހިޔަމަ ޢަލީ މާޖިދު މިއަދު ޢައްޔަނު ކުރައްވައިފިއެވެ.
ޢަލީ މާޖިދަކީ ނ. އަތޮޅު ކައުންސިލް މެންބަރުކަން އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ ވަނީ ނޮދަރން ޔޫޓިލިޓީސްގެ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ކަމާއި، ޕްލޭންކްޓަންސް ބީޗް ހޮޓެލް އަދި މޯނިންގ ސަންރައިސް ޕްރައިވެޓް ލިމިޓެޑް ފަދަ ކުންފުނިތަކުގައި ޖެނެރަލް މެނޭޖަރގެ މަޤާމު އަދާކުރައްވާފައެވެ. މީގެ އިތުރުންވެސް އަމިއްލަގޮތުން މަސައްކަތްކުރާ އެކި ކުންފުނިތަކުގެ އިސް މަޤާމުތައް ޢަލީ މާޖިދު ވަނީ ފުރުއްވާފައެވެ.
ޢަލީ މާޖިދު މި މަޤާމަށް ޢައްޔަނުކުރެއްވުމާހަމައަށް، އަމިއްލަގޮތުން ކުރައްވަމުން ގެންދެވި މަސައްކަތަކީ އިންޓީރިއަރ ޑިޒައިނިންގ އަދި ޕްރޮޖެކްޓް މެނޭޖްމަންޓްގެ މަސައްކަތްތަކަމަށް ރައީސް އޮފީހުން މައޫލޫމާތު ދެއްވައެވެ.
ޢަލީ މާޖިދަކީ މަންދުކޮލެޖުން ޑިޕްލޮމާ އިން ބިޒްނަސް މެނޭޖްމަންޓް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. މީގެ ކުރިން ޢަލީ މާޖިދު ވަނީ ސެޓްފިކެޓް އިން ޓްރެވަލް އެންޑް ޓުއަރ އޮޕްރޭޝަންސް ކޯސްވެސް ފުރިހަމަކުރައްވާފައެވެ.
އެ މިނިސްޓްރީގައި އިތުރު ނައިބަކު ނުހުންނަވައެވެ. އެ މިނިސްޓްރީގައި ދެ ސްޓޭޓް މިނިސްޓަރަކު ތިއްބަވައެވެ. އެއީ ޙަސަން ރަޝީދު އަދި އަޙްމަދު މުޙައްމަދެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!