މިމަހުގެ 10 ވަނަ ދުވަހު އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ދާއިމީ ނަތީޖާ ޢިއުލާން ކުރަން ފަށައިފިއެވެ.

މި އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނު ކުރަން ފަށާފައި ވަނީ މިއަދު މެންދުރު 2:00ގަ އެވެ. އަދި މި އިންތިހާބުގެ ވަގުތީ ނަތީޖާތައް އިއުލާނުކޮށް ނިންމާފައި ވަނީ މިމަހުގެ 18 ވަނަ ދުވަހު އެވެ.

Ad
rt

ވޯޓުލައި ނިމޭތާ 14 ދުވަހުގެ ތެރޭގައި ދާއިމީ ނަތީޖާ އިއުލާނުކުރަން އިންތިޚާބާބެހޭ ގާނޫނު ލާޒިމު ކުރެ އެވެ.

ކޯވިޑް-19ގެ ބަލިމަޑު ކަމުގެ ތެރޭގައި މުޅި ރާއްޖޭގައި އިންތިޚާބު ބާއްވާފައިވާއިރު މިއިންތިޚާބަކީ މިހާތަނަށް ރާއްޖޭގައި ބާއްވާފައިވާ އެންމެ ބޮޑު އަދި އެންމެ ގިނަ ކެނޑިޑޭޓުން ވާދަކުރި އިންތިޚާބެވެ. ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި 3934 ކެނޑިޑޭޓުން ވާދަކުރިއެވެ. މީގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރި 2264 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރި 1670 ކެނޑިޑޭޓުންނެވެ.

އީސީން އާންމުކުރި އިންތިހާބުގެ ވަގުތީ ނަތީޖާއިން އެ އިންތިޚާބުގައި މާލެ ސިޓީން ޕީޕީއެމަށް 13 ގޮނޑި ލިބިފައި ވެއެވެ. އެމްޑީޕީއަށް ލިބިފައި ވަނީ 6 ގޮނޑި އެވެ. ޖުމްހޫރީ ޕާޓީއަށް 1 ގޮނޑި ލިބިފައި ވެއެވެ.

މީގެ އިތުރުން 11 އަތޮޅެއްގެ އަތޮޅު ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވެފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. ޕީޕީއެމަށް ލިބިފައިވަނީ 7 އަތޮޅެއްގެ އަތޮޅު ކައުންސިލްގެ މަގާމެވެ.