މިހާރު އަމަލުކުރާ ވެރިކަމުގެ ނިޒާމަށް އަމަލުކުރަނީ ރައްޔިތުންގެ ސީދާ ވޯޓަކުން ކަމަށް ވާތީ، އެ ނިޒާމަށް ބަދަލު ގެނެވޭނީ ވެސް އެ ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ގައުމު ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެ ވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށާއި 2023 ގައި ބޮޑުވަޒީރަކަށް ވެ ވަޑައިގަތުމުގެ ޝައުގުވެރިކަން އޮތްް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހަންމަދު ނަޝީދު، ރައީސް އިބްރާހިމް މުހަންމަދު ޞާލިޙަށް މެސެޖަކުން ދަންނަވައިފިކަމަށް ރޭ ވަނީ އަޑު ފެތުރިފައެވެ.

Ad
rt

ރައީސް ނަޝީދުގެ އެ މެސެޖް ރައީސް ޞާލިޙްގެ އިތުރުން ބައެއް ވަޒީރުންނަށް ވެސް ފޮނުއްވި ކަމަށް ޚަބަރު ފެތުރުނެވެ. އަދި އެ މެސެޖްކަމަށް ބުނާ މެސެއްޖެއްވެސް މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

މިގޮތަށް އަޑުއަރާފައި ވަނިކޮށް، ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ބައެއް މީޑިއާތަކަށް ވިދާޅުވީ، ރައީސް ނަޝީދުގެ އެ މެސެޖަށް ރައީސް ޞާލިޙް ޖަވާބު ދެއްވާފައިވާ ކަމަށެވެ. އަދި މިހާރު އަމަލުކުރާ ވެރިކަމުގެ ނިޒާމަށް އަމަލުކުރަނީ ރައްޔިތުންގެ ސީދާ ވޯޓަކުން ކަމަށް ވާތީ، އެ ނިޒާމަށް ބަދަލު ގެނެވޭނީ ވެސް އެ ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސް ޞާލިޙް ދެކެވަޑައިގަންނަވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރައީސް ނަޝީދު، ރައީސް ޞާލިޙަށް ފޮނުއްވެވި މެސެޖުގައި ވަނީ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ޖެހޭ ކަމަށް ވިދާޅުވެ، އެކަމުގެ މަޝްވަރާތައް ކުރިއަށް ގެންދަވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ސަރުކާރު އުވާލައްވާ، 2023 ގައި ރިޔާސީ އިންތިހާބު ނުބޭއްވުމަށް ވެސް ނަޝީދުގެ މެސެޖުގައި އެދިވަޑައިގެންފައި ވެއެވެ. އެއާއިއެކު ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ޝައުގުވެރިކަން ނަޝީދު ވަނީ ފާޅުކުރައްވާފަ އެވެ.

އެ ބަދަލުގެންނަން ފެނިވަޑައިގަންނަވަނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކަމަށާއި، އަދި އޭގެ ފަހުން 2024 ވަނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ހަމައަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާނެ ބޭފުޅަކު އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅުއްވުމަށް ނަޝީދު ވަނީ ހުށަހަޅުއްވާފަ އެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ވާހަކަ ފެންމަތިވުމުން ގިނަ ބަޔަކު އަންނަނީ މި މަޢުލޫއަށް ޝުޢޫރު ފާޅުކުރަމުންނެވެ.

ރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމެއް ކަނޑައަޅަން ވާހަކަ ދެކެވި ބަހުސް އުފެދުމުން 2007 ވަނަ އަހަރު ވަނީ ރާއްޖޭގައި ޕަބްލިކް ރެފަރެންޑަމެއް ކުރިއަށް ގެންގޮސްފަ އެވެ.

މިގޮތުން އެ އަހަރު ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ހިންގާން އޮންނަން ބޭނުން ވަނީ ރިޔާސީ ނިޒާމެއްތޯ، ނޫނީ ބަރުލަމާނީ ނިޒާމެއްތޯ ކަނޑައެޅުމުގެ ވޯޓެއް ނަގާފައެވެ.

އެ ވޯޓުގައި ބައިވެރިވުމުގެ ހައްގުލިބުނު 199،841 މީހުންގެ ތެރެއިން 155،890 މީހުން ވަނީ އެ ވޯޓްގައި ބައިވެރިވެފަ އެވެ. އެ ވޯޓްގައި ރާއްޖޭގައި ރިޔާސީ ނިޒާމެއް އޮންނަން ފެންނަ ކަމަށް 95،619 މީހުން ވަނީ ވޯޓް ދީފަ އެވެ. އެއީ ވޯޓްލީ މީހުންގެ 62.04 ޕަސެންޓެވެ. ބަރުލަމާނީ ނިޒާމަކަށް ތާއީދުކޮށް ވޯޓް ދީފައި ވަނީ 58،508 މީހުުންނެވެ. އެއީ ވޯޓްލީ މީހުންގެ 37.96 ޕަސެންޓެވެ. ބާތިލު ވޯޓުގެ ޢަދަދަކީ 1767 ވޯޓް އެވެ. އެ ވޯޓުން ރާއްޖޭގެ ސާފު އަޣުލަބިއްޔަތެއްގެ ރައްޔިތުން ވަނީ ރާއްޖޭގައި ރިޔާސީ ނިޒާމެއް ބޭއްވުމަށް ރައްޔިތުންގެ ނިންމުން ނިންމާފަ އެވެ.