ޕާކިސްތާނަށް ޖާސޫސު ކުރާ ކަމަށްބުނެ އިންޑިއާގެ ޖަލުގައި ދިން އަނިޔާއާ ގުޅޭގޮތުން މަރިޔަމް ރަޝީދާ އޭނާގެ ތަޖުރިބާ ހިއްސާކޮށްފިއެވެ.

އިންޑިއާގެ ދަ ހިންދޫ ނޫހަަށް މައުލޫމާތު ދެމުން އޭނާ ބުނީ 30 އަހަރުވަންދެން އެ ހިތްދަތިކަމާއި ބިރުވެރިކަމެއްގެ ތެރޭގައި އުޅުމަށްފަހު ލިބުނު އިންސާފަކީ އިންސާފެއް ކަމުގައި ނުދެކޭ ކަމަށެވެ. އަދި ކިތަންމެ ލާރިއެއް ދިން ނަމަވެސް އޭނާ ޒުވާންއިރު ވެއްޓުނު އަގު އަނބުރާ ނުލިބޭނެކަމަށް ވެސް އޭނާ ބުންޏެވެ.

Ad
rt

މަރިޔަމް ބުނީ ކެރަލާ ފުލުހުންގެ ސަބަބުން އޭނާ އާއި އޭނާގެ އާއިލާ ކުރިމަތިލާން ޖެހުނު ކަންކަން ދުވަހަކުވެސް ހަނދާނުން ނުފިލާނެ ކަމަށެވެ.

“ސުޕްރީމް ކޯޓަށް އަހަރެންގެ ގެއްލުނު އަގު އަނބުރާ ހޯދައި ދެވޭނެތަ؟ އަހަރެންގެ ގައުމާއި އާއިލާގެ އަގު އަނބުރާ ހޯދައި ދެވޭނެތަ؟ 30 އަހަރު ފަހުން ލިބޭ އިންސާފެއްގެ އެއްވެސް މާނައެއް ނެތް” މަރިޔަމް ބުންޏެވެ.

މަރިޔަމް އާއި ރާއްޖޭގެ މަޝްހޫރު ފިލްމީތަރި ފައުޒިޔާ މުހައްމަދު އިންޑިއާގެ ކެރެލާ ފުލުހުން ހައްޔަރު ކުރީ އެ ދެމީހުން ޕާކިސްތާނަށް ޖާސޫސް ކޮށްދޭކަމަށް ބުނެ 1991 ވަނަ އަހަރުއެވެ. ނަމަވެސް އެ ދެމީހުން އިންޑިއާއަށް ދިޔައީ ދަރިން ސްކޫލަށް ވެއްދުމަށް ކުރަން ޖެހޭ ތައްޔާރީތައް ކުރުމަށް ކަމަށް ދެ މީހުން ވެސް ބުނެއެވެ.

މަރިޔަމް ބުނިގޮތުގައި އޭނާއަކީ ޖާސޫސެއް ކަމަށްބުނެ ޖަލަށްލީ ކެރަލާގެ ސިފައިންގެ ބޮޑު މީހަކު އޭނާއާ ހިތާވެގެން އޭނާ ނުލިބުމުންނެވެ. އޭނާ ބުނީ އެ ސިފައިންގެ މީހާ އޭނާ ގައިގައި ބައްދާލުމުން މޫނުމަތީގައިވެސް ޖެހި ކަމަށެވެ. އަދި އެ މީހާ ހިފީ އޭގެ ބަދަލު ކަމަށްވެސް މަރިޔަމް ބުންޏެވެ.