އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލަށް ލެސްޓާ ސިޓީއާއި ޗެލްސީ ދަތުރު ކޮށްފިއެވެ.

މި މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޮނހިރު ދުވަހުގެ ރޭ ޗެލްސީ ކަށަވަރު ކޮށްފައިވަނީ ސެމީ ފައިނަލުގައި 1-0 ގެ ނަތީޖާއިން މެންޗެސްޓާ ސިޓީ ބަލިކޮށްގެންނެވެ. މި މެޗު ކުޅެފައިވަނީ ވެމްބްލީ ސްޓޭޑިއަމްގައެވެ.

Ad
rt

ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފެނިގެން ގޮސްފައި ވަނީ މެޗުގެ ދެވަނަ ހާފުގައެވެ. މި ލަނޑު ޗެލްސީއަށް ކާމިޔާބު ކޮށްދީފައި ވަނީ މެޗުގެ 55 ވަނަ މިނެޓުގައި ޓިމޯ ވާނާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ހަކީމް ޒިޔެޗްއެވެ.

މިއީ އެފްއޭ ކަޕުގެ ސެމީން ސިޓީ ޖެހިޖެހިގެން ކެޓި ދެވަނަ ފަހަރެވެ. މިދިޔަ ސީޒަންގައި ސެމީގައި ސިޓީ ކަޓުވާލައި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އާސެނަލުންނެވެ.

މު މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ ލެސްޓާ ކަށަވަރު ކޮށްފައި ވަނީ އާދީއްތަ ދުވަހުގެ ރޭ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ސައުތެމްޓަންގެ މައްޗަށް 1-0 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ލެސްޓާއިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ލެސްޓާއަށް ކާމިޔާބު ކޮށްދީފައިވަނީ 55 ވަނަ މިނެޓުގައި އިނާޗޯއެވެ. މިއީ 1969 ވަނަ އަހަރުގެ ފަހުން ލެސްޓާއިން މި މުބާރާތުގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

ލެސްޓާ ސިޓީއާއި ޗެލްސީ ބައްދަލުކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 15 ވަނ ދުވަހު ވެމްބްލީ ސްޓޭޑިއަމްގައެވެ.