މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި މިއަދު ކުވައިތަށް ފުރާވަޑައިގެންފިއެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވީ މިނިސްޓަރ ޝާހިދުގެ މި ދަތުރުފުޅުގައި ކުވައިތުގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކެބިނެޓް އެފެއަރޒް ޑރ.އަހްމަދު ނާސިރް އަލް މުޙައްމަދު އަލް އަޙްމަދު އަލް އަލް ޖާބިރު އަލް ސަބާޙް އާއި އެޤައުމުގެ އެހެން ބައެއް އިސްވެރިންނާއި ބައްދަލުކުރައްވާނެއެވެ.
މި ބައްދަލުވުންތަކުގައި ކުވައިތުގެ އެހީގައި ކުރިއަށްދާ މަޝްރޫޢުތަކާ ބެހޭ ގޮތުންނާއި ދެޤައުމުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމުގެ އިތުރުން ބައިނަލްއަޤްވާމީ މަސްރަހުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.
މިއީ ޝާހިދު މިނިސްޓަރުކަމާއި ހަވާލުވެ ވަޑައިގެންނެވި ފަހުން ކުވައިތައް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ފޮރިން މިނިސްޓަރ ޝާހިދުގެ އަރިހުގައި މިނިސްޓްރީގެ ސެކްރެޓަރީ މަލްޓިލޭޓަރަލް ޑރ. ހާލާ ހަމީދު އާއި ޑިރެކްޓަރ މޫމިނާ އިބްރާހިމް އަދި އެސިސްޓަންޓް ޑިރެކްޓަރ އަހްމަދު ސަލްމާން ޒަކީ ބައިވެރިވެވަޑައިގަންނަވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.
މިނިސްޓަރ މިއަދު ކުވައިތައް ފުރައިވަޑައިގެންފައި މިވަނީ އިންޑިއާއަށް ވެސް މިހަފްތާގައި ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ފަހުއެވެ. މި ދަތުރުފުޅުގެ މައިގަނޑު މަޤްސަދަކީ، ދިވެހިރާއްޖޭގައި އިންޑިޔާ ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫއު ތަކާއި ގުޅިގެން މަޝްވަރާ ކުރެއްވުން ކަމަށްވެސް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި 33 ޤައުމެއްގެ ސަފީރުންނާއި މަންދޫބުންނާ ބައްދަލު ކުރަށްވާފައިވާއިރު، އޭގެ ތެރޭގައި ޗެކްރިޕަބްލިކް، ސްލޮވަކް ރިޕަބްލިކް، ޖޯޖިއާ، ޔޫކްރެއިން، ރޮމޭނިއާ، ސީބިއާ އަދި ހަންގޭރީ ފަދަ ޤައުމުތަކުގެ އެމްބެސަޑަރުން ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!