އިންޓަރނެޓް އަގު ހެޔޮކުރަން އޮޕަރޭޓަރުން އެއްބަސް ކުރުވިންކަމަށާއި އެމްޑީޕީ ވަޒީރަކަށް އެކަން ނުވީމަ ނުކުރީކަމަށް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

މަލީހް މިހެން ވިދާޅުވެފައިވަނީ އިންޓަނެޓް އަގު ހެޔޮ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދު ސަރުކާރުން ފުއްދާފައިވާ ކަމަށް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް ވިދާޅުވެފައި ވަނިކޮށް އެކަމަށް ރައްދުދެއްވާ ކުރެއްވި ޓުވިޓެއްގަ އެވެ.

Ad
rt

މަލީހް މިނިސްޓަރުކަމުން ވަކިކުރުމަށްފަހު އިންޓަރނެޓް އަގުހެޔޮ ކުރުމުގެ ވާހަކަ އަނެއްކާވެސް ފެންމަތިވެފައިވަނީ، އިންޓަނެޓް އަގު ހެޔޮ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދު ސަރުކާރުން ފުއްދާފައިވާ ކަމަށް ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް ވިދާޅުވެފައި ވަނިކޮށެވެ.

"އިންޓަނެޓް އަގުހެޔޮކުރުމުގެ ހުރިހާ ކަމެއް ބާރުދުވެލީގައި ނިންމާ 19 ޖޫން 2019 (ވެރިކަމަށް 6 މަހު) ގައި ރައީސް އޮފީހަށް ފޮނުވީމަ އެކަން ކުރަން ނުކެރުނު. އަގު ހެޔޮކުރުމުގެ ނިޔަތް މިސަރުކާރަކު ނެތް. އޮޕަރޭޓަރުން އެއްބަސް ކުރުވިން. އެމްޑީޕީ ވަޒީރަކަށް ނުވީމަ ނުކުރީ؟"

މަލީހް ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.

އަލީ ސޯލިހް ވިދާޅުވީ ރާއްޖޭގައި އިންޓަނެޓްގެ އަގުތައް ހުރީ އެހެން ގައުމުތަކާއި ބަލާއިރު ހެޔޮކޮށް ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު ފަސް ރުފިޔާއަށް ޖީބީއެއް ލިބެން އެބަހުރި ކަމަށެވެ. ކުންފުނިތަކުން މި ބަދަލު ގެނައީ ކޮން އިރަކު ކަމެއް އޭނާ ވިދާޅެއް ނުވެއެވެ. ނަމަވެސް ވިދާޅުވީ ރޯދަ މަސް ފެށުމާ ހަމައަށް ޖީބީއެއް ލިބެނީ 33 ރުފިޔާއަށް ނަމަވެސް މިހާރު 1000 ރުފިޔާއަށް 180 ޖީބީ ލިބޭ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގައި އިންޓަނެޓް އަގަށް އެކަށީގެންވާ ހައްލެއް ގެނެވިފައި ނުވާ ކަމަށާއި އިންޓަނެޓްގެ އަގު ހެޔޮ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ކުރިއަށް އޮތްތަނުގައި ބަދަލުތައް ފެންނާނެ ކަމަށް ޓެކްނޮލޮޖީ މިނިސްޓްރީ އާ މިހާރު ހަވާލުވެވަޑައިގެން ހުންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވެސް ރޭގައި ވަނީ ވިދާޅުވެފަ އެވެ.

އެކަމާ ގުޅިގެން ސަރުކާރުން އެންމެ ފަހުން ދިން ޖަވާބަކީ ތުރޮޓަލް ނުވަތަ ކަނޑައަޅާފައިވާ ޑޭޓާ ހަމަވުމުން އިންޓަނެޓްގެ ސްޕީޑް ދަށްނުކޮށް، ރަނގަޅު ސްޕީޑެއްގައި އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތް އަދިވެސް ކުރިއަށް ގެންދާ ކަމަށާއި އެ މައްސަލަ މި އަހަރު ނިމުމުގެ ކުރިން ހައްލު ކުރާނެ ކަމަށެވެ.

އިންޓަނެޓް އަގު ހެޔޮ ކުރުމަށް ރައީސް ވެ ވަޑައިގެންފައިވާ ވައުދުތައް ނުފުއްދާތީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެ އެވެ.