(ފުރަތަމަ ބައި ކިޔާލެއްވުމަށް މިތަނަށް ފިތާލައްވާ)
- ފަސް ރަކުޢަތުން ނުވަތަ ހަތް ރަކުޢަތުން ވިތުރި ކުރުން:
ފަސް ރަކުޢަތުން ނުވަތަ ހަތް ރަކުޢަތުން ވިތުރި ކުރާއިރު ވިތުރި ކުރާނީ ތިން ރަކުޢަތުން ވިތުރި ކުރެވޭ ފުރަތަމަ ގޮތުގައި ބުނެވިދިޔަ ފަދައިން ފަހު ރަކުޢަތުގައި އައްތަޙިއްޔާތަށް އިންނަ ގޮތަށް މެދުކެނޑުމެއް ނެތި ފަސް ރަކުޢަތް ނުވަތަ ހަތް ރަކުޢަތް ކޮށްގެންނެވެ.
ފަހެ މިގޮތަށް ވިތުރި ކުރެވިދާނެކަމުގެ ދަލީލަކީ: ޢާއިޝާ ރަޟިޔަﷲ ޢަންހާ ގެ އަރިހުން ރިވާވެފައި ވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ރޭގަނޑުގެ ނަމާދުގައި (ދަމު ނަމާދުގައި) ތޭރަ ރަކުޢަތް ކުރައްވާ ކަމުގައި ވެއެވެ.
އަދި ފަސް ރަކުޢަތުން ވިތުރި ކުރައްވަތެވެ. (އެ ފަސް ރަކުޢަތް ކުރެއްވުމުގައި) އެންމެ ފަހު ރަކުޢަތުގައި މެނުވީ (އައްތަޙިއްޔާތަށް) އިށީނދެވަޑައި ނުގަންނަވައެވެ.(1)
އަދިވެސް އެހެން ޙަދީޘެއްގައި ވެއެވެ.
އުންމު ސަލަމާ ރަޟިޔަﷲ ޢަންހާ ގެ އަރިހުން ރިވާވެފައި ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް، ފަސް ރަކުޢަތުންނާއި ހަތް ރަކުޢަތުން ވިތުރި ކުރައްވައެވެ. (އެފަދައިން ވިތުރި ކުރައްވާހިނދު) ސަލާމަކުން އަދި ވާހަކަދެއްކުމަކުން ވެސް އެރަކުޢަތްތައް މެދުކަނޑާނުލައްވައެވެ.(2)
- ނުވަ ރަކުޢަތުން ވިތުރި ކުރުން:
ނުވަ ރަކުޢަތުން ވިތުރި ކުރާއިރު، ފުރަތަމަ އަށް ރަކުޢަތް ކުރެވެންދެން ފަހު ރަކުޢަތުގައި އައްތަޙިއްޔާތަށް އިންނަ ގޮތަށް މެދުކެނޑުމެއް ނެތި އަށް ރަކުއަތް ކުރާނީއެވެ.
އަށްވަނަ ރަކުޢަތުގައި އައްތަޙިއްޔާތަށް އިށީނދެ، ސަލާމް ދިނުމަކާނުލާ ތެދުވެ އެއް ރަކުޢަތް ކުރުމަށްފަހު އައްތަޙިއްޔާތަށް އިށީނދެ، ސަލާމްދޭނީއެވެ. މިފަދައިން ވިތުރި ކުރެވިދާނެކަމުގެ ދަލީލު: ވަރަށް ދިގު ޙަދީޘެއްގައި، ޢާއިޝާ ރަޟިޔަﷲ ޢަންހާ ގާތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ވިތުރި ކުރައްވާ ގޮތާ ބެހޭގޮތުން ސުވާލު ދެންނެވުމުން އެކަމަނާ ޖަވާބުގައި ވިދާޅުވިއެވެ.
"އެކަލޭގެފާނު ނުވަ ރަކުޢަތް ކުރައްވައެވެ. (ނަމާދު ފައްޓަވައިގެން ކުރިއަށް ގެންދަވާއިރު) އަށްވަނަ ރަކުޢަތުގައި މެނުވީ (އައްތަޙިއްޔާތަށް) އިށީނދެވަޑައި ނުގަންނަވައެވެ. (އައްތަޙިއްޔާތަށް އިށީނދެވަޑައިގެން)، ﷲ އަށް ޛިކުރު ކުރައްވައި އެއިލާހަށް ޙަމްދުކޮށް، ދުޢާކުރައްވައެވެ. އެއަށްފަހު، ސަލާމް ދިނުމަކާ ނުލާ ތެދުވެވަޑައިގެން ނުވަވަނަ ރަކުޢަތް ކުރައްވައެވެ. އެއަށްފަހު (އައްތަޙިއްޔާތަށް) އިށީނދެވަޑައި ގަންނަވައެވެ. (އައްތަޙިއްޔާތަށް އިށީނދެވަޑައިގެން)، ﷲ އަށް ޛިކުރު ކުރައްވައި އެއިލާހަށް ޙަމްދުކޮށް، ދުޢާކުރައްވައެވެ. އެއަށްފަހު އަހަރެމެންނަށް އިވޭފަދައަކުން ސަލާމް ދެއްވައެވެ."(3)
ފަހެ މަތީގައި ބަޔާން ކުރެވިފައިވާ ގޮތްތަކަކީ ވިތުރި ކުރުމަށް މުޅިންވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުން ޘާބިތުވާ ގޮތްތަކެވެ. އަދި އެންމެ ރަނގަޅު ގޮތަކީ އަބަދު އެއްގޮތަކަށް ވިތުރި ކުރުމަކާނުލާ، އެކި ފަހަރު އެކި ގޮތްގޮތަށް ކުރުމެވެ. ސަބަބަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްވެސް ކަންތައްކުރައްވާފައި ވަނީ އެފަދައިން ކަމަށްވާތީއެވެ. އަދި އެފަދައިން ކަންތައްކުރުމުން އެކަލޭގެފާނުގެ ސުންނަތަށް ފުރިހަމައަށް ތަބާވެވޭތީއެވެ.
(ނިމުނީ)
ރިފަރެންސް:
- ޙަދީޘް ރިވާކުރެއްވީ: އިމާމް މުސްލިމް (737)
- ޙަދީޘް ރިވާކުރެއްވީ: އިމާމް އަޙްމަދު (6/290) އައްނަސާއީ (1714)، އިމާމް އައްނަވަވީ އަލް ފަތުޙުލް ރައްބާނީގައި (2/297) ވިދާޅުވެފައިވެއެވެ. "މި ޙަދީޘުގެ ސަނަދު ރަނގަޅެވެ." އަދި އަލްއަލްބާނީ ވަނީ ޞަޙީޙުއް ނަސާއީގައި މިއީ ޞައްޙަ ޙަދީޘެއްކަމުގައި ވިދާޅުވެފައެވެ.
- ޙަދީޘް ރިވާކުރެއްވީ: އިމާމް މުސްލިމް (746)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!