ކުޅުދުއްފުއްޓަކީ ދިގު މާޒީއަކާއި ރަށަށް ޚާއްޞަ ސަޤާފަތަކާއި އާދަކާދަތަކެއް ލިބިފައިވާ ރަށެކެވެ.

ތަޢުލީމާއި ވިޔަފާރީގެ އިތުރުން ބޭސްފަރުވާގެ އެންމެހާ ބޭނުންތަކަށް ބޮޑުތިލަދުންމައްޗާއި ރާއްޖޭގެ މުޅި އުތުރުން އެ ރަށަކަށް ބަރޯސާވާ އުތުރުގެ 'ހިތެވެ'. އެހެންކަމުން ޙަޤީޤި ލާމަރުކަޒީ ނިޒާމަކަށް ރިބަން ކަނޑައި އަތްޖެހުމަށްޓަކައި، ކުޅުދުއްފުށީ ސިޓީ ވާންޖެހޭނީ މި ހުރިހާ ދާއިރާއެއްގެ މުހުތާދުތައް ފުއްދައިދިނުމުގެ ލަޔާޤަތު ހުރި ސަހަރަކަށެވެ.

Ad
rt

ކުޅުދުއްފުށީގެ ހައިބަތު ހުރި ދިގު ތާރީޚާއި އެ ތާރީޚުގެ ފަތްފުށްތަކާއެކު ވާރުތަވަމުން އައިސްފައިވާ ސަޤާފަތްތަކާއި އާދަކާދަތަކަކީ އޭގެ މަޢުނަވީ ފުރިހަމަކަން އިތުރަށް އޮޅުންފިލުވައިދޭން ޖެހޭނޭ ކަންކަމެއް ނޫނެވެ. ދަމުހިނގުން ފަދަ ރަށަށް ޚާއްޞަ ކުޅިވަރުތަކެވެ. އެފަދަ ދެވަނައެއް ނުވާ މަސްބޮނޑި އާއި ހާލުފޮޅިން ފެށިގެން ގޮސް ވެދުމާ އެކު ގެންދެވޭ ކެއްކި ފަންޏާއި ފޮނި ސަރުބަތުތަކާއި، ތާލު ހަމަކޮށް އެ ނަގާ ދަތްޕާއި އިއްވާލެވޭ ބޮޑުބެރުގެ މޫސީޤީ ރާގުތަކަކީ އެ 'ރަހަތަކުން' ހިތްތަކުގެ އެންމެ ހިމަ ނާރުތަކަށް ވެސް ފުން އަސަރުތަކެއް ކުރުވާފައިވާ ތަފާތު މީރު ރަހަތަކެކެވެ.

އެހެންނަމަވެސް 'ހިތްމަރުވަމުންދާ' ޒުވާން ޖީލަށް މިއަދު އެއިން އެއްވެސް އަސަރެއް ނުކުރާކަމީ ހަޤީޤީ ތަރައްޤީގެ ފާލަމުގައި ފަހަތަށް ފިޔަވަޅުތަކެއް އެޅެން ފެށިފައިވާ ކަމުގެ ރަތް ސިގުނަލެވެ. އެހެންކަމުން ކުޅުދުއްފުށީގެ ޤަދަރާއި މަޢުނަވީ މުއްސަނދިކަން ދަމަހައްޓައި އަންނަން އޮތް ޖީލަށް ވާޞިލުކޮށްދިނުމަށްޓަކައި އެ ސިޓީ ވާންޖެހޭނީ މި އާދަކާދަތަކުން މަންފާ ނެރެގެން ތަރައްޤީވާ ސިޓީއަކަށެވެ. އަދި މި ސަރަޙައްދުގެ ރަށްތަކުގެ އަހުލުވެރީންނަށް ވެސް އެ މީހުންގެ ސަޤާފީ ތަރިކަ ވިއްކައިގެން ނަފާ ހާސިލްކުރާނެ ގޮވައްޗެއް އޮތް ސަހަރަކަށެވެ.

ތަސައްވުރުގައި އޮންނާންވީ އެއްވެސް ޚާއްޞަ ސަޤާފަތެއް ނެތް، އެޔެއް މިޔެއް ނޭނގި، އެމީހަކު އެ މީހެއްގެ އަމިއްލަ ހާލާއިގެން 'ދިރިތެޅޭ' މާލެ ފަދަ 'މާލެއެއް' ނޫނެވެ. ބޭސްފަރުވާ އާއި ތައުލީމުވެސް ހަމަ މި ބީދައިން ތަރުތީބުވެގެން ދާންޖެހޭ ފަދައިންނެވެ.

ރާއްޖޭގެ އުތުރު އެއްކޮށް ހެން ބޭސްފަރުވާގެ ޚިދުމަތަށް ބަރޯސާވާ ހޮސްޕިޓަލެއް ކުޅުދުއްފުށީގައި ހުރެމެ، 'އިއްޔެ މެންދުރާ ހަމައަށް' އެކަށީގެންވާ ފަރުވާއެއް ނުލިބި، މާލޭ ބޭފުޅުންގެ ފައިންޕުޅު ދެކޭން ދާންޖެހުނު ޖެހުމަކީ ބަރުދާސްތު ނުކުރެވޭހާ ބޮޑު ތަކުލީފުތަކެކެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ޒަމާނީ ލާއިޤު ބަދަލުތަކެއް ގެނެސް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ދޭންފަށާފައި ވީ ނަމަވެސް، އެންމެ ފުރިހަމައަށް އެ ޚިދުމަތް ފޯރުކޮށްދިނުމަށް ޖާގަ އެ ވަނީ 'ނުރުހުންވެފައެވެ'.

އެހެންކަމުން އުތުރުގެ ރައްޔިތުންނަށް ޙައްޤުވާ ޓާޝަރީ ފެންވަރުގެ ޞިއްޙީ ޚިދުމަތް ފޯރުކޮށްދެވެން އޮތީ އައު ޓާޝަރީ ހޮސްޕިޓަލެއް ކުޅުދުއްފުށީގައި ޤާއިމުކޮށްގެންކަމާ މެދު އެއްވެސް ޝައްކެއްނެތެވެ. އަދި ރަށްވެހީންގެ ދުޅަހެޔޮކަމާ ގުޅިފައިވާ އާންމު ޞިއްޙަތާއި ކަސްރަތާއި ކުޅިވަރު ކުޅެވޭނޭ އިންތިޒާމުތަކާއި އިޖުތިމާއީ ހަރަކާތްތަކުގެ އިތުރުން، ބޯފެނާއި ނަރުދަމާ އާއި ރައްކާތެރިގޮތުގައި ކުނި ނައްތާލުމުގެ ނިޒާމަކީ، ތަރައްޤީގެ ޗާޓު ކުރަހާލެވޭ މި ދަނޑިވަޅުގައި ވިސްނުން ބަހައްޓަންޖެހޭ މުހިއްމު ކަންކަމެވެ.

އަދި ހަމަ މިޔާއެކު މިފަދަ ބޭނުންތަކަށް ރަށަށް ޒިޔާރަތްކުރަން ޖެހޭ އަވައްޓެރި ރަށްރަށުގެ މީހުންނަށް ފަސޭހަކަމާ އެކު ދަތުރުފަތުރުކޮށް، ކައިބޮއެ ހެދޭނެ ގޮތާއި ގައިން ތާހިރުވެ އަރާމުކޮށްލަން ރޯނުފުރި އެނދެއްހާ ހިސާބު ނަމަވެސް ހަމަޖައްސައިދިނުމަށްޓަކައި، އަމިއްލަ ގެސްޓުހައުސް ވިޔަފާރިތައް ބާރުވެރި ކުރެވޭނެ މަގުތައް ކޮށައިދޭން ޖެހޭނެކަމީ، މާލޭގައި އެންމެ ދުވަހަކަށް ވެސް އުޅޭންޖެހުނު ހަމަ ކޮންމެ މީހަކު ވެސް ދެބަސްނުވާނޭ އަސާސީ އެއް ތަނބު ކަން ޔަޤީންނެވެ. ތަރައްޤީގެ ވިސްނުން މި މަގަށް ހޭރިޔާ ކުރުމަށްޓަކައި އުފަންކުރުވަން ޖެހޭ ތަޢުލީމީ ސިކުނޑިތަކަކީ މި ތަރައްޤީ ޖީލުތަކަށް ދެމިގެން ދިއުމަށް ދެން ބޭނުންވާނޭ ހަތިޔާރެވެ.

ތަޢުލީމާއި ތަރުބިއްޔަތަކީ ސަރުކާރުގެ 'ފޮތް ބެލުމުގެ' ތަޢުލީމީ ނިޒާމުން އެކަނި އުނގެނިގެން ފަރުޖެއްސޭނޭ ކަންކަން ނޫންކަން ޤަބޫލުކުރުމަކީ ވަށާޖެހޭ ތަރައްޤީއަށް ވާސިލުކޮށްދޭން ގިރާކުރަން އޮތް ހަރުފަތެވެ. ކޮންމެ ކުއްޖަކީ 'ފޮތް ބަލައިގެން' ކުރިއަށް ދެވޭނެ ކުއްޖެއް ނޫންކަން ދަނެ، ހުރިހާ ވިސްނުމެއްގެ ކުދީންނަށް ވެސް ހެޔޮވަރުވާނޭހެން ފަހާފައިވާ ތަޢުލީމީ ލިބާހެއް ކުޅުދުއްފުށިން ލިބެން ހުންނަން ޖެހެއެވެ. މި ލިބާހަކީ ދީނީ އަދި ރިވެތި އަޚުލާގީ ޢުލޫމުގެ ރަން ކަސަބުން ބޯވަޅު އެޅި ލިބާހަކަށް ވާންޖެހެއެވެ. އަދި ހަމަ މިޔާއެކު ދުނިޔެވީ އެކިއެކި މަސައްކަތްތަކަށް ލޯ ހުޅުވައިދޭނޭ ތަމްރީނުތައް ދީ، ސިކުނޑިތައް ހާނާނޭ ފަންވަރު ހުރި ކަސަބަކުން ބުގިސްކަމާ އެކު ހިރުގަތާފައިވާ ލިބާހަކަށް ވެސް ވާންޖެހޭނެމެއެވެ. ވަށާޖެހޭ މިފަދަ ތަޢުލީމީ ނިޒާމަކުން ކުޅުދުއްފުށީގެ އިތުރުން ކައިރި ރަށްރަށުގެ އެތަކެއް ކުދީންނެއްގެ ކުރިމަގު އަލިކޮށްދީ، ތަރައްޤީގެ ދަންމަރު ނިވުނަނުދީ ގެންގޮސްދޭނެ ޖީލެއް ބިނާކުރެވޭނެއެވެ.

އެހެންކަމުން ކުޅުދުއްފުށީގެ ތަރައްޤީގެ މަގުޗާޓުގައި ސިއްކަޖެހެންވާނީ ދުނިޔެ ބަވަނަވަމުން މިދާ ހަލުވި ދުވެއްޔާ ފައި ހަމަކުރެވޭނޭ ބައެއްގެ އަތުންނެވެ. ތަރައްޤީގެ ރީތި މަންޒަރުތައް ކުރަހާން ހަމަ ކޮންމެ ރައްޔިތަކަށް ވެސް އެނގޭނޭ ކަމުގައި ވީ ހިނދު، ހަމައެކަނި އެ މަންޒަރު ކުރަހާލަދޭނެ ކުރެހުންތެރިން ހޯދުމުގެ ބަދަލުގައި، އެ މަންޒަރު ޙަޤީޤަތަކަށް ހަދާނޭ ހިތްވަރުހުރި ފަހުލަވާނުން ހޯދައި ކުރިއަށް ނެރެން އެބަޖެހެއެވެ. ކުޅުދުއްފުށީގެ ފުރަތަމަ ސިޓީ ކައުންސިލަށް އިންތިހާބުކުރަންވާނީ ރަށް، ރަށުގެ ގޮތުގައި ތަރައްޤީކުރުމުގެ ޤާބިލުކަންހުރި، އެކަމަށް މަސައްކަތްކުރާނެ ބޭފުޅުންނެވެ.

އަދި އަމިއްލަ ބާރުވެރިކަމާއެކު ކަންކަން ތަންފީޒުކޮށް ތަރައްޤީ އާއި ތަހުޒީބުގެ ރަން ކުލަތަކުން އެ ސިޓީ ޖަރީކުރަން އެނގޭނޭ އަދި ކެރޭނޭ ބޭފުޅުންނެވެ. އެހެނީ ކުޅުދުއްފުށީ ސިޓީގެ ފެހި ކުރިމަގަށް ބަރޯސާވަނީ ހަމައެކަނި އެ ސިޓީގެ ރައްޔިތުންނެއް ނޫނެވެ. އެކަމަކު މުޅި ތިލަދުންމައްޗާއި އުތުރުގެ ހުރިހާ ރައްޔިތުންނެވެ. ވީމާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންނާ ހަމައިންކަމަށް ވާއިރު، އެކި ކުލައިން ކިލަނބުވެފައިވާ ޒާތީ ތަޢައްސުބު އެއްކައިރިކޮށް، އެންމެ ލޯބިވާ ވަޠަންކަމުގައި ދެކޭ- އުފަންވި ކުޅުދުއްފުށްޓާއި އެ ރަށް ނިސްބަތްވާ ބޮޑުތިލަދުންމައްޗަށްޓަކައި މުހިއްމު ނިންމުންތަކެއް ނިންމަން މި އިންތިހާބުގައި ކުޅުދުއްފުށީގެ ރައްޔިތުން އެބަޖެހެއެވެ.