ހއ. ކެލާ ލިލީ ހައުސް މަރާމާތުކޮށް ރަށު މިއުޒިއަމް/ގެލެރީއެއް ގާއިމް ކުރުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއިއެކު ކުރިއަށް ދާކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ބުނެފި އެވެ.
ކެލާ ލިލީ ހައުސް މަރާމާތުކޮށް ތަރައްޤީ ކުރުމުގެ މަސައްކަތް ނިމުމުން އެ ޢިމާރާތް ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ކެލާ ރަށު ކައުންސިލުން ކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ބުނެފައި ވެއެވެ.
އެމަރުކަޒުން މި މަސައްކަތް ކުރިއަށް ދާގޮތް ހިއްސާ ކުރަމުން އިތުރަށް ބުނެފައިވަނީ މިތަން ތަރައްޤީ ކުރެވިގެން ދާނީ ރަށުގެ ސަގާފަތާއި ތަރިކަ މައުރަޒުކޮށް، އެތަކެއްޗާއި ގުޅޭ މަޢުލޫމާތު ދިނުމުގެ އިތުރުން ފަންނީ މައުރަޒުތައްވެސް ބޭއްވޭނެ ގޮތަށް ކަމަށެވެ.
ކެލާ ލިލީ ހައުސް މަރާމާތުކޮށް ތަރައްޤީ ކުރުމަށްފަހު އެ ޢިމާރާތުގައި ރަށު މިއުޒިއަމް ގެލެރީއެއް ޤާއިމްކުރުން ވެގެންދާނީ ކެލާގައި ސަގާފީ ފަތުރުވެރިކަން ތަރައްޤީކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށްވެސް އެ މަރުކަޒުން ބުނެފައި ވެއެވެ.
ކެލާ ލިލީ ހައުސަކީ ޒަމާނުއްސުރެ އެރަށުގައި މަޢުލޫދުގެއެއްގެ ގޮތުގައްޔަޢީ މަދަރުސާއެއްގެ ގޮތުގައި ބޭނުންކުރަމުން އައި އިމާރާތެކެވެ. ލިލީ ހައުސް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްފައިވަނީ 1940 ގެ އަހަރުތަކުގެ ފަހުކޮޅުއެވެ. މަސައްކަތް ނިމިފައިވަނީ 1950 ގެ އަހަރުތަކުގެ ކުރީކޮޅުއެވެ. ލިލީ ހައުސަކީ ރާއްޖޭގައި ހުރި މިފަދަ އާސާރީ ޢިމާރާތްތަކުގެ ތެރެއިން ފަރުމާގެ ގޮތުން ފާހަގަކޮށްލެވޭ ޢިމާރާތެކެވެ. ލިލީ ހައުސްގައި މަދަރުސާ ހިންގާފައިވަނީ ޝެއިޚް އިބްރާހީމް ސްކޫލް އާއި ލިލީ ޕްރީ ސްކޫލްގެ ނަމުގައެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި އަކަ އިންވެސްޓްމެންޓް އާއި ސޮއިކުރެވުނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހުއެވެ. 57 ދުވަހުގެ މި ޕްރޮޖެކްޓް މިމަހުގެ 26 އަށް ނިންމުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.
ކެލާ ''ލިލީ ހައުސް'' ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުމަށް ސަގާފީ ތަރިކަ ރަށްކާތެރިކުރާ ޤައުމީ މަރުކަޒުން ނިންމީ މިދިޔަ އަހަރު އެވެ. މީގެ އިތުރުން ހއ. ބާރަށު ވާރުގެއާއި، ކަޅުއޮށްފުންމި ބަނދެފައިވާ ސަރަޙައްދު އަދި އެނޫންވެސް އެރަށުގައިހުރި އާސާރުތައް ރައްކާތެރިކޮށް ތަރައްޤީ ކުރުމަށް ނިންމާފައިވާ ކަމަށް ވެސް އެ މަރުކަޒުން މިދިޔަ އަހަރުގެ އޮކްޓޯބަރު 11 ވަނަ ދުވަހު ވަނީ ބުނެފަ ވެއެވެ.
ކެލާގެ ކުރީގެ މައުލޫދު ހަރުގެ ''ލިލީ ހައުސް''ގެ އިތުރުން އެ ރަށުގައި މިވަގުތު ފެންނަންހުރި ބައެއް އާޘާރީ ތަންތަނުގެ ތެރޭގައި 400 އަހަރަށްވުރެ ގިނަ ދުވަސްވީ ހުކުރު މިސްކިތަކާއި ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އިނގިރޭސިން ބޭނުންކުރި ބަޑިގެއާއި ބުންބާ ބެހެއްޓި ވަޅާއި އަދި ބޯޓުގަނޑު ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!