ކުޅުދުއްފުށީ ހިރަފުސް ޓީމްގެ ފަރާތުން އިންތިޒާމް ކޮށްގެން ކުޅުދުއްފުށީގައި ހުރި ސަރުކާރު އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ހުޅުވާލައިގެން " ޒެޑްއެޗް ކޮންޓްރަކްޝަން ހިރަފުސް އިންޓަ-އޮފީސް ފުޓްސަލް ޗެލެންޖް 2021" ގެ ނަމުގައި ކުރިއަށް ގެންދިޔަ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ކުޅުދުއްފުށީ ޕޯޓް ލިމިޓެޑުން ހޯދައިފިއެވެ.

މި މުބާރާތުގެ ފައިނަލް މެޗު 01 އޭޕްރިލް 2021 ވީ ބުރާސްފަތި ދުވަހުގެ ރޭ ކުޅުދުއްފުށި ޓާފް ފުޓްސަލް ދަނޑުގައި ކުޅެފައިވާއިރު މި މުބާރާތުގެ ޗެމްޕިއަންކަން ޕޯޓް ޓީމުން ހޯދާފައިވަނީ ފޯރިގަދަ ވާދަވެރި ކުޅުމަކަށްފަހު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް 2-2 ގެ ނަތީޖާއިން އެއްވަރު ވުމުން ޖެހި ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ. ޕޮލިސް ޓީމްގެ ހުރިހައި ޕެންލްޓީއެއް ވެސް ނާކާމިޔާބުވިއިރު ޕޯޓަށް ކާމިޔާބު ކުރެވިފައިވަނީ އެންމެ ޕެނަލްޓީއެކެވެ. ވުމާއިއެކު ޕޯޓަށް ޗެމްޕިއަންކަން ލިބިފައިވަނީ 3-2 ގެ ނަތީޖާއިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މި މެޗުގައި ޕޯޓްގެ ގޯލު ބެލެހެއްޓުމުގައި މޮޅު ކުޅުމެއް ދެއްކި އަބްދުﷲ އަލީ (ކޮކީ) އެވެ.

Ad
rt

ފައިނަލް މެޗަށްފަހު މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ވަނީ ބާއްވާފައެވެ. މި ރަސްމިއަޔާތުގައި ވަނަވަނައަށް ހޮވުނު ފަރާތްތަކަށް ޓޮރޮފީއާއި މެޑަލް ހަވާލުކުރުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން:

  • އަންވަރު އާދަމް - ކުޅުދުއްފުށީ ޕޯޓް ލިމިޓެޑް
  • މުޙައްމަދު ޝާފިއު ހަސަން – ކަސްޓަމްސް
  • އަބްދުﷲ އަލީ - ކުޅުދުއްފުށީ ޕޯޓް ލިމިޓެޑް
  • ހުސެއިން އަބްދުލް ރަޝީދު - ކުޅުދުއްފުށީ ޕޯޓް ލިމިޓެޑް
  • ފަރުހަތު މުޙައްމަދު – ކުޅުދުއްފުށީ ޕޮލިސް

މުބާރާތުގައި ބާރަ ގޯލު ކާމިޔާބު ކޮށްގެން އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިއަކަށް ކުޅުދުއްފުށީ ޕޯޓް ލިމިޓެޑްގެ ހުސެއިން އަބްދުލް ރަޝީދު ހޮވިފައިވާއިރު، މުބާރާތުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕޮލިސް ޓީމުގެ ފަރުހަތު މުޙައްމަދެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ޕޮލިސް ޓީމްގެ ކޯޗް އަޙްމަދު މުޙައްމަދެވެ. ބެސްޓް ސަޕޯޓާރސްގެ މަޤާމް ލިބިފައިވަނީ ދިރާގު ޓީމުގެ ސަޕޯޓަރުންނަށެވެ. ފެއާޕްލޭ ޓީމަކަށް ހޮވިފައިވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޓީމެވެ. ރަނަރަޕް ޓީމަކީ ކުޅުދުއްފުށީ ޕޮލިސް ޓީމެވެ.

ހިރަފުސްގެ ފަރާތުން އިންތިޒާމް ކޮށްގެން ކަނބަލުންނަށް ހާއްސަ ކޮށްގެން ވެސް ވަނީ ކާމިޔާބު ކަމާއިއެކު ފުޓްސަލް މުބާރާތެއް ކުރިއަށް ގެންގޮސްފައެވެ. "ފަލަކް ކަނބުލޮ ހިރަފުސް ފުޓްސަލް 2021" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި މުބާރާތުގެ ފައިނަލްމެޗު 31 މާޗް 2021 ގައި ކުޅެފައިވާއިރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޓީމް ފައިވްއެވެ. ޓީމް ފައިވް ޗެމްޕިއަންކަން ހޯދާފައިވަނީ ދިރާގް ޓީމާއި ވާދަކޮށް 3-2 ގެ ނަތީޖާއިން ފައިނަލް މެޗު ކާމިޔާބު ކޮށްގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް ފައިވްގެ ހަދީޖާ އަބޫބަކުރެވެ.

މި މުބާރާތުގެ އެނެމް މޮޅު ފަސް ކުޅުންތެރިން:

  • މުޒްނާ ހަސަން – ދިރާގު
  • އާސިމާ މުޙައްމަދު – ޔުނިކް ފްރެންޑްސް
  • ރުޤިއްޔާ މޫސާ – ދިރާގު
  • ހަދީޖާ އަބޫބަކުރު – ފައިވް
  • ހަދީޖާ އަލީ – ފައިވް

މުބާރާތުގައި އަށް ގޯލު ކާމިޔާބު ކޮށްގެން އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިއަކަށް ދިރާގް ޓީމުގެ މުޒްނާ ހަސަން ހޮވިފައިވާއިރު، މުބާރާތުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް ފައިވްގެ ހަދީޖާ އަބޫބަކުރެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ޓީމް ފައިވްގެ ކޯޗް އިމްރާން މުޙައްމަދެވެ. ބެސްޓް ސަޕޯޓާރސްގެ މަޤާމް ލިބިފައިވަނީ އަފީފުއްދީންގެ ސަޕޯޓަރުންނަށެވެ. ފެއާޕްލޭ ޓީމަކަށް ހޮވިފައިވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޓީމެވެ. މުބާރާތުގެ ރަނަރަޕް ޓީމަކީ ދިރާގެވެ.

މިއީ ކަނބަލުންނަށް ހާއްސަ ކޮށްގެން ހިރަފުސްގެ ފަރާތުން ކުރިއަށް ގެންދިޔަ ތިންވަނަ މުބާރާތެވެ. އަދި ސަރުކާރު އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ފުރަތަމަ ފުޓްސަލް މުބާރާތެވެ. ހިރަފުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި މި ދެ މުބާރާތް ވެސް އަންނަ އަހަރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ދެ މުބާރާތް ކުރިއަށް ގެންދިއުމަށް އެހީތެރިކަން ފޯރުކޮށްދެއްވި އެންމެހާ ފަރާތްތަކަށް ހިރަފުސްގެ ފަރާތުންވަނީ ޝުކުރު ދަންނަވާފައެވެ.