ހާލުގައި ޖެހުނު ޔޮޓެއް ސަލާމަތްކުރުމަށް އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ، ރާއްޖޭގެ ސާޗް އެންޑް ރެސްކިއު ސަރަހައްދުގެ ތެރެއިން ހާލުގައި ޖެހުނު މި ޔޮޓަކީ ސީޝެލްސް އިން ފުރައިގެން ތައިލެންޑްގެ ޕުކެޓަށް ދަތުރުކުރި ސެއިލިން ޔޮޓް "ލަގާން" ކަމަށެވެ.
މި ޔޮޓް ހާލުގައި ޖެހިގެން އުޅޭކަމުގެ މައލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ލިބިފައި ވަނީ މި މަހުގެ 29 ވަނަ ދުވަހުގެ މެންދުރުފަހު 14:55 ހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލީ އިރުން 26 ނޯޓިކަލް މޭލު ބޭރުން ހާލުގައި ޖެހުނު މިޔޮޓް ސަލާމަތްކޮށްފައި ވަނީ ސަރަހައްދުން ދަތުރުކުރި އާގު ބޯޓެއް ކަމުގައިވާ "އެކޯސަވާނާ" އާއި އިޓަލީގެ އެމްއާރުސީސީ ރޯމާއާއި އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ކުރި މަސައްކަތުންނެވެ.
އެ ޔޮޓް ވަނީ ރައްކާތެރިކަމާއެކު ގއ. ވިލިނގިލީ ބަނދަރަށް ވައްދާފައި ކަމަށާއި، އަދި އެ ޔޮޓުން ދަތުރުކުރި ދެ މީހުންގެ ހާލު ވެސް ރަނގަޅުކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!