ޗައިނާއިން ހަދިޔާކުރި ވެކްސިންގެ 2 ވަނަ ބެޗް ރާއްޖެ ގެނެސްފި

China vaccine donation

ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރާނެކަމަށް އިއުލާނުކޮށްފައިވާ، 2 ލައްކަ ޑޯޒް ސިނޮފާމް ވެކްސިންގެ ދެވަނަ ބެޗް މިއަދު ރާއްޖެ ގެނެސްފިއެވެ.

މިއާއިއެކު ޗައިނާއިން ރާއްޖެއަށް ހަދިޔާކުރަން ނިންމި ސިނޮފާމް ވެކްސިންގެ 2 ލައްކަ ޑޯޒް މިވަނީ ރާއްޖެ ގެނެވިފައެވެ. މި ވެކްސިންގެ ފުރަތަމަ ބެޗް، 1 ލައްކަ ޑޯޒް ދިވެހި ސަރުކާރާއި ހަވާލުކުރީ މިމަހުގެ 25 ވަނަ ދުވަހުއެވެ.

ފޮރިން މިނިސްޓަރު ޢަބުދުﷲ ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ، ޗައިނާއިން ހަދިޔާކޮށްފައިވާ ސިނޮފާމް ވެކްސިންގެ ބާކީ އެއްލައްކަ ޑޯޒް މިހާރު ރާއްޖެ ގެނެސްފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެއާއިއެކު އިތުރު ސިއްހީ ފަރުވާދޭ އާލާތްތައްވެސް ގެނެސްފައިވާ ކަމަށެވެ.

މި ޓްވީޓްގައި މިނިސްޓަރު ޝާހިދު ވަނީ، ޗައިނާ ސަރުކާރަށާއި، ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް އަށާއި، ޗައިނާގެ ރައްޔިތުންނަށް ޝިކުރުއަދާކުރައްވާފަ އެވެ.

ރާއްޖޭގައި ޗައިނާގެ ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ދޭންފެށީ މިމަހުގެ 21 ވަނަ ދުވަހުއެވެ. އޭގެ ކުރިން ދީފައި ވަނީ އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިންއެވެ.

އިންޑިއާއިން ވެސް ރާއްޖެއަށް އެ ޤައުމުގައި އުފެއްދި ކޮވިޝީލްޑް ވެކްސިންގެ 2 ލައްކަ ޑޯޒް ހަދިޔާކުރިއެވެ. މީގެ އިތުރުން ރާއްޖެއިން ވަނީ އިންޑިއާއިން އެ ވެކްސިންގެ 2 ލައްކަ ޑޯޒް ގަތުމަށް ނިންމައި، ގަތް 1 ލައްކަ ޑޯޒް ރާއްޖެ ގެނެސްފައެވެ.

މިހާރު ސަރުކާރުން ދަނީ ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ފަށަން ތައްޔާރު ވަމުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި