ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލުގެ އިދާރާއިން އެ ރަށުގެ ދުރު ރާސްތާ ތަރައްޤީގެ މަގުޗާޓް އިފްތިތާޙް ކޮށްފިއެވެ.
ކުމުންދޫ ކައުންސިލުގެ ދުރުރާސްތާ ތަރައްޤީގެ މަގުޗާޓް އިފްތިތާޙް ކޮށްފައިވަނީ 30 މާޗް 2021 ވީ އަންގާރަ ދުވަހުގެ ރޭ 20:45 ގައި އެރަށު ސްޓޭޖް ސަރަހައްދުގެ، އެ ކައުންސިލުން މިކަމަށްޓަކައި ބޭއްވި ހާއްސަ ހަފްލާއެއްގައެވެ.
މި ހަފްލާގެ ޝަރަފްވެރި ކޮށްދެއްވާފައި ވަނީ ކުމުންދޫއަށާއި އަދި ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމުގައިވާ އަލްފާޟިލް ސައީދު އަހުމަދެވެ.
މި ހަފްލާގައި ކުމުންދޫގެ ކައުންސިލުތަކުން 2011 ވަނަ އަހަރުން ފެށިގެން ރަށަށް ކޮށްދެއްވާފައިވާ މުހިންމު މަސައްކަތްތައް ވެސް ވަނީ ހިއްސާ ކޮށްފައެވެ. އޭގެތެރޭގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި ކުމުންދޫގެ ފުޓްބޯޅަ ދަނޑު ތަރައްޤީކޮށް ވިނަކޮށާ ބެލެހެއްޓުމާއި، ފުޓްސަލް ދަނޑެއް ހެދުމާއި، ވޮލީ ކޯޓް ހެދުމާއި ނެޓްބޯޅަ ކުޅުމަށް ހާއްސަ ތަނެއް ހެދުމާއި، ބަނދަރުން އޮޑިދޯނިފަހަރަށް ފެން ލިބޭނޭ އިންތިޒާމް ހަމަޖެއްސުމާއި، ބަނދަރުގައި މަސްކަނޑާނެ އައްޓެއް ތަރައްޤީ ކުރުމާއި، ކުޑަކުދިންގެ ޕާކެއް ތަރައްޤީ ކުރުމާއި، ބާބިކު އޭރިއާއެއް ތަރައްޤީ ކުރުމުގެ އިތުރުން ރަށުގެ ކުލަބް ޖަމްޢިއްޔާތަކުން އިސްނަގައިގެން ރަށުގައި ތަރައްޤީ ކޮށްފައިވާ މައިޒާންތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. އަދި ކުމުންދޫއިން ގޯތި ބޭނުންވާ ފަރާތްތަކަށް ކައުންސިލުންވަނީ ދިރިއުޅުމަށްޓަކައި ގޯތިވެސް ދޫކޮށްފައެވެ.
މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ކުމުންދޫ ކައުންސިލުގެ ރައީސް އަމީން މުޙައްމަދު ވިދާޅުވެފައިވަނީ ތަސައްވަރެއް ނެތްތަނެއްގައި ކުރިމަގެއް ބިނައެއް ނުކުރެވޭނެ ކަމަށެވެ. ތަސައްވަރެއް އެކުލަވާލައި އެއަށް މަސައްކަތް ކޮށްފިނަމަ ﷲ ގެ އިރާދަފުޅާއިއެކު އެކަން ކާމިޔާބުވެގެން ދާނެ ކަމަށެވެ. އަމީން އިތުރަށް ވިދާޅުވެފައިވަނީ ކުމުންދޫ ތަރައްޤީވުމުގައި ރަށުގެ ފަރުދުންގެ މެދުގައި އޮންނަ ގުޅުމާއި، އެ ރައްޔިތުންގެ ރިވެތި އަޚުލާގާއި އަދި އެ ރައްޔިތުން އެކުވެރިކަމާއިއެކު ކުރެވޭ ބުރަ މަސައްކަތް މުހިންމު ދަޢުރެއް އަދާކުރާނެ ކަމަށެވެ.
ކުމުންދޫ ކުރިއަރައިދާނީ ސިކުނޑީގެ މަސައްކަތުން ކަމަށާއި، ވުމާއިއެކު ކުމުންދޫގެ އާބާދީއަކީ ރަށާއި މެދު ވިސްނައި، އެކަންކަމާއި ވާހަކަދައްކައި އެ ކަންކަން ހާޞިލްކުރުމަށް ބޭނުންވާ ތަމްރީން ޕްރޮގްރާމްތައް ހިންގައި އެ ކަމުގައި ބައިވެރިވެ، ލަނޑުދަނޑިތައް ހާސިލްކުރުމަށް މަސައްކަތްކުރާ ރައްޔިތުން ވެގެން ކަމަށެވެ. އަދި އަލަށް ތަޢާރަފް ކުރެވިގެންމިދާ ދުރުރާސްތާ މަގުޗާޓުގައި ހަޤީޤީ ކުލަ ޖެއްސުމަށް ކުމުންދޫ ރައްޔިތުން އެކަތިގަނޑަކަށްވެ ބުރަ މަސައްކަތް ކުރުމަށް އަމީން ވަނީ ގޮވާލައްވާފައެވެ.
ކުމުންދޫ ކައުންސިލުން އިފްތިތާޙްކުރި ދުރު ރާސްތާގެ ތަރައްޤީގެ މަޤުޗާޓުގައި ވަނީ ރައްޔިތުންގެ އަސާސީ ބޭނުންތަކަށްވުރެ ބޮޑަށް ރައްޔިތުންގެ ފުއްދުންތެރިކަން އިތުރުކުރުމަށް އިސްކަން ދީފައެވެ. އަދި ރަށުގެ ރީތިކަން ދެމެހެއްޓުމުގެ އިތުރުން ދެމެހެއްޓެނިވި ތަރައްޤީއަށް އަށް ވިސްނާފައެވެ.
މި މަގުޗާޓުގައި ދެމެހެއްޓެނިވި ތަރައްޤީ ވަނީ މުހިންމު ހަތަރު ބަޔަކަށް ބަހާލެވިފައެވެ. އެ ހަތަރުބައިގެ ތެރޭގައި ހިމެނެނީ އިޤްތިޞާދީ ފުދުންތެރިކަމާއި، ތިމާވެއްޓާއި ރައްޓެހި ފެހިފަހި ވެއްޓެއް ޤާއިމް ކުރުމާއި، ރަށުގައި ފަތުރުވެރިކަމާއި މެޑިކަލް ޓްއަރިޒަމް ތަޢާރަފް ކުރުމުގެ އިތުރުން ރަށުގެ ހުރިހައި ރައްޔިތުން ޝާމިލްވާ ދެމެހެއްޓެނިވި ދިރިއުޅުން ހޯދައިދިނުމެވެ.
މި ދުރު ރާސްތާ މަގުޗާޓުގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި ރަށުގައި ގެސްޓް ހައުސް ވިޔަފާރި ކުރުމަށާއި، ސޮޕިން މޯލް އެޅުމަށާއި، ދަނޑުވެރިކަން ކުރުމަށާއި، މެޑިކަން ޓްއުރިޒަމްގެ އިތުރުން ރަށުގައި ކެފޭ ރެސްޓޯރެންޓް ތަރައްޤީކޮށް ހިންގުމަށް ކުމުންދޫއިން ބިން ދޫކުރުން ހިމެނެއެވެ.
ކުމުންދޫގެ ތިމާވެށި ހިމާޔަތްކޮށް ރަށުގެ ވަށައިގެންވާ ގުދުރަތީ ފެހިނަލަކަން ދެމެހެއްޓެނިވި ގޮތެއްގައި ބަލަހައްޓައި ކުރިމަގުގައި ދިމާވެދާނެ ކާރިސާތަކުން ތިމާވެށި ސަލާމަތްކުރުމާއި، ކުމުންދޫގެ އަތިރިމައްޗާއި ގޮނޑުދޮށް ހިމާޔަތް ކުރުމަށް ރަށް ވަށައި ތޮށިލައި ޖިއޯ ބޭގްސް ބެހެއްޓުމުގެ އިތުރުން ކުމުންދޫގެ ފެންފަށަލަ ރައްކާތެރިކޮށް ދަނޑުވެރިކަމަށް ފެން ލިބޭނޭ އިންތިޒާމް ހަމަޖެއްސުން ހިމެނެއެވެ.
ކުމުންދޫއަށް އިޤްތިޞާދީގޮތުން ފުދުންތެރިކަން ގެނައުމުގެ ގޮތުން ޓްއަރިޒަމް ތަޢާރަފްކުރެވި ރަށުގެ ނަލަ ކަނޑޫފާތަކާއި އަތިރިމަތިތައް އެތަންތަނަށް ބޭނުންވާ ވަޞީލަތްތަކާއިއެކު ހުޅުވައިލެވި ހޯމްސްޓޭ ފަތުރުވެރިކަން ތަޢާރަފް ކުރުމުގެ އިތުރުން ފަތްޕިލާވެލީގެ ބޭސްވެރިކަމާއިއެކު މެޑިކަލް ޓްއަރިޒަމް ވެސް ތަޢާރަފްކުރުން މި ދުރުރާސްތާ މަގުޗާޓުގައި ހިމަނާފައިވެއެވެ.
އަދި ރައްޔިތުން ހިތް އުފާކޮށްލުމަށްޓަކައި ކުމުންދޫގައި ރަށްވެހި ޕާކާއި، ވޯޓާތީމް ޕާކް ތަރައްޤީ ކުރުމުގެ އިތުރުން ކުމުންދޫ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން، ރާވާގެތަކެއް މެދުވެރިކޮށް ރައްޔިތުންގެ ބޯހިޔާވަހިކަން ޔަޤީން ކޮށްދިނުން ވެސް މި މަގުޗާޓްގައިވެއެވެ.
މި ދުރު ރާސްތާ މަގުޗާޓްގައި ވަނީ މައިގަނޑު ދެ މަޤްޞަދެކެވެ. އެއީ ކުމުންދޫގެ ރައްޔިތުންގެ ފުދުންތެރިކަން އިތުރު ކުރުމުގެ އިތުރުން އަބުރުވެރި ދިރިއުޅުމެއް ހޯދައިދިނުމެވެ.
މި ހަފްލާގައިވަނީ ކުމުންދޫގެ ސްލޯގަންއާއި ކުމުންދޫގެ ލޯގޯ ވެސް އިފްތިތާޙް ކޮށްފައެވެ. ކުމުންދޫގެ ސްލޯގަންއަކީ "ނަލަފެހި ކުމުންދޫ" އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!