ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި، ހިޔާ މަޝްރޫޢޫގެ ފްލެޓްތައް ދިނުމާގުޅޭ ގޮތުން ރައްޔިތުންގެ މަޖިލިސްގެ ޤައުމީ ތަރައްގީއާއި ތަރިކައިގެ ކޮމެޓީން އެކުލަވާލި ދިރާސާ ރިޕޯޓުގައި މައިގަނޑު 8 ހުށަހެޅުމެއް ސަރުކާރަށް ހުށަހަޅައިފިއެވެ.

135 ޞަފްހާގެ މި ރިޕޯޓް ރައްޔިތުންގެ މަޖިލިސްއިން އާންމުކުރީ މިއަދުއެވެ. މި ރިޕޯޓްގައި އެ ކޮމެޓީގެ މަސައްކަތް ގެންދިޔަގޮތާއި، މައުލޫމާތު ހޯދި މަސްދަރުތަކާއި، ފާހަގަކުރެވޭ ކަންކަމާއި، ކޮމެޓީގެ ހޯދުންތަކާއި، އެ ހޯދުންތަކުގެ އަލީގައި ކޮމެޓީން ހުށަހަޅާ ކަންކަން ބަޔާންކޮށްފައި ވެއެވެ.

Ad
rt

މިގޮތުން އެ ކޮމެޓީން ވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި، ހިޔާ މަޝްރޫޢޫގެ ފްލެޓްތައް ދިނުމާގުޅޭ ގޮތުން 8 ހުށަހެޅުމެއް ހުށަހަޅާފަ އެވެ.

ކޮމިޓީގެ ހުށަހެޅުންތައް

  • ސަރުކާރުގެ "ސްޓްރެޓީޖިކް އެކްޝަން ޕްލޭން (2102-2019" ގައި ބަޔާންކޮށްފައިވާ ބޯހިޔާވަހިކަމާ ގުޅޭ ސިޔާސަތުތައް އަވަހަށް ތަންފީޒުކޮށް، އެ ސިޔާސަތުތައް ތަންފީޒުކުރުމަށް އަޅާނެކަމަށް ބަޔާންކޮށްފައިވާ ފިޔަވަޅުތައް އެޅުމަށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އެ ފިޔަވަޅުތައް އަޅައި ނިންމުމަށް؛
  • ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2023-2019 ގައި ބަޔާންކޮށްފައިވާ ސިޔާސަތުތައް ތަންފީޒުކުރަމުންދާ މިންވަރުގެ ތަފްޞީލު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެ ކޮމިޓީއާ ހިއްސާކުރަމުން ގެންދިއުން؛
  • ސުނާމީ ކާރިސާއަށް 6 އަހަރުވެފައިވާއިރު، އެ ކާރިސާގައި ގެއްލުންވި ހުރިހާ ފަރާތްތަކަކަށް ދިމާވެފައިވާ
    ބޯހިޔާވަހިކަމުގެ މައްސަލަތައް މިހާތަނަށް ޙައްލުވެ ނިމިފައިނުވާކަމާމެދު ކޮމިޓީން ކަންބޮޑުވުން ފާޅުކުރާ ހިނދު، އެ މައްސަލަތައް 2023 ވަނަ އަހަރުގެ ނިޔަލަށް ޙައްލުކޮށް ދިނުމަށް،
  • ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން، އެއް ރަށުން އަނެއް ރަށަށް ބަދަލުކޮށްފައިވާ ޢާއިލާތަކަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަތައް 2013 ވަނަ އަހަރުގެ ނިޔަލަށް ޙައްލުކޮށްދިނުމަށް:
  • ދިވެހިރާއްޖޭގެ އެކި ހިސާބުތަކުގައި ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާ މިންވަރު ދެނެގަތުމުގެ މަސައްކަތް 2023 ވަނަ އަހަރުގެ ނިޔަލަށް ނިންމުމަށް،
  • ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 23 ވަނަ މާއްދާގެ (ށ) ގެ ދަށުން، ހިޔާވަހިކަމަކީ، ދަޢުލަތުގެ ތަނަވަސްކަމާއި، ކުޅަދާނަކަން ހުރި މިންވަރަކަށް ދައުލަތުން ކޮންމެ ރައްޔިތަކަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރަންޖެހޭނެ ޙައްޤެއްކަމަށް ބަޔާންކޮށްފައިވާއިރު، ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ހަމަހަމަކަމާއެކު އެއް އުސޫލެއްގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުމަށް؛
  • ބޯހިޔާވަހިކަމުގެ އެއްބަސްވުންތަކުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢުތައް އަވަހަށް ނިންމޭނެފަދަ ނިޒާމެއް ޤާއިމުކުރުމަށާއި، އެގޮތުން، އެ މަޝްރޫޢުތައް ކުރިއަށްދާ މިންވަރު ގަވާއިދުން މޮނިޓަރކުރަމުން ގެންދިއުމަށާއި، އެ މަސައްކަތްތައް 2023 ވަނަ އަހަރުގެ ނިޔަލަށް ނިންމުމަށް.
  • އެއްބަސްވުމާ އެއްގޮތަށް ކުރިއަށްނުދާ މަޝްރޫޢުތަކުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަކި މުއްދަތެއްދިނުމަށާއި، އެގޮތުން ދެފަރާތުން އެއްބަސްވާ ވަކި މުއްދަތެއްގެ ތެރޭގައި ކަނޑައެޅޭ ވަކި އަމާޒަކަށް ވާޞިލުވެ، ނަތީޖާ ނެރުމަށް ޝަރުތުކުރުމަށާއި، އިތުރު ފުރުޞަތުދީގެން މަސައްކަތް ކުރެވޭ މިންވަރު ރަނގަޅަށް މޮނިޓަރކޮށް ބެލެހެއްޓުމަށާއި، އެ މުއްދަތުގެ ތެރޭގައި އެއްބަސްވެފައިވާ ގޮތުގެމަތިން އެދެވޭ ގޮތަކަށް މަސައްކަތް ކުރިއަށް ނުގެންދެވޭނަމަ އެއްބަސްވުންތައް ނިމުމަކަށް ގެނައުމަށާއި، އެގޮތަށް ޢަމަލްކުރުމަށްޓަކައި މިހާރު ވެފައިވާ އެއްބަސްވުންތަކުގެ ތެރެއިން މަސައްކަތް ކުރިއަށް ނުދާ އެއްބަސްވުންތައް އިޞްލާޙުކޮށް، އެއްބަސްވުންތައް އެކުލަވާލާއިރު، އެ އެއްބަސްވުންތަކާ ޚިލާފުވުމުގެ ސަބަބުން މަޝްރޫއިން ވަކިކުރާނަމަ ދައުލަތުން ބަދަލުދޭން ނުޖެހޭފަދަ ގޮތަކަށް ނުވަތަ ދައުލަތަށް މާމި ބުރައެއް އުފުވަންނުޖެހޭފަދަ ގޮތަކަށް އެއްބަސްވުންތަކުގައި ކަށަވަރުކުރުމަށް،

މިކޮމެޓީގައި މަޖިލިސްގެ 9 މެންބަރަކު ހިމެނި ވަޑައިގަންނަވަ އެވެ. މި ކޮމެޓީގެ މުގައްރިރަކީ ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ އެވެ. ނައިބަކީ ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފްއެވެ. ދެން މި ކޮމެޓީގައި ހިމެނި ވަޑައިގަންނަވަނީ ހޯރަފުށި ދާއިރާ މެންބަރު އަހްމަދު ސަލީމްއާއި، ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީއާއި، ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމްއާއި، ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާޙީމް ނަސީމްއާއި، ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަންއާއި، މަނަދޫ ދާއިރާގެ މެންބަރު އަހްމަދު ހާރޫންއާއި، އަދި ގެމަނަފުށި ދާއިރާގެ މެންބަރު އަޙްމަދު ސައީދެވެ.

މި ކޮމެޓީގައި މިނިވަން މެންބަރު ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާޙީމް ނަސީމް ފިޔަވައި ދެން މުޅީންވެސް ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރުންނެވެ.