ހއ. އިހަވަންދޫ އާޘާރީ މިސްކިތް، ޔުނެސްކޯ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށް ކުރެވެމުންދާ މަސައްކަތުގެ ދަށުން އެ މިސްކިތުގެ ބަފަޒޯން ކަމުގައި ކަނޑައެޅިފައިވާ ސަރަހައްދު ހާމަކޮށްފިއެވެ.

މިގޮތުން އެ މިސްކިތުގެ ބަފަޒޯން ސަރަޙައްދު ކަމުގައި ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ކަނޑައަޅފައިވާ ސަރަހައްދުގެ ގޮތުގައި އިހަވަންދޫ ކައުންސިލުން ބުނެފައިވާ ސަރަހައްދަކީ، އިހަވަންދޫ އޭސިޔާ ހިނގުމާއި، ދަނބުރުއްމަގާއި ގުޅުނު ހިސާބުން ދަނބުރުއްމަގުން އިރަށް އަދި ހަނދުވަރީ ހިނގުމުން އުތުރަށެވެ.

Ad
rt

އަދި މަފުރާ ހިނގުމުން ހުޅަނގަށް، އަމީނީ މަގުން އުތުރަށް، ތިލަފަޅު ހިނގުމުން ހުޅަނގަށް، އަޙްމަދީ ހިނގުމުން ދެކުނަށް، ހިންނަ މަގުން ހުޅަނގަށް، އަލިހަނދުވަރު ހިނގުމުން ދެކުނަށް، ގުރަހެލި ހިނގުމުން އިރަށް، އުނިމާ ގޯޅިން ދެކުނަށް، ރާދަ ހިނގުމުން ހުޅަނގަށް، އޭސިޔާ ހިނގުމުން، ދެކުނަށް އަދި ދަނބުރުއްމަގާއި ހަމައަށެވެ.

އިހަވަންދޫ އިހުގެ ހުކުރު މިސްކިތް ނުވަތަ އިހަވަންދޫ އާޘާރީ މިސްކިތަކީ، ހިރިގަލުން ބިނާކޮށްފައިވާ، 300 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ މިސްކިތެކެވެ. މި މިސްކިތް މިހާރުވެސް ވަނީ، ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނިފައެވެ.

މީލާދީގޮތުން 16 ޑިސެމްބަރު 1705 ވަނަ އަހަރު އިމާރާތް ކުރެވުނުކަމަށް ބުނެވޭ މި މިސްކިތުގައި އެއްފަހަރާ 40 ހަކަށް މީހުންނަށް ނަމާދުކުރެވޭވަރުގެ ޖާގަ އޮވެއެވެ.

މި މިސްކިތުގެ ގޯތި ތެރޭގައި 8 ކަނަށް ރާނާފައި ފެން ވަޅަކާއި، މަހާނަގާތަށް އެކުލެވޭ ގަބުރަސްތާނަކާއި އަދި ހިރިގަލުން ހަދާފައި ހުންނަ ކުޑަ މުންނާރެއް ހުރެއެވެ.

2014 ވަނަ އަހަރުގެ ތެރޭގައި ސަރުކާރުން ވަނީ، މި މިސްކިތުގެ އާބާތުރަ ފިލުވާފަ އެވެ.