އިޓާލިއަން ސީރިއާ އޭގައި ޔުވެންޓަސްއާއި ބެނެވެންޓޯ ބައްދަލުކުރި މެޗުން ޔުވެންޓަސް ބަލިވެ، ޖެހިޖެހިގެން ދިހަވަނަ ފަހަރަށް ލީގު ހޯދުމަށް އެ ޓީމުން ކުރަމުން އަންނަ މަސައްކަތަށް ހުރަސްތަކެއް ކުރިމަތި ވެއްޖެއެވެ. އާދީއްތަ ދުވަހުގެ ރޭ ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ބެނެވެންޓޯ އިން ކާމިޔާބު ކޮށްފައިވަނީ 1-0 ގެ ނަތީޖާއިންނެވެ.

މި މެޗުގައި ޔުވެންޓަސްއިން ވަނީ މޮޅު ކުޅުމެއް ދައްކާ، ބެނެވެންޓޯގެ ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ވެސް ފޮނުވާލާފައެވެ. މި ގޮތުން ފުރަތަމަ ހާފުގައި ރޮނާލްޑޯ ފޮނުވާލި ބާރު ހަމަލާ ދަނޑި ކައިރިން ބޭރަށް ގޮސްފައިވާއިރު، މޮރާޓާ ފޮނުވާލި ހަމަލާ ވަނީ ބެނެވެންޓޯގެ ކީޕަރު ލޮރެންޒޯ މޮންޓިޕޯ ދިފާއު ކޮށްފައެވެ.

Ad
rt

މެޗުގައި 35 ވަނަ މިނެޓުގައި ބެނެވެންޓޯގެ އޭރިއާގެ ތެރެއިން އެ ޓީމްގެ ފޮއުލޮންގެ އަތުގައި ބޯޅަ ޖެހުންކަމަށް ބަލައި ރެފްރީވަނީ ޔުވެންޓަސްއަށް ޕެނަލްޓީއެއް ދީފައެވެ. ނަމަވެސް ރެފްރީ ވަނީ ވީއޭއާރުން އިތުރަށް ބެލުމަށް ފަހު އެއީ ޕެނަލްޓީއެއް ނޫންކަމަށް ނިންމާފައެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފެނިގެން ގޮސްފައިވަނީ ދެވަނަ ހާފުގައެވެ. ޔުވެންޓަސްގެ ޑިފެންސް ތެރެއިން ހެދުނު ގޯހެއްގެ ފައިދާނަގައި ބެނެވެންޓޯގެ ފޯވާޑް ގައިޗް ވަނީ ލަނޑުޖަހައި އެ ޓީމަށް މެޗުގައި ލީޑު ހޯދައިދީފައވެ.

މި ލަނޑަށްފަހު ވެސް ޔުވެންޓަސް އިން ވަނީ ލަނޑެއް ޖެހުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. ފުރުޞަތު ތަކެއް ވެސް އެ ޓީމުން ވަނީ ތަނަވަސް ކޮށްފައެވެ. މިގޮތުން ރޮނާލްޑޯ ބެނެވެންޓޯގެ އޭރިއާގެ ތެރޭހުރެ ފޮނުވާލި ދެ ހަމަލާ ފާހަގަ ކުރެވެއެވެ. އެ ދެ ހަމަލާގެ ހުރަހަކަށް ވެސް ވެފައިވަނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ބެނެވެންޓޯގެ ކީޕަރު މޮންޓިޕޯއެވެ.

އެންމެފަހުން ބެނެވެންޓޯއިން ކުޅުނު 11 މެޗުގައި ވެސް އެ ޓީމަށް މޮޅެއް ހޯދިފައި ނުވާއިރު، ޔުވެންޓަސްފަދަ ވަރުގަދަ ޓީމެއް ބަލިކުރެވުމަކީ އެ ޓީމަށް ލިބިގެންދިޔަ ވަރަށް ބޮޑު އިތުބާރެކެވެ.

މި ބައްޔާއިއެކު ޔުވެންޓަސް މި ސީޒަންގެ އިޓަލީ ލީގު ހޯދުމަށް ކުރަމުން އަންނަ އުންމީދަށް ވަނީ ވަރަށް ބޮޑަށް ނުތަނަވަސް ކަން ކުރިމަތި ވެފައެވެ. މިވަގުތު ޔުވެންޓަސް އޮތީ އެއްވަނާގައި އޮތް އިންޓަ މިލާނަށް ވުރެ ދިހަ ޕޮއިންޓް ފަހަތުގައެވެ. ޔުވެންޓަސް އަށް ލީގުގައި ކުޅުނު 27 މެޗުން ލިބިފައިވަނީ 55 ޕޮއިންޓެވެ. އެ ޓީމް މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ ތިންވަނާގައެވެ. މި މެޗުން މޮޅުވި ބެނެވެންޓޯ މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 16 ވަނާގައެވެ. އެ ޓީމަށް 28 މެޗުން ލިބިފައިވަނީ 29 ޕޮއިންޓެވެ.