ހއ. ހޯރަފުށީގައި ޤާއިމުކުރާ އައިސްޕްލާންޓްގެ ބިންގާ ރޭ އަޅައިފިއެވެ.
އެކަމަށް ބޭއްވި ރަސްމިއްޔާތު އޮތީ ހޯރަފުށީ ބަނދަރު ސަރަހައްދުގައި ގައެވެ. މި ރަސްމިއްޔާތުގައި އައިސްޕްލާންޓްގެ ބިންގާ އަޅުއްވާދެއްވީ މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީއާއި ހޯރަފުށީ ކެޔޮޅުންނެވެ.
މި ރަސްމިއްޔާތުގައި މިފްކޯގެ ސީއީއޯއާއި، ހޯރަފުށީ ކައުންސިލާއި، އެރަށުގެ ކެޔޮޅުންނާއ، މަސްވެރިންނާއި ބައިވެރިވެފައިވާއިރު، އެރަސްމިއްޔާތުގައި ވަނީ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވެސް އޮންލައިންކޮށް ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވާފައެވެ. މީގެ އިތުރުން ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) ވެސް އޮންލައިންކޮށް ބައިވެރިވެ ވަޑަައިގެން ވާހަކަ ދެއްކެވިއެވެ.
މި އައިސްޕްލާންޓްގެ ބިމު ކުލި ރަށުގެ ކައުންސިލަށް ލިބޭގޮތަށް އެއްބަސްވެފައިވާއިރު، އެތަން ހިންގައިގެން ލިބޭ އާމްދަނީގެ ފައިދާގެ 20 އިންސައްތަވެސް އެރަށު ކައުންސިލަށް ދޭގޮތަށް ވަނީ އެއްބަސްވެފަ އެވެ. އަދި އެ އައިސްޕްލާންޓްގެ ސަބަބުން އިތުރު ވަޒީފާގެ ފުރުޞަތުތައް ލިބި، އެރަށުގެ މަސްވެރިންނާއި، ހޯރަފުށީ ބަނދަރު ބޭނުންކުރާ އެހެނިހެން ރަށްރަށުގެ މަސްވެރިންނަށް ވެސް ވަރަށް ބޮޑު ފަސޭހަކަމެއް ލިބިގެންދާނެއެވެ.
ހޯރަފުށީގައި އައިސް ޕްލާންޓެއް ގާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ މިއަހަރުގެ ޖެނުއަރީ 27 ވަނަ ދުވަހު އެވެ. ޕަބްލިކް ޕްރައިވެޓް ޕަރޓްނަރޝިޕް މޮޑެލްގައި ކުރިއަށް ގެންދަން ނިންމާފައިވާ މި މަޝްރޫއުއަކީ ޗަންޕާ ބްރަދަރސްއިން ފައިނޭންސް ކުރަން ހަމަޖެހިފައިވާ މަޝްރޫޢުއެކެވެ.
4.2 މިލިއަން ރުފިޔާގެ މިމަޝްރޫއުގެ އަމަލީ މަސައްކަތް ފަށާތާ 150 ދުވަހުގެ ތެރޭގައި މަޝްރޫއުގެ މަސައްކަތްތައް ނިންމާނެ ކަމަށް މިފްކޯއިން ބުނެފައިވާއިރު، އެ އައިސްޕްލާންޓް ގާއިމުކޮށް ހިންގާނީ ވެސް އެ ކުންފުނިންނެވެ.
ހޯރަފުށީގައި ގާއިމު ކުރަނީ 25 ޓަނުގެ އައިސްޕްލާންޓެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!