ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އައްޘާނީ އާއި ބައްދަލުކުރައްވާ ދެ ޤައުމުގެ ދެމެދުގައިއޮތް ގުޅުން ދެމެހެއްޓެވުމަށް މަޝްވަރާކުރައްވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ، މި މަޝްވަރާކުރެވިފައި ވަނީ، ރައިސް ޞާލިޙާއި، ގަތަރުގެ އަމީރު މިއަދު ބޭއްވެވި ރަސްމީ ވާހަކަފުޅުތަކުގެ ތެރެއިން ކަމަށެވެ.

Ad
rt

މިއަދު މެންދުރު ޤަޠަރުގެ އަމީރުގެ ގަނޑުވަރުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވަނީ ދިވެހިރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ކަންކަން ކުރިއެރުވުމަށް މި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ގަތަރުގެ ސަރުކާރުން ވެދެއްވަމުން ގެންދަވާފައިވާ އެއްބާރުލެއްވުމާއި އެހީތެރިކަން ފާހަގަކުރައްވައި، އެކަމަށްޓަކައި ޝުކުރުއަދާކުރައްވާފައި ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

''ރަސްމީ ވާހަކަފުޅުތަކުގައި ދެ ޤައުމުގެ ވެރިންވެސް ވަނީ ދެ ޤައުމުގެ ދެމެދުގައިވާ ދޭދޭ ގުޅުން އިތުރަށް ވަރުގަދަކުރެއްވުމަށް ކުރެއްވިދާނެ ކަންތައްތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ. އަދި ދެބޭފުޅުން ވެސް ވަނީ ކޮވިޑް-19 ގެ ޕެންޑެމިކް ހާލަތުގައި ދެޤައުމަށް ކުރިމަތިވަމުން އަންނަ ކަންތައްތައް ޙިއްޞާ ކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ދިވެހިރާއްޖޭގައި އޮތް ތަރައްޤީގެ ވައްޓަފާޅި ބަދަލުކުރައްވަންޖެހިވަޑައިގެންފައިވާ ކަމަށެވެ. އެގޮތުން މިހާރުގެ ރާއްޖެ ތަރައްޤީކުރުމަށް ނިންމަވާފައިވަނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ދެމެހެއްޓެނިވި ތަރައްޤީ ދިވެހިރާއްޖެއަށް ލިބޭނެފަދަގޮތަކަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ބައްދަލުކޮށްލެއްވުމުގައި ރައިސުލްޖުމްހޫރިއްޔާ ވަނީ ޤަޠަރުގެ ސަރުކާރުން ކޮވިޑް-19 އެ ޤައުމުގައި ފެތުރިގެން ދިޔަ ނުދިނުމަށް އަޅުއްވާފައިވާ ހަރުދަނާ ފިޔަވަޅުތައް ފާހަގަކުރައްވާ އެކަމަށް ތަޢުރީފު ކުރައްވާފައެވެ.'' ރައީސް އޮފީހުން ވިދާޅުވެފަ ވެއެވެ.

އެ އޮފީހުން ވިދާޅުވީ، އެ ދެ ބޭފުޅުންވެސް ވަނީ ދެޤައުމުގެ މީހުން އެކަކު އަނެކަކާއި ބައްދަލުވެ ވިޔަފާރީގެ ރޮނގުންނާއި އެއްވިސްނުމެއް ގެންގުޅޭ އެހެން ދާއިރާތަކުން ގުޅުން ބަދަހިކޮށް ކުރިއެރުމަށް މަގުފަހިކޮށްދެއްވުމަށް މަޝްވަރާކުރައްވާފައި ކަމަށެވެ. މީގެ އިތުރުން ދެޤައުމުގެ ދޭދޭގުޅުން ބަދަހިކުރެއްވުމަށް، ދިވެހިރާއްޖެއިން ގަތަރަށް ނޮން ރެސިޑެންޓް ސަފީރެއް ކަނޑައެޅުއްވުމުގެ ވިސްނުން ގެންގުޅުއްވާކަމުގައި ރައީސް ފާހަގަ ކުރެއްވިކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

ރައީސް ޞާލިޙްގެ މި ދަތުރުފުޅުގައި، ރައީސްގެ ދެ ކަނބަލުންގެ އަރިހުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން ޢާއިޝަތު ނަހުލާ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް، އަލްއުސްތާޛު ޢަލީ ޒާހިރު، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް، އަޙްމަދު ޚަލީލް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ، ފޮރިން ރިލޭޝަންސް، ޞަބްރާ އިބްރާހީމް ނޫރައްދީން، އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓު، އިބްރާހީމް ހޫދު ބައިވެރިވެވަޑައިގެންނެވިއެވެ.

ގަތަރަށް ކުރަށްވާ ދަތުރަށްފަހު ރައީސް ވަނީ ބަނގުލަދޭޝްއަށް ވެސް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފަ އެވެ.