ކޯވިޑް-19އިން ދިފާއުވުމަށް ރާއްޖޭގައި ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުފެށި ގައުމީ ކެމްޕެއިން ''ކޯވިޑް-19 ދިފާއު''ގެ ދަށުން އިއްޔެގެ ނިޔަލަށް 2 ލައްކައަަށްވުރެ ގިނަ މީހުން ރާއްޖޭގައި ކޯވިޑް ވެކްސިންޖަހައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ހާމަކުރަށްވާފައި ވާގޮތުގައި އިއްޔެ އެކަނި ވެސް ރާއްޖޭގައި 7،908 މީހުން ވަނީ ވެކްސިން ޖަހާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ގްރޭޓާ މާލޭ އޭރިއާއިން ވެކްސިން ޖެހި 4،941 މީހުންނާއި، އަތޮޅުތަކުން ވެކްސިން ޖެހި 2،967 މީހުންނެވެ.

Ad
rt

މިގޮތުން އިއްޔެގެ ނިޔަަލަށް ރާއްޖޭގައި ކޯވިޑް ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދު 206،114 އަށް ވަނީ އަރާފަ އެވެ.

މިއަދުން ފެށިގެން ޚާއްޞަގޮތެއްގައި ވެކްސިން ދޭންޖެހޭ މީހުން މެނުވީ، އެހެން މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން ހުއްޓާލަން ސަރުކާރުން ވަނީ ނިންމާފައެވެ. ސަރުކާރުން ވަނީ ރާއްޖޭގައި ދެމުންދާ ކޮވިޝީލްޑް ވެކްސިންގެ 3 ލައްކަ ޑޯޒް ގަތުމަށް ނިންމައި، އެ ޑޯޒްތައް ގެނެވުމާއެކު އަލުން ފުރަތަމަ ޑޯޒް ދޭން ފަށާނެ ކަމަށް ބުނެފައެވެ.

ފުރަތަމަ ޑޯޒް ދިން މީހުންނަށް ދެ ވަނަ ޑޯޒެއް ދޭނީ، ފުރަތަމަ ޑޯޒް ދިންތާ 8 ހަފްތާ ފަހުންނެވެ.

ރާއްޖޭގައި މިވަގުތު ޖަހަމުންދާ އިންޑިއާއިން ރާއްޖެ ހަދިޔާކުރި ކޮވިޑްޝީލްޑް ވެކްސިންއަކީ އޮކްސްފޯޑް ޔުނިވަރސިޓީ އާއި އެސްޓްރާޒެނެކާ (AstraZeneca) ގުޅިގެން އުފައްދާފައިވާ ވެކްސިންގެ ފޯމިއުލާއާ އެއްގޮތަށް އީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ތައްޔާރުކޮށްފައިވާ ވެކްސިނެކެވެ.