ރާއްޖޭގައި ''ފްލޯޓިން ސިޓީ''އެއް ހެދުމުގެ މަޝްރޫޢު މިއަދު އިފްތިތާހުކޮށްފި އެވެ.

މިގޮތުން މި މަޝްރޫޢުގެ ދަށުން "މޯލްޑިވްސް ފްލޯޓިން އައިލެންޑް" ތަރައްގީ ކުރަނީ މާލޭގެ އުތުރުން އޮންނަ ފަޅެއްގަ އެވެ.

Ad
rt

މި މަޝްރޫޢު ހިންގަނީ ނެދަލެންޑްސްގެ ކުންފުންޏެއް ކަމަށްވާ ޑަޗް ޑޮކްލެންޑްސް ކުންފުނިންނެވެ. މިއަދު އެ މަޝްރޫޢު އިފްތިތާޙް ކުރީ އެ ކުންފުންޏާއެކު ދެވަނަ ފަހަރަށް ހެދި އެއްބަސްވުމުގެ ދަށުންނެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި އެންމެ ފުރަތަމަ ސޮއިކުރީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި، 2010 ވަނަ އަހަރުގަ އެވެ. އެ އެއްބަސްވުމުގައި އޭރުގެ ސޮއި ކުރެއްވީ އޭރުގެ އިކޮނޮމިކް މިނިސްޓަރު މުހަންމަދު ރަޝީދެވެ. ނަމަވެސް އެ މަޝްރޫކުރިއަށް ގޮސްފައެއް ނުވެއެވެ.

އެ މަޝްރޫޢު އަލުން ފެށުމަށް ކުރީގެ ސަރުކާރުގެ ދުވަސްވަރުވެސް، ސަރުކާރުތެރެއިން އިންވެސްޓަރ މަސައްކަތްތަކެއް ކުރިކަމަށް ވެއެވެ. ނަމަވެސް އެ މަޝްރޫޢު ރައްޔިތުންނާއި ހަމައަށް ތިލަނުވެ، އޮތީ ވަޅުޖަހާފައެވެ.

އެ މަޝްރޫއުގައި ދެވަނަ ފަހަރަށް ސޮއިކުރީ 2019 ވަނަ އަހަރު އެވެ. މި މަޝްރޫޢު މިއަދު އިފްތިތާޙް ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަަޝީދު ބައިވެރިވެވަޑައިގަތެވެ.

މި މަޝްރޫޢުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ޕްރެސްރިލީޒެއްގައި ބުނީ މާލެ/ހުޅުލެ އިން ފުރައިގެން 10 މިނެޓުން ދެވޭ ސަރަހައްދުގައި ތަރައްގީ ކުރީ އެ ސިޓީއަކީ އެ ކޮންސެޕްޓަށް ދުނިޔޭގައި ހަދާ ފުރަތަމަ ސިޓީ ކަމަށެވެ.

މި ސިޓީގައި 5000 އަށްވުރެ ގިނަ ގެ ތަރައްގީކުރުމަށް ހަމަޖެހިފައިވާއިރު، މި މަޝްރޫއު ކުރިއަށް ގެންދަނީ 10 އަހަރަށް ބަހާލައިގެންނެވެ.

މި ސިޓީގައި މިޑްލް ރޭންޖުން ހައި-އެންޑްގެ ގެތައް ހަދަން ނިންމާފައިވާއިރު، މިތަނުގައި ހަދާ ގެތަކުގެ އަގު އުޅޭނީ ދެ މިލިއަން ރުފިޔާ އިން މަތީގައި ކަމަށް މި މަޝްރޫޢުގެ ލޯކަލް ކޮންސަލްޓެންޓް އިބްރާހިމް ރިޔާޒް ވަނީ މީޑިއާއަށް ވިދާޅުވެފައެވެ. މި ސިޓީން ގެ ގަތުމަށްޓަކާއި އިންސްޓޯލްމެންޓް އުސޫލުގެ ތެރެއިން ގެ ގަތުމުގެ ފުރުސަތު ދޭންނިއްމާފައިވާއިރު، މީގެ އިތުރުން މޯގޭޖް އުސޫލުން ލޯނު ނަގައިގެން ވެސް މި ސިޓީން ގެ ގަތުމުގެ ފުރުސަތު ދޭނެއެވެ.

މިި މަޝްރޫއުގެ އަމަލީ މަސައްކަތް 2022 ވަނަ އަހަރު ފަށަން ވަނީ ޕްލޭން ކޮށްފައެވެ.