ހއ. ބާރަށުން މިހާތަނަށް 31 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ، ރައްޔިތުން ހާސްކަންމަތީ ތިބި ދަނޑިވަޅުގައި އަވަށްޓެރި އުތީމު ރައްޔިތުންގެ ފަރާތުން، ބާރަށު ރައްޔިތުންނަށް ހިތްވަރުދީ އެހީތެރިވުމުގެ ގޮތުން ރޯ މަސް ހަދިޔާ ކޮށްފިއެވެ.
މިގޮތުން ބާރަށު ޒުވާނަކު ''ތިލަދުން''އަށް ބުނީ އަވަށްޓެރި އުތީމު ރައްޔިތުންގެ ފަރާތުން ބާރަށަށް ހަދިޔާކޮއްފައިވަނީ ޖުމްލަ 1400 ކިލޯ މަސް ކަމަށެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލިސްގައި އެރަށް ތަމްސީލް ކުރަށްވާ، ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބުދުﷲ ވަނީ 979 ކިލޯ ރޯމަސް ހަދިޔާ ކޮށްފަ އެވެ. އަދި މީގެ އިތުރުން 13،750 ފޭސް މާސްކާއި، 360 ފުޅި ހޭންޑް ސެނިޓެއިޒަރ ވެސް ހަދިޔާ ކުރަށްވާފައިވެ އެވެ.
އަވަށްޓެރި މުރައިދޫން ވެސް ވަނީ ދެ ދުވަސް މަތީން ބާރަށަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. މި ގޮތުން މުރައިދޫން ވަނީ ރޯ މަހާއި، ކާޑާއި އަދި ނޫޑުލުސް ބާރަށުގެ ރައްޔިތުންނަށް ހަދިޔާ ކޮށްފައެވެ.
ބާރަށުން ހޯމް ކަރަންޓީން ފުރިހަމަ ކުރި 9 މީހަކު ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ މި މަހުގެ 1 ވަނަ ދުވަހުގެ ރެއެވެ. އަދި އެމީހުންނާއި އިތުރު މީހުން ބައްދަލުވެފައި ވުމުން ޖެހިގެން އައި ދުވަހު 6 މީހެއްގެ ސާމްޕަލް ނެގިއެވެ. އޭގެ ތެރެއިން 4 ސާމްޕަލެއް ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. ބާރަށުން ޖުމްލަ 36 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު، މާރިޗް 2 ވަނަ ދުވަހުން ފެށިގެން އެރަށަށް އަދިވެސް އޮތީ ފުރަބަންދުގެ ހާލަތުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!