ހދ. ދިއްދޫގައި ހުންނަ ''ހއ. އަމާންވެށި'' އިން އިތުރު 10 ކުއްޖަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.
ހއ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލުން ''ތިލަދުން''އަށް ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ. މިކުންދިން ކޯވިޑް19 އަށް ޓެސްޓުކުރީ އިއްޔެކަމަށެވެ. މިކުދިންގެ ސާމްޕަލް ނަގާފައިވަނީ ހއ. އަމާންވެށިން އިއްޔެ ކުއްޖަކު ޕޮޒިޓިވް ވުމާއި ގުޅިގެން އެކުއްޖާއާއި މިކުދިން ބައްދަލުވެފައިވާތީ އެވެ.
ހއ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގައި މިވަގުތު ތިބީ 15 ކުދިންނެވެ. މިއަދު ޕޮޒިޓިވްވި ކުދިންނާއި އެކު އެސެންޓަރުން ކޯވިޑްއަށް ޕޮޒިޓިވްވީ ކުދިންގެ އަދަދު މިވަނީ 11 އަށް އަރާފައެވެ.
އިއްޔެ ފުރަތަމަ ކޯވިޑަށް ޕޮޒިޓިވްވި ކުއްޖާގެ ސާމްޕަލް ނަގާފައިވަނީ އަލާމާތްތައް ފެނުމުންނެވެ. އެ ކުއްޖާހުރީ ކަރަންޓީނުގައި ކަމުން، ބައްދަލުވެފައި ވަނީ އެކުގައި ތިބި ކުދިންނާއެވެ.
އެކުދިން ޕޮޒިޓިވްވުމާއި ގުޅިގެން މިހާރުވަނީ ހއ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގައި އައިސޮލޭޓް ކުރެވިފައިއެވެ.
ހޯމް ކަރަންޓީނުގައި ތިބޭ މީހުންނާއި، ބައްދަލުކުރުމަށް އެއްވެސް މީހަކު ނުދިއުމަށާއި ކަރަންޓީނުގައި ތިބި މީހުންގެ ޒަރޫރީ ކަންކަން ފުރިހަމަކޮށް ދިނުމުގައި އެހީތެރިވާ މީހުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އެމަސައްކަތްތައް ކުރުމަށް ދިއްދޫ ކައުންސިލުން ވަނީ އެދިފައެވެ.
މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ހއ. އަތޮޅުގައި ގާއިމުކުރި ''ހއ. އަމާންވެށި'' ރަސްމީކޮށް ހުޅުވީ މިމަހުގެ 6 ވަނަ ދުވަހުއެވެ.
ހއ. އަތޮޅުގައި ހުޅުވި އަމާންވެއްޓަށް ވަނީ ތިން ޢާއިލާއަކަށް ނިސްބަތްވާ 15 ކުއްޖަކު ބަދަލުކޮށްފައެވެ. އެކުދިން ދިއްދޫއަށް ގެންދިޔައީ، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ އެދުވަހު އެރަށަށް ވަޑައިގަތްއިރު އެކަމަނާގެ އަރިހުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!