ހދ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ހދ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ ވޮލީ މުބާރާތް ފަށައިފިއެވެ.

މި މުބާރާތް ފަށާފައިވަނީ 12 މާޗް 2021 ވީ ހުކުރު ދުވަހު ހަވީރު ނޮޅިވަރަންފަރު ވޮލީ ކޯޓުގައެވެ. މުބާރާތް ފެށުމުގެ ގޮތުން ކުޅެފައިވަނީ އަންހެން ކެޓަގަރީގެ މެޗެކެވެ. މި މެޗުގައި ބައްދަލު ކޮށްފައިވަނީ ނޮޅިވަރަންފަރު ލައިކަންއާއި ހިރިމަރަދޫ ހިރިޒިލްއެވެ. މި މެޗު ފަސޭހަކަމާއިއެކު ސީދާ ތިންސެޓުން ކާމިޔާބު ކޮށްފައިވަނީ ނޮޅިވަރަންފަރު ލައިކަންއެވެ. ލައިކަން ސެޓްތައް ގެންގޮސްފައިވަނީ (25/9، 25/8، 25/10) އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ލައިކަންގެ ޖޯޒީ ނަމްބަރު 07، މަރިޔަމް އަޒީފާއެވެ.

Ad
rt

ހުކުރު ދުވަހުގެ ރޭ މުބާރާތުގެ ފިރިހެން ކެޓަގަރީގެ މެޗެއް ވެސް ވަނީ ކުޅެފައެވެ. މި މެޗުގައި ބައްދަލު ކޮށްފައިވަނީ ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބާއި ނޭކުރެންދޫ ވޮލީ ޓީމެވެ. މި މެޗު ސީދާ ތިންސެޓުން ކާމިޔާބު ކޮށްފައިވަނީ ނޮޅިވަރަންފަރު ޓީމުންނެވެ. އެ ޓީމުން ސެޓްތައް ގެންގޮސްފައިވަނީ (25/15، 25/16، 25/12) އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބްގެ ޖޯޒީ ނަމްބަރު 12 އަލީ ހުޒާމްއެވެ.

މި މުބާރާތުގެ ދެ މެޗު 13 މާޗް 2021 ވާ ހޮނހިރު ދުވަހު ވެސް އޮންނާނެއެވެ. ހަވީރު އަންހެން ކެޓަގަރީގެ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު މި މެޗުގައި ބައްދަލުކުރާނީ ޓީމް ކުޅުދުއްފުށި އަދި ޓީމް ނައިވާދޫއެވެ. ރޭގަނޑު ފިރިހެން ކެޓަގަރީގެ މެޗުގައި ބައްދަލުކުރާނީ ޓީމް ކުޅުދުއްފުށި އަދި ހިރިމަރަދޫ ހިރިޒިލް އެވެ.