ވަޒީފާގެ ރައްކާތެރިކަމާއި އިންސާފު ލިބުން ވަނީ ގެއްލިފައި ކަމަށް، ޓުރިޒަމް އެމްޕްލޯއިމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ބުނެފިއެވެ.

ޓީމްއިން މިހެން ބުނީ ޓޫރިޒަމް މިނިސްޓަރު މައުސޫމް ވިދާޅުވިކަމަށް އޮންލައިން ނޫހެއްގައި ގެނެސްދީފައިވާ ޚަބަރެއްގެ ސުރުޚީ ހިމަނައި ކުރި ޓްވީޓެއްގަ އެވެ.

Ad
rt

އެ ސުރުޚީގައި ބުނެފައި ވަނީ ''ޓޫރިޒަމް ރަނގަޅުވެ ގެއްލުނު ވަޒީފާތައް ލިބިއްޖެ، އިތުރު 9،000 ވަޒީފާގެ ފުރުސަތު މިއަހަރު ތެރޭގައި'' މިހެންނެވެ.

އެ ނޫހުގެ މިޚަބަރާއި ގުޅިގެން ޓީމް އިން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ، އެއީ ކަނޑައެޅިގެންދޮގެއް ކަމަށެވެ.

އެތަށްބައިވަރު ދިވެހި މުވައްޒަފުންނެއްވަނީ އަދިވެސް ވަޒީފާނުލިބި، މަގުމަތިވެފަ، ނޯޕޭގަ! މިހާރުވެސް އެތަށް މުވައްޒަފުންނެއް ދަނީ 21 ވަނަ މާއްދާގެ ދަށުން ވަޒީފާތަކުން ވަކިކުރަމުން، ވަޒީފާގެ ރައްކާތެރިކަމާއި އިންސާފު ލިބުން ވަނީ ގެއްލިފަ"

ޓީމް އިން ކުރި ޓުވީޓުގައި ބުނެފައިވެއެވެ.

އެ ނޫހުގައި ގެނެސްދީފައިވާ ޚަބަރާއި ގުޅިގެން، ޓީމްއިން މިނިސްޓަރުގެ ވާހަކަފުޅަށް ނުރުހުންފާޅުކޮށްފައިވާއިރު، ފަތުރުވެރިކަމަށް 50 އަހަރު ފާހަގަކުރުމަށް ލޯގޯ އިފްތިތާޙް ކުރުމުގެ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މައުސޫމް ވިދާޅުވެފައި ވަނީ، ރާއްޖޭގެ ފަތުރުވެރިކަމުގެ އެނދުގެ 94 އިންސައްތަ އަނބުރާ އޮޕަރޭޝަނަށް އައިސްފައިވާ ކަމަށާއި، އަދި ވަޒީފާއަށް އަސަރު ކުރި ގިނަ މީހުންނަށް ވަޒީފާ އަލުން ލިބިފައިވާކަމަށެވެ.