މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯރސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދުގެ އިތުބާރު ނެތްކަމަށްބުނެ އިދިކޮޅު ކޯލިޝަންގެ މެންބަރުން، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައަކީ އެއްވެސް އަސާސެއްނެތް، ސަރުކާރު ކޯލިޝަން ތެރޭގައި ފިތުނަވެރިކަން އުފެއްދުމަށް ސިޔާސީ ބޭނުމަކަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް)އިން ބުނެފިއެވެ.
އެޕާޓީން މިހެން ބުނީ އިއްޔެ މިނިސްޓަރު ޒަހާގެ ދިފާއުގައި އާންމުކުރި ނޫސް ބަޔާނެއްގަ އެވެ.
އެމްއާރްއެމްއިން ބުނީ މިނިސްޓަރ ޒަހާއަކީ މެރިން ބައޮލޮޖީ އަދި އޯޝަނޮގްރަފީ ދާއިރާއިން ޖޮއިންޓް އޮނާރސް ޑިގްރީ ފުރިހަމަ ކުރައްވާ، މެރިން ސައިންސް (ފިޝަރީސް ރިސޯސް މެނޭޖުމަންޓް ދާއިރާއިން މާސްޓަރސް ޑިގްރީ ހައްދަވައިގެން، މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށެވެ.
އެ ޕާޓީން ބުނީ، ޒަހާ މިނިސްޓަރުކަމާއި ހަވާލުވެ ވަޑައިގެން 20 އަހަރަށް ވުރެ ގިނަ ދުވަސް ވެފައި އޮތް މަސްވެރިކަމުގެ ޤާނޫނު ޒަމާނީ ޤާނޫނަކަށް ބަދަލުކޮށް މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތައް އެކުލަވާލައްވާފައި ވާކަމަށެވެ. އަދި ކޯވިޑްގެ ދަތި ޙާލަތުގައިވެސް އިޤްތިޞާދީ މުހިންމު ޞިނާޢަތްތަކެއް ކަމަށްވާ މަސްވެރިކަމާއި ދަނޑުވެރިކަމުގެ މަސައްކަތްތައް ނުހުއްޓި ކުރިއަށް ގެންދެވޭން މަގު ފަހިކޮށްދެއްވި ކަމަށެވެ.
''މިއާއިއެކު ޔޫރަޕްގެ މާކެޓްގައި ދިވެހި މަހަށް ރަނގަޅު އަގެއް ހޯދުމަށްޓަކައި ހުއްޓުމެއް ނެތި ކުރައްވާ މަސައްކަތާއި، ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރުމަށްޓަކައި ޕެސްޓިސައިޑް ޤާނޫނެއް ވުޖޫދަށް ގެންނެވުމާއި، މެރިކަލްޗަރ ޞިނާޢަތެއް ރާއްޖޭގައި ތަރައްޤީކުރުމަށް ކުރައްވާ މަސައްކަތް ފާހަގަކޮށްލެވެއެވެ. އޭގެ އިތުރުން، މިފްކޯގައި ހުރި ޒަމާންވީ ގިނަ މައްސަލަތަކަށް ޙައްލު ހޯއްދަވައިދެއްވުމަށް މިނިސްޓަރ ޒަހާ އިސްވެ ހުންނަވައިގެން ޕްލޭންތައް ހައްދަވައި އެކަމުގެ ޢަމަލީ މަސައްކަތް ފެއްޓެވި ފެއްޓެވުމުންވެސް މިނިސްޓަރ ޒަހާގެ ހިންގުންތެރިކަމާއި ޤާބިލުކަން އެނގިގެންދެއެވެ.''- އެމްއާރްއެމްއިން ބުނެފަ ވެއެވެ.
ކޯލިޝަން ސަރުކާރުން ޤައުމުގެ އިސް މަޤާމުތަކުގައި އަންހެނުންނަށް ފުރުޞަތުދެއްވާފައި ވާއިރު އެކަމާއި ޙަސަދަވެރިވެ އަންހެނުން ބާކީކޮށް ނިކަމެތިކުރުމުގެ ވިސްނުން ގެންގުޅުއްވާ މަދު މެންބަރުން ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުން ތަމްސީލުކުރައްވަން ތިއްބެވުމަކީ ނުހަނު ކަންބޮޑުވެ ހިތާމަކުރާ ކަމެއް ކަމަށް އެމްއާރްއެމްއިން ބުނެފަ ވެއެވެ.
އެޕާޓީން ބުނީ ޤައުމުގެ ތަރައްޤީއަށް އަންހެނުންގެ ޙިއްޞާ އިތުރު ކުރުމަކީ ނުހަނު ބޭނުންތެރިކަމަކަށް ވާއިރު، މިނިސްޓަރ ޒަހާގެ އިތުބާރުނެތްކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައަކީ އަންހެނުން ބާރުވެރިކުރުމާއި ދެކޮޅަށް ކުރާ މަސައްކަތެއް ކަމަށެވެ.
''ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި، އެމަނިކުފާނުގެ ސިޔާސަތުތައް ދަމަހައްޓަވާ، ސަރުކާރާއި ރައްޔިތުންގެ ޚިދުމަތުގައި މިނިސްޓަރ ޒަހާއަކީ ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އިއްޔެގެ ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިފަދައިން، ކޯލިޝަން 5 އަހަރަށް ދެމެހެއްޓުމަށްޓަކައި ސަރުކާރާއެކު އެމް.އާރް.އެމް.ގެ މެންބަރުންނާއި ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ މިނިސްޓަރުން ސާބިތުކަމާއި އިޙްލާސްތެރިކަމާއެކު ދެމި ތިއްބަވާނެކަމުގެ ޔަޤީންކަން މިފުރުޞަތުގައި ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ.''-އެމްއާރްއެމްއިން ބުނެފަ ވެއެވެ.
ފިޝަރީޒް މިނިސްޓަރު ޒަހާގެ އިތުބާރުގެ މައްސަލައެއް މަޖިލިސްއަށް ވެއްދީ މަޖިލިސް ތަމްސީލް ކުރަށްވާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރުން އިސްވެތިބެ މާރިޗް 10 ވަނަ ދުވަހުއެވެ. އެ މައްސަލާގައި އެގާރަ މެންބަރުން ސޮއިކުރައްވާފައިވާއިރު، އިދިކޮޅު ކޯލިޝަންގެ ޕިޖީގައި ހިމެނެނީ ޕީޕީއެމްގެ 6 މެންބަރަކާއި، ޕީއެންސީގެ 3 މެންބަރެކެވެ. އިތުރަށް އެ މައްސަލާގައި ސޮއި ކުރެއްވީ މިނިވަން ދެ މެންބަރެކެވެ.
ޒަހާއަށް ފުރިހަމަ އިތުބާރުއޮތް ކަމަށް އެމްއާރްއެމްގެ ރައީސް، ކުރީގެ ރައީސް މައުމޫން ވެސް ވިދާޅު، ޒަހާގެ ދިފާއުގައި ވާހަކަ ދައްކަވާފައިވާއިރު، އެޕާޓީގެ ނައިބު ރައީސް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވެސް ވަނީ ޒަހާ ދިފާއު ކުރަށްވާފައެވެ.
މިނިސްޓަރު ޒަހާގެ މައްޗަށް ފުރިހަމަ އިތުބާރު އޮތްކަމަށް އިއްޔެ ވަނީ ސަރުކާރުން ބުނެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!