ށ. ފޯކައިދޫ ކޮމިޔުނިޓީ ސެންޓަރ ޕްރޮޖެކްޓް ފޯކައިދޫ ކައުންސިލުން ކުރިޔަށްގެންދިމަށް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އިންޑިޔާ ސަރުކާރުގެ ހިލޭއެހީގެ ދަށުން ގާއިމުކުރުމަށް ހަމަޖެހިފައިވާ މި ޕްރޮޖެކްޓް ކައުންސިލުން ކުރިއަށް ގެންދިއުމަށް ހަވާލުކުރުމުގެ ރަސްމިއްޔާތު އޮތީ ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ)ގައި މިއަދު އެވެ. ޒޫމް މެދުވެރިކޮށް ބޭއްވި ރަސްމިއްޔާތެއްގައި އެލްޖީއޭގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު ފާތިމަތު އަފްޝަން ލަތީފެވެ. އަދި ކައުންސިލުތަކުގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލުތަކުގެ ރައީސް މުޙައްމަދު ރާޝިދު އެވެ.

Ad
rt

މިބައްދަލުވުމުގައި ކައުންސިލްގެ މެންބަރުން އަދި އެލްޖީއޭގެ އިސްވެރިން ބައިވެރިވި އެވެ.

މި ޕްރޮޖެކްޓް އަކީ 26 ނޮވެމްބަރ 2019 ވަނަ ދުވަހު އެލް އެފް ކޮންސްޓްރަކްޝަންއާއި ހަވާލު ކުރެވެނު ޕްރޮޖެކްޓެކެވެ. މިމަސައްކަތް އެކުންފުންޏަށް ކުރިއަށް ނުގެންދެވުމުގެ ސަބަބުން ވަނީ ބާތިލްކޮށްފަ އެވެ.

މި ސެންޓަރަކީ ފޯކައިދޫގެ އިތުރުން މުޅި ށ.އަތޮޅުގެ ރައްޔިތުންނަށްވެސް އެތަނުގެ ބޭނުން ހިފޭ ގޮތަށް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ކޮމިއުނިޓީ ސެންޓަރެކެވެ.

މި މަޝްރޫއުއަކީ އެރަށު ކައުންސިލުން ފޮރިން މިނިސްޓްރީއަށް ހުށައަޅައިގެން، އެ މިނިސްޓްރީ މެދުވެރިކޮށް އިންޑިޔާ ސަރުކާރުގެ އެހީ ހޯދައިގެން ކުރިއަށްގެންދާ މަޝްރޫއުއެކެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 69 ވަނަ މާއްދާގައިވާ ގޮތުން ގައުމީ އިދާރާތަކުން ރަށެއްގައި ނުވަތަ އަތޮޅެއްގައި ހިންގުމަށް ކަނޑައަޅައި ޕީއެސްއައިޕީ މަޝްރޫއުގެ ތެރެއިން، އެ މަޝްރޫއުއެއްގެ އަގު ފަސް މިލިއަން ރުފިޔާއަށްވުރެ ދަށްނަމަ އެ މަޝްރޫއުތައް ހިންގަންވާނީ، އެ ރަށެއްގެ ނުވަތަ އަތޮޅެއްގެ ކައުންސިލް މެދުވެރިކޮށެވެ.