ރާއްޖޭގެ ޓޫރިޒަމްގެ ސިނާއަތަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ބޭނުންކުރާނެ "ގޯލްޑަން ޖުބްލީ" ލޯގޯ މިއަދު އިފްތިތާހުކޮށްފި އެވެ.

އަބްދުﷲ ނަޝާތާއި މުހައްމަދު އަޒްލީފް ފަރުމާކުރި މި ލޯގޯ އިން ރާއްޖޭގެ ގުދުރަތީ ރީތިކަމާއި މުއްސަނދިކަން އަދިސަގާފަތާއި ތަރިކަ ރަމްޒުކޮށްދެ އެވެ.

Ad
rt

މި ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު އަހުމަދު ނަސީމާއި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ގެ އިތުރުން ކްރައުން ކުންފުނިގެ ވެރިޔާ ހުސެން އަފީފް ބައިވެރިވެވަޑައިގަތް ނެވިއެވެ. އަދި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު ވިދާޅުވީ، އަންނަ އަހަރު ރާއްޖޭގެ ރަން އަހަރު ފާހަގަކުރާ އިރު އުފާކުރަން ޖެހޭ ގިނަ ކާމިޔާބީތަކެއް ހާސިލުވެފައިވާ ކަމަށެވެ.

"މިދިޔަ އަހަރު ކޮވިޑް-19 ގެ ސަބަބުން ޓޫރިޒަމް ދާއިރާއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް އެ އުނދަގޫތަކާ އެކު ރާއްޖޭގެ ޓޫރިޒަމް ކުރިއަރުވަން މުހިއްމު މަސައްކަތްތަކެއް ކުރެވުން"

މިނިސްޓަރު އިތުރަށް ވިދާޅުވި އެވެ.

މީގެ އިތުރުން މައުސޫމު ވިދާޅުވީ، ދިވެހިން ޓޫރިޒަމް ސިނާއަތުގެ ވެރިންނަށް ހެދޭނީ އެންމެ ލަގްޒަރީ ރިސޯޓުތަކުގެ ހިއްސާ ވެސް ދިވެހިންނަށް ލިބިގެން ކަމަށެވެ.ބޮޑެތި މުސާރަ ލިބޭ އިސް ވަޒީފާތަކަށް ދިވެހިން ގެންދިއުމަށްޓަކައި ދާއިރާގެ ފަރާތްތަކުގެ މަސައްކަތްތަކަށް އެއްބާރުލުން ދެއްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގަައި ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރު އަހުމަދު ނަސީމު ވިދާޅުވީ، ޓޫރިޒަމް ސިނާއަތް މިހާ ހިސާބަށް ގެނެވުނީ ވިސްނުންތެރިކަމާ އެކު ވިޔަފާރިތަކުން ކުރި މަސައްކަތުން ކަމަށެވެ.

"އަޅުގަނޑުމެންނަށް އެބަ ހެދޭ ގެސްޓްހައުސް. އެކަމަކު ސެކަންޑަރީ ބަޔަކަށް ދިވެހިން ވާކަށް ނުވާނެ. އަޅުގަނޑުމެންގެ އަތުން މި އިންޑަސްޓްރީ ބީވެގެންދާތަން މި ފެންނަނީ"

މިނިސްޓަރު ނަސީމް ވިދާޅުވި އެވެ.

މިއަދު ވާޗުއަލްކޮށް ބޭއްވި މި ރަސްމިއްޔާތުގައި، ރާއްޖޭގައި ޓޫރިޒަމް އެންމެ ފުރަތަމަ ފެށުނު އިރު މަސައްކަތްކުރެއްވި ބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ. ލޯގޯ އިފްތިތާހުކޮށްދެއްވީ މި ބޭފުޅުންގެ ތެރެއިން މުހައްމަދު އުމަރު މަނިކެވެ.