ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އާއި ގުޅޭގޮތުން ހަޤީޤަތާއި ޚިލާފް ވާހަކަތައް ނުފެތުރުމަށް އެކޮމިޝަނުން އިލްތިމާސްކޮށްފި އެވެ.
ދިޔަރެސް ނޫހުގައި 09 މާޗް 2021 ގައި ޓްރާންސްޕޯޓް މިނިސްޓްރީގެ އެކްޓިން ޕީ.އެސް ސާމީ އަޤީލްއާއި ގުޅުވައި، ސިވިލް ސާވިސް ކޮމިޝަންއާއި ގުޅޭގޮތުން ލިޔެފައިވާ ވާހަކަ ތަކާއިގުޅޭގޮތުން ސީއެސްސީއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެއީ ހަޤީޤަތާއި ޚިލާފް ވާހަކަތަކެއް ކަމުގައެވެ.
ދިޔަރެސް ނޫހުން އާންމު ކޮށްފައިވާ މި ޚަބަރުގައި ބުނެފައިވަނީ ސާމީއަށް ތުހުމަތު ކުރެވޭ ގިނަ މައްސަލަތަކަކީ ސީދާ ދައުލަތުގެ ފައިސާއާއި ގުޅުންހުރި މައްސަލަތަކެއްކަމަށެވެ. އަދި ސާމީގެ ގިނަ މައްސަލަތަކެއް ސިވިލް ސަރވިސް ކޮމިޝަނުން އަދި އޭސީސީ އިން ބަލަމުން އަންނަ އިރު ސިވިލް ސަރވިސް ކޮމިޝަނުން އެއްވެސް ފިޔަވަޅެއް މިހާތަނަށް އަޅާފައި ނުވާކަމަށެވެ.
އެނޫހުގައި ސީއެސްސީއާއި ގުޅޭގޮތުން ގެނެސްފައިވާ ބަހަކީ އެކޮމިޝަނުން އެއްވެސް ފަރާތަކަށް ދީފައިވާ މަޢުލޫމާތެއް ނޫންކަމަށް އެކޮމިޝަނުން ބުނެފައިވެއެވެ.
ދިޔަރެސް ނޫހުން ގެނެސްފައިވާ މި ޚަބަރާއި ގުޅިގެން ސީއެސްސީއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މި މައްސަލައާއި ގުޅޭގޮތުން އެ ކޮމިޝަނުން އެއްވެސް ފަރާތަކަށް އެއްވެސް މައުލޫމާތެއް ދީފައިނުވާނެކަމަށެވެ. ސިވިލް ސަރވިސްގެ ހުރިހާ ފަރާތްތަކާއި މެދުވެސް އެ ކޮމިޝަނުން އަމަލު ކުރަމުން ގެންދަނީ ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ހަމަހަމަކަމާއެކުގައި ކަމަށެވެ.
އެކޮމިޝަނުގެ ނަމުގައި އެއްވެސް ފަރާތަކުން ހަޤީގަތާއި ހިލާފު ޚަބަރުތައް ނުފެތުރުމަށް އެދިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!