މާލޭގައި މިއޮތް ބޯހިޔާވަހިކަމުގެ ތާށިކަމަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމިން، ލާމަރުކަޒީ ނިޒާމު ގަބޫލުނުކުރުންކަމުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއެއްޖެ އެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ، މިއަދު އޮންލައިންކޮށް ކުރިއަށްދިޔަ ނޫސް ވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.

Ad
rt

ރައީސް ގެ ވާހަކަފުޅުގައި މިކަން ފާހަކަ ކުރެއްވީ ރިޔާސީ ދައުރެއްގެ 5 އަހަރަކީ އެކަށީގެންވާ މުއްދަތެއްކަމުގައި އެއްސެވުމުން އެސުވާލަށް ޖަވާބު ދެއްވަމުން މިސާލެއްގެ ގޮތުގައި ފާހަގަ ކުރައްވަމުންނެވެ. ރައީސްގެ ވާހަކަ ފުޅުގައި ވިދާޅުވެފައިވަނީ ތަރައްގީވަމުން އަންނަ ގައުމެއްގައި އަޅުގަނޑުމެން ކަހަލަ ގިނަ މަޝްރޫޢުތަކެއް ހިންގަން އޮންނަ ޤައުމެއްގައި "ލޯންގް ޓާމް ޕްލޭނެއް" ރަނގަޅު ގައުމީ ސިޔާސަތެއް ނެތިއްޖެނަމަ 5 އަހަރަކީ އެހާ ރަނގަޅު މުއްދަތެއްކަމަކަށް ގަބޫލެއް ނުކުރެވޭކަމަށެވެ.

މިހެން މިދެންނެވީ ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު އެއް ސިޔާސަތުން އަނެއް ސިޔާސަތަށް ބަދަލުވާ ކަމަށް ވަންޏާ، ސަރުކާރަށް ދައުލަތަށް ވަރަށް ބޮޑެތި ގެއްލުންތައް ވަމުންދާނެ

ރައީސް ވިދާޅުވެފައިވެއެވެ.

އެގޮތުން އެކަމަށް މިސާލަކަށް ނެންގެވީ ރައީސް ޔާމިން ގެ ވެރިކަމުގައި ލާމަރުކަޒީ ނިޒާމް ގަބޫލު ނުކުރެއްވުމެވެ.

ރައީސް ޔާމީން ގަބޫލު ކުރެެއްވީ ލާމަރުކަޒީ ނިޒާމު އެއީ ތިމަންމަނިކުފާނު ގަބޫލު ކުރައްވާ އެއްޗެއް ނޫނޭ، ވަރަށް ސާފުކޮށް ވިދާޅުވެފައި އެބައޮތް، ތިމަންނަ ބޭނުންވަނީ މާލެއަށް އެންމެން ޖަމާވާށޭ، މިތުނުގައޭ ހުރިހާ ޚިދުމަތެއް ދޭން ޖެހޭނީ، އެ ވިސްނުމުގައި ވަރަށްގިނަ މަސައްކަތްތަކެއް މިހުރީ މާލެއަށް ޖަމާކޮށްފައި،

ރައީސް ވިދާޅުވެފައިވެއެވެ.

އެގޮތުން ބޯހިޔާވަހިކަމާއި، ސިއްހީ ނިޒާމް އަދި ތަރައްޤީގެ އެހެން މަޝްރޫއުތައް އެއްތަނަކަށް ޖަމާކޮށް ނިންމާފައިކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ ސަބަބުން ރަށްރަށުން، އަތޮޅުތަކުން މީހުން މާލެއަށް ޖަމާވާން މަޖުބޫރުވީކަމުގައި ރައީސް ވިދާޅުވި އެވެ.

މާލޭގައި މިއޮތް ބޯހިޔާވަހިކަމުގެ ތާށިކަމަކީވެސް މީގެ ސަބަބުން ކުރިމަތިވި މައްސަލައެއ،ް އެހެންއޮއްވާ އެމްޑީޕީ، އަޅުގަނޑުމެން މިވެރިކަމަށްއައީ، އަޅުގަނޑުމެން ގަބޫލު ކުރަނީ ރާއްޖެ ތަރައްގީކުރަން ޖެހެނީ ލާމަރުކަޒީ ނިޒާމުންނޭ، މުޅިން އިދިކޮޅު ސިޔާސަތެއް، އެހުރިހާކަމެއް ބަހައްޓާފައި އަޅުގަނޑުމެން މިދިޔައީ ލާމަރުކަޒީ ނިޒާމަށް، އެހެންވީމަ ތަރައްޤީގެ ހުރިހާ މަޝްރޫޢުތަކެއް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި އަޅުގަނޑުމެން ކުރިއަށް މިގެންދަނީ،

މިކަމަށް ބާރު ދެއްވަމުން ރައީސް ވިދަޅުވެފައިވެއެވެ.

އެއީ 2008ގައި އެމްޑީޕީއިން ފެށިކަމެއް ކަމަށާއި އެކަން އެގޮތައް ކޮށްކޮށްތިއްބާ ރައީސް ޔާމީން ވެރިކަމަށް އައިސް އަނެއްކާ ސެންޓަލައިޒް ކުރަންފެށީކަމަށް ރައީސް ވިދާޅުވި އެވެ.

އެންމެ ގަބޫލުކުރާ މިފަދަ ތަރައްޤީގެ ސިޔާސަތެއް ނެތިއްޖެނަމަ ވަރަށްބޮޑެތި ގެއްލުންތައް ލިބޭނެކަމަށްވެސް ރައީސް ވިދާޅުވި އެވެ.

މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަން ހައްލުކުރުމަށް 10,000 ހައުސިންގ ޔުނިޓު ބޭނުންވާނެ ކަމަށް ކުރިން އަންދާޒާ ކުރެވިފައިވީ ނަމަވެސް، މި އަދަދަށް ފްލެޓް އަޅައިގެން މި މައްސަލައަށް ދާއިމީ ހައްލެއް ހޯދައި ނުދެވޭނެކަން ސަރުކާރުން ފަހުން ކޮށްފައިވާ ދިރާސާތަކުން އެނގިގެން ގޮސްފައިވާ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ. އަދި، ގެދޮރުގެ ދަތިކަން ހައްލު ވާނީ 17,000 ހައުސިންގ ޔުނިޓު ބިނާކޮށްގެން ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ، 5,000 ހައުސިންގ ޔުނިޓުގެ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ފެށުމެވެ. މި ގޮތުން، މިހާރުވެސް 1,000 ޔުނިޓު އެޅުމުގެ އަމަލީ މަސައްކަތް ކުރިއަށްދާއިރު، އިތުރު 4,000 ހައުސިންގ ޔުނިޓު އެޅުމުގެ މަޝްރޫޢުތަކުގައި މިހާރު ވަނީ ސޮއިކޮށްފައެވެ. އަދި، ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި އެ މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ފެށިގެންދާނެއެވެ. މި މައުޟޫޢިން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ޖުމުލަ 15,000 އަށްވުރެ ގިނަ ހައުސިންގ ޔުނިޓުގެ މަސައްކަތް ފެށުމަކީ ސަރުކާރުގެ އަމާޒެއް ކަމުގައެވެ.

މާލޭ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ވިސްނުންތަކާ ގުޅޭގޮތުން ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ގުޅިފަޅުން 1,200 ގޯތި ދޫކުރުމުގެ އިތުރުން، ބިން ހިއްކައިގެން އިތުރު ގޯތި ދޫކުރުމުގެ އައު މަޝްރޫޢެއް ފެށުމަށް ސަރުކާރުން ރާވަމުންދާ ކަމުގައެވެ. އަދި، އެ މަޝްރޫޢުގެ އިތުރު ތަފުސީލުތައް، ކަންކަން ކުރިއަށްދާ މިންވަރަކުން ނޫސްވެރިންނާ ޙިއްޞާ ކުރައްވާނެ ކަމުގައި ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.