ހދ. އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ހދ.އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް އިއުލާން ކޮށްފައިވާ ވޮލީ މުބާރާތުގެ ގުތުއަތުލުން ބާއްވައިފިއެވެ.

މި މުބާރާތުގެ އަންހެން އަދި ފިރިހެން ކެޓަގަރީގެ ގުރުއަތުލުން 09 މާޗް 2021 ގައި ބާއްވާފައިވާއިރު މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 12 މާޗް 2021 ވާ ހުކުރު ދުވަހުއެވެ.

Ad
rt

މާޗް މަހުގެ 12 އިން 28 އަށް ނޮޅިވަރަންފަރު ވޮލީކޯޓުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފުރަތަމަ މެޗުގައި ހުކުރު ދުވަހުގެ ހަވީރު 16:20 ގައި ބައްދަލުކުރާނީ ނޮޅިވަރަންފަރު ލައިކަން އާއި ހިރިމަރަދީ ހިރިޒިލްއެވެ. މި މުބާރާތުގައި އަންހެން ހަތް ޓީމް ބައިވެރިވެފައިވާއިރު ބައިވެރިވި ޓީމްތައް ވަނީ ދެ ގްރޫޕަކަށް ބަހާލެވިފައެވެ. ގްރޫޕް 1 ގައި، ހަތަރު ޓީމް ހިމެނެއެވެ. އެ ޓީމް ތަކަކީ ނޮޅިވަރަންފަރު ލައިކަން، ހިރިމަރަދޫ ހިރިޒިލް، ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާގެ އިތުރުން ޓީމް ނޮޅިވަރަންއެވެ. ގްރޫޕް 2 ގައި ހިމެނޭ ޓީމްތަކަކީ ޓީމް ނައިވާދޫ، ޓީމް ކުޅުދުއްފުށީގެ އިތުރުން ކުމުންދޫ ސްޕޯޓްސް ކުލަބެވެ.

އަންހެން ކެޓަގަރީގެ މެޗުތައް ރާވާލެވިފައިވަނީ ކޮންމެ ގްރޫޕެއްގެ ވެސް އެއްވަނަ އަދި ދެވަނަ ހޯދާ ޓީމަކަށް ސެމީގެ ޖާގަ ލިބިގެންދާ ގޮތަށެވެ. ސެމީގައި ގްރޫޕް 1 ގެ އެއްވަނަ ޓީމް ބައްދަލު ކުރަން ޖެހޭނީ ގްރޫޕް 2 ގެ ދެވަނަ ޓީމާއެވެ. ގްރޫޕް 1 ގެ ދެވަނަ ޓީމް ބައްދަލުކުރަން ޖެހޭނީ ގްރޫޕް 2 ގެ އެއްވަނަ ޓީމާއެވެ. މި މުބާރާތުގެ އަންހެން ކެޓަގަރީގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 28 މާޗް 2021 ވާ އާދީއްތަ ދުވަހުގެ ހަވީރު 16:15 ގައެވެ.

ހުކުރު ދުވަހުގެ ރޭ 20:30 ގައި މި މުބާރާތުގެ ފިރިހެން ކެޓަގަރީގެ ފުރަތަމަ މެޗުގައި ބައްދަލު ކުރުމަށް ހަމަޖެހިފައިވަނީ ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބާއި ނޭކުރެންދޫ ވޮލީ ޓީމެވެ. މި މުބާރާތުގެ ފިރިހެން ކެޓަގަރީގައި ޖުމްލަ ހަ ޓީމަކުންވަނީ ބައިވެރި ވެފައެވެ. މި މުބާރާތުގެ ފިރިހެން ކެޓަގަރީ ކުރިއަށް ގެންދިއުމަށް ރާވާލެވިފައިވަނީ ބައިވެރިވި ހަ ޓީމް ދެ ގްރޫޕަކަށް ބަހާލުމަށްފަހު ކޮންމެ ގްރޫޕަކުން އެއްވަނަ ހޯދާ ޓީމަކަށް ފައިނަލުގެ ޖާގަ ލިބިގެންދާ ގޮތަށެވެ.

ފިރިހެން ކެޓަގަރީގެ ގްރޫޕް 1 ގައި ހިމެނޭ ޓީމް ތަކަކީ ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބް، ނޭކުރެންދޫ ވޮލީ ޓީމްގެ އިތުރުން ހިރިމަރަދޫ ހިރިޒިލްއެވެ. ގްރޫޕް 2 ގައި ހިމެނޭ ޓީމް ތަކަކީ ޓީމް ކުޅުދުއްފުށީ، ހަނިމާދޫ ސާއްބަ އެކުވެރި ކުލަބްގެ އިތުރުން ވައިކަރަދޫ ވޮލީ ޓީމެވެ. މި މުބާރާތުގެ ފިރިހެން ކެޓަގަރީގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 28 މާޗް 2021 ވާ އާދީއްތަ ދުވަހުގެ ރޭ 20:30 ގައެވެ.

މި މުބާރާތަކީ ހދ. އަތޮޅުގެ ރަށު ކައުންސިލް އިދާރާތަކަށާއި ހދ. އަތޮޅުގައި ރަޖިސްޓްރީކޮށްގެން ހިންގާ ކްލަބް އަދި ޖަމްޢިއްޔާތަކަށް ބައިވެރި ވެވޭގޮތަށް ދެ ޖިންސަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. މި އަހަރު މި މުބާރާތް އިންތިޒާމްކޮށް ހިންގުމަށް ހަމަޖެހިފައިވަނީ ހދ. ނޮޅިވަރަންފަރުގައެވެ.