ފާއިތުވި 2020 ވަނަ އަހަރުގެ ހދ.އަތޮޅުގެ ރަށްތަކުގެ ރަށު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްސީލް ހިމެނޭ ރިޕޯޓް ކަނޑައެޅިފައިވާ މުއްދަތުގައި ހދ. އަތޮޅު ކައުންސިލަށް ފޮނުވާފައިވަނީ އަތޮޅުގެ ހަތަރު ރަށަކުން ކަމުގައި ހދ. އަތޮޅު ކައުންސިލުން ހާމަކޮށްފިއެވެ.
ކަނޑައޅިފައިވާ މުއްދަތުގައި ރިޕޯޓް ފޮނުވާފައިވާ ރަށު ކައުންސިލް އިދާރާތަކަކީ ހދ. ހަނިމާދޫ ކައުންސިލް އިދާރާ، ހދ. ނެއްލައިދޫ ކައުންސިލް އިދާރާ، ހދ. ކުރިނބީ ކައުންސިލް އިދާރާގެ އިތުރުން ހދ. ވައިކަރަދޫ ކައުންސިލުގެ އިދާރާ އެވެ.
ހދ.އަތޮޅު ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި އެ އަތޮޅުގައި ހިމެނޭ ނައިވާދޫ، ހިރިމަރަދޫ، ނޮޅިވަރަންފަރު، ނޮޅިވަރަން، ކުޅުދުއްފުށި ސިޓީ އަދި ނޭކުރެންދޫއިން ފާއިތުވި އަހަރުގެ ރިޕޯޓް ފޮނުވާފައިވަނީ ޤާނޫނުގައި ބުނެފައިވާ މުއްދަތަށްވުރެ ފަހުންނެވެ. އަދި އެ އަތޮޅުގެ ކުމުންދޫއާއި، މަކުނުދޫގެ އިތުރުން ފިނޭ ކައުންސިލުގެ ރިޕޯޓް ފޮނުވާފައި ނުވާކަމުގައި އަތޮޅު ކައުންސިލުން މިކަމާއި ގުޅިގެން އާންމު ކޮށްފައިވާ މަޢުލޫމާތުގައި ވެއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ 105 ވަނަ މާއްދާގެ (ށ) ގައި، ކޮންމެ އަހަރެއްގެ ޖަނަވަރީ މަހުގެ ދިހަވަނަ ދުވަހުގެ ކުރިން، ފާއިތުވި އަހަރު ރަށު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްސީލް ރިޕޯޓް އެ ރަށެއް ނިސްބަތްވާ އަތޮޅުގެ އަތޮޅު ކައުންސިލަށް ފޮނުވާންވާނެ ކަމުގައި ބަޔާންކޮށްފައިވެއެވެ.
ހދ.އަތޮޅު ކައުންސިލުންވަނީ ޤާނޫނުގައި ބުނެފައިވާ މުއްދަތުގައި ފާއިތުވި އަހަރުގެ އަހަރީ ރިޕޯޓް ފޮނުވި ކައުންސިލުތަކަށް ޤާނޫނީ ޒިންމާ އަދާކޮށްފައިވާތީ އެކަން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.
ލޯކަލް ގަވަރމަންޓް އޮތޯރިޓީއިން މިދިޔަ މަހުގެ ފަހުކޮޅު ވަނީ 2019 ވަނަ އަހަރުގެ ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސް އިޢުލާންކޮށްފަ އެވެ. އޭގެ ތެރެއިން ހދ. އަތޮޅުން 1 ވަނަ ހޯދާފައިވަނީ ހދ. ނެއްލައިދޫ އެވެ. 2 ވަނަ ހޯދާފައިވަނީ ހދ. ކުރިނބީ ކައުންސިލް އެވެ. 3 ވަނަ ލިބިފައިވަނީ ހދ. ވައިކަރަދޫ ކައުންސިލް އަށެވެ.
އަތޮޅުތަކުގެ ބައިން އެންމެ ދަށް އިންޑެކްސް އެއް ހޯދި ހދ. އަތޮޅު ކައުންސިލް އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!