ޝައްކެއް ނެތް ގޮތުގައި ﷲގެ މަގުގައި މުދަލުން ހޭދަކުރުމަކީ އާޚިރަތަށް ތައްޔާރުވުމަށް އަޅުގަނޑުމެންނަށް ކުރެވޭނެ އެންމެ މުހިންމު އެއްކަމެވެ. އެޢަމަލެއްކޮށްގެން ތިމާއަށް ޘަވާބު ލިބޭ އަދި ޙާޖަތްތެރިންގެ ބޭނުންތައް ފުއްދައިދެވޭ ޢަމަލެކެވެ. އޭގެ ސަބަބުން މުޖުތަމަޢުގެ ގުޅުންތައް ރަނގަޅުވެ، ފަޤީރުންނާއި މުއްސަނދިންގެ ދެމެދުގައިވާ ފަރަޤު ކުޑަކުރެވި، އެންމެންގެ މެދުގައިވެސް އެކުވެރިކަމާއި ގާތްކަން އަދި އުޚުއްވަތްތެރިކަން ޤާއިމް ކޮށްދޭ މަތިވެރި ޢަޅުކަމެކެވެ.

މާތް ﷲ ވަނީ ކީރިތި ޤުރްއާނުގައި މުދަލުން ހޭދަކުރާ ފަރާތްތަކަށް ރިވެތިވެގެންވާ މިޘާލެއް ޖައްސަވާފައެވެ.

Ad
rt

އެއިލާހު ވަޙީ ކުރައްވަނީ: مَّثَلُ الَّذِينَ يُنفِقُونَ أَمْوَالَهُمْ فِي سَبِيلِ اللَّـهِ كَمَثَلِ حَبَّةٍ أَنبَتَتْ سَبْعَ سَنَابِلَ فِي كُلِّ سُنبُلَةٍ مِّائَةُ حَبَّةٍ وَاللَّـهُ يُضَاعِفُ لِمَن يَشَاءُ وَاللَّـهُ وَاسِعٌ عَلِيمٌ ﴿البقرة: ٢٦١﴾

މާނަ: "اللَّه ގެ މަގުގައި، އެއުރެންގެ މުދާ ހޭދަކުރާ މީހުން ހޭދަކުރާ ތަކެތީގެ މިސާލަކީ، ކޮންމެ ކުރާގަނޑެއްގައި ސަތޭކަ އޮށް ހުންނަ ހަތް ކުރާގަނޑު އުފައްދާ އޮށެއްގެ މިސާލެވެ. اللَّه އިރާދަކުރައްވާ މީހަކަށް (ޘަވާބު) ގިނަގުނަ ކުރައްވައެވެ. އަދި، اللَّه އީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."

އަދިވެސް އެހެން މިސާލަކުން މިސާލު ޖައްސަވައި އެއިލާހު ވަޙީކުރައްވަނީ: وَمَثَلُ الَّذِينَ يُنفِقُونَ أَمْوَالَهُمُ ابْتِغَاءَ مَرْضَاتِ اللَّـهِ وَتَثْبِيتًا مِّنْ أَنفُسِهِمْ كَمَثَلِ جَنَّةٍ بِرَبْوَةٍ أَصَابَهَا وَابِلٌ فَآتَتْ أُكُلَهَا ضِعْفَيْنِ فَإِن لَّمْ يُصِبْهَا وَابِلٌ فَطَلٌّ وَاللَّـهُ بِمَا تَعْمَلُونَ بَصِيرٌ ﴿البقرة: ٢٦٥﴾

މާނަ: "އަދި، اللَّه ގެ ރުއްސެވުންއެދި، އަދި، (اللَّه ގެ ޘަވާބާއި ދަރުމަ ލިބޭނެކަމަށް) އެއުރެންގެ ނަފުސުތަކުން ޔަޤީންކޮށް ކަށަވަރު ކޮށްގެންތިބެ، އެއުރެންގެ މުދާ ހޭދަކުރާ މީހުން ހޭދަކުރާ ތަކެތީގެ މިސާލަކީ، އުސްބިމެއްގައިވާ ބަގީޗާއަކަށް ބޯވާރޭއެއް ވެހި، އެތާނގެ މޭވާ، ދެގުނައަށް އިތުރުވެގެންދާ، އަދި، ބޯވާރެއެއް ނުވެހުނުނަމަ، ހިމަފޮދު ވާރެއެއް ވެހޭ ބަގީޗާއެއްގެ މިސާލެވެ. (މިއިން ކޮންމެ ގޮތެއްގައިވެސް މޭވާ ލިބި އިތުރުވެއެވެ.) اللَّه އީ، ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ."

މިދެއާޔަތުން އެނގިގެންދިޔަ ފަދައިން ﷲގެ މަގުގައި ހޭދަ ކުރާ މީހާއަށް އެއިލާހު ބޮޑުވެގެންވާ ދަރުމައާއި ޘަވާބު ދެއްވައެވެ. އަދި އަޅުގަނޑުމެން މިވަނީ މި ޘަވާބަށް ނުހަނު ބޭނުން ޖެހިފައެވެ. އެހެނީ މަރު އައިސް ބައްދަލުކުރުމާއެކު ތިމާއަށް ޘަވާބު ލިބޭނޭ ދޮރުތައް އެއްކޮށްހެން ހުއްޓުނީއެވެ. އެއީ ވަރަށް މަދު ގޮތަކުން މެނުވީއެވެ. އެހެންކަމުން މިދުނިޔޭގައި ދިރިއުޅޭ މަދު ދުވަސްކޮޅުގައި ވީހާވެސް ގިނައިން ޘަވާބު ލިބޭނޭ ޢަމަލުތައް ކުރަން ވާނެއެވެ.

ހަމައެއާއެކު، ހޭދަކުރުމުގައި ވިސްނަންޖެހޭ ވަރަށް މުހިންމު ދެ ކަމަކަށް މިއަދު ބަލާލާނަމެވެ. މިއީ އެދެކަމަކާމެދު އަޅުގަނޑުމެން ބައެއްފަހަރު ފަރުވާކުޑަ ކުރެވޭ ނުވަތަ ޣާފިލުވެވޭ ދެކަމެކެވެ.

  1. ފުރަތަމަ ކަން ގުޅެނީ ހޭދަކުރަން ވީ ފަރާތްތަކާއެވެ. އެގޮތުން އަޅުގަނޑުމެންނަށް ވަރަށް ގިނައިން ވާގޮތަކީ މުދަލުން ހޭދަކުރަން ބޭނުންވުމުން އެކިއެކި ރަޙުމަތްތެރިން ގާތު އަހައިގެން ފަޤީރު ނުވަތަ ބޭނުންޖެހިފައިވާ މީހުން ހޯދައިގެން އެމީހުންނަށް ހޭދަ ކުރެވެނީއެވެ. އެއީ މައްސަލައެއް ނޫނެވެ. އިޚްލާސްތެރިކަމާއެކު ހޭދަކުރާނަމަ ﷲ އޭނާއަށް އެކަމުގެ ހެޔޮ ޖަޒާ ދެއްވާނެއެވެ. ނަމަވެސް ހޭދަކުރުމުގައި ތިމާ ފުރަތަމަ ބަލަންވީ ދުރު ނުވަތަ ނުދަންނަ މީހުންނަށްވުރެ ބޮޑަށް ގާތްތިމާގެ މީހުން އިސްކުރެވޭތޯއެވެ. އެގޮތުން ތިމާގެ ގާތްތިމާގެ މީހުންގެތެރެއިން ޙާލުގައި އުޅޭ، ޙާޖަތަށް ޖެހިފައިވާ މީހުން ހޯދައި، ފުރަތަމަ އެމީހުންނަށް ހޭދަކުރާށެވެ. މިކަމަށް އިޝާރާތް ކުރައްވައި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ((الصَّدَقَةُ عَلَى الْمِسْكِينِ صَدَقَةٌ وَهِيَ عَلَى ذِي الرَّحِمِ اثْنَتَانِ صِلَةٌ وَصَدَقَةٌ)) رواه أحمد والترمذي والنسائي وصححه الألباني في صحيح الجامع

މާނަ: "މިސްކީނަކަށް ކުރާ ޞަދަޤާތަކީ (ހަމައެކަނި) ޞަދަޤާތެކެވެ. އަދި ރަޙިމުގެ ގުޅުންހުރިމީހަކަށް ކުރާ ޞަދަޤާތުގައި ދެކަމެއްވެއެވެ. އެއީ ގާތްތިމާގެކަމުގެ ގުޅުން ގުޅުވުމާއި، ޞަދަޤާތެކެވެ." އެބަހީ؛ ގާތްތިމާގެ މީހަކަށް ޞަދަޤާތްކުރުމުން ދެކަމެއް ޙާޞިލުވެއެވެ. ފުރަތަމަކަމަކީ ޞަދަޤާތްކުރުމުގެ ސަބަބުން ގާތްތިމާގެކަމުގެ ގުޅުން ބަދަހިވުމެވެ. ދެވަނަ ކަމަކީ އެއީ ޞަދަޤާތެއްކަމުގައި ވުމުން، ޞަދަޤާތް ކުރުމުން އެލިބޭ ޘަވާބު ލިބުމެވެ.

  1. ދެވަނަ ކަންތައް ގުޅެނީ މުދަލުން ހޭދަކުރުން ނުވަތަ ޞަދަޤާތް ކުރުމުގައި ގެންގުޅެންވީ މިންގަނޑާއެވެ. އެހެނީ އެޔެއް މިޔެއް ބަލާލުމެއްނެތި އަތުގަ ހުރި ހުރިހާ އެއްޗެއް އެޖެހުނު މީހަކަށް ފައިސާ ގެންގުޅެން ނޭގޭ "ސަފީހެއް" ފަދައިން އެދެވުނު ގޮތަކަށް ދީ ހުސްކޮށްލުމަކީ އިސްލާމްދީން ދަސްކޮށްދޭ ރިވެތި އުސޫލުތަކާ ޚިލާފު ކަމެކެވެ. އެހެނީ ޞަދަޤާތް ކުރުމުގައިވެސް ޙިކުމަތްތެރިކަން ބޭނުންކޮށް، އެކަމުގައިވެސް ރިވެތި މިންގަނޑުތަކެއް ގެންގުޅުމަށް މިދީން ގޮވާލައެވެ. މުދަލުން ހޭދަކުރާނޭ ބަޔަކު ހޯދަން ނުކުތުމުގެ ކުރިން ތިމާގެ އަނބިދަރިންނަށްވެސް މި މުދަލުގައި ޙައްޤެއް ވާކަން ދެކޭށެވެ. އަދި ދިރިއުޅުމުގެ އެހެން ކަންކަމަށްވެސް ޚަރަދު ކުރަން ޖެހޭކަން ދަންނާށެވެ. މުދާ ގެންގުޅުމުގައި އަމިއްލައަށްވެސް އިޤްތިސާދު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

ދަހިވެތިވުން އިސްލާމް ދީން މަނާކުރާ ފަދައިން، އަތް އެއްކޮށް ހުޅުވާލައި އެއްބުރުން އަތްމަތި ހުސްކޮށްލާކަށްވެސް އިސްލާމްދީން ނައަންގައެވެ. އެއީ އެކަމުން ލިބޭނޭ ގެއްލުމަކަށްޓަކައެވެ. މިކަން ބަޔާން ކުރައްވައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ: وَلَا تَجْعَلْ يَدَكَ مَغْلُولَةً إِلَىٰ عُنُقِكَ وَلَا تَبْسُطْهَا كُلَّ الْبَسْطِ فَتَقْعُدَ مَلُومًا مَّحْسُورًا ﴿الإسراء: ٢٩﴾

މާނަ: "ތިބާގެ ކަނދުރާއާއެކު ކަސްތަޅު އެޅިގެންވާ އެއްޗެއްކަމުގައި، ތިބާގެ އަތް ނުހަދާށެވެ! އަދި އެ އަތް މުޅިން ފަތުރައިވެސްނުލާށެވެ! ފަހެ، އޭރުން މަލާމާތްލިބި، ހިތާމަ ލިބިގެންވާ ޙާލު، ތިބާ އިންނަން ޖެހިދާނެއެވެ."

މިއާޔަތުގައި، "ތިބާގެ ކަނދުރާއާއެކު ކަސްތަޅު އެޅިގެންވާ އެއްޗެއްކަމުގައި، ތިބާގެ އަތް ނުހަދާށެވެ!" މިފަދައިން ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މުރާދަކީ ދަހިވެތި ނުވާށޭއެވެ. އެހެނީ މުދަލުން ހޭދަކުރުމުން ތިމާގެ އަތް މަނާކުރުމުގެ މިސާލު ގެންނަވާފައިވަނީ، އެއަތް ހަރަކާތް ނުކުރެވޭނޭހެން ކަނދުރާއާއެކު ކަސްތަޅު އެޅުވިފައިވާ ސިފަ ޖެއްސެވުމާއެކުއެވެ.

އަދި މި އާޔަތުގައި، "އަދި އެ އަތް މުޅިން ފަތުރައިވެސްނުލާށެވެ!" މިފަދައިން ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މުރާދަކީ، އެޔެއް މިޔެއް ނުބަލައި އަތުގަ ހުރި ހުރިހާއެއްޗެއް ހޭދަކޮށް ހުސްކޮށް ނުލާށޭއެވެ. ދެން އެއިލާހު ވަނީ މިކަންތަކަށް ނުވިސްނާ ހޭދަކުރާމީހާއަށް ވާނޭ ގޮތް އަންގަވާފައެވެ. އެއީ: "ފަހެ، އޭރުން މަލާމާތްލިބި، ހިތާމަ ލިބިގެންވާ ޙާލު، ތިބާ އިންނަން ޖެހިދާނެއެވެ." އެބަހީ އޭނާއަށް ކުރެވުނު ކަންތައްތަކުން އޭނާއަށް ޖެހުނު ޙާލުގެ ސަބަބުން އޭނާ ވަނީ މަލާމާތް ލިބުން ޙައްޤު މީހުންގެ ތެރެއިންނެވެ. އަދި މިކަން ހިތަށްއަރައި ގުޑާވެސް ނުލެވޭ ޙާލުގައި އޭނާ ވެއެވެ. މިގޮތަށް އޭނާ ހުއްޓި ހުންނަގޮތް އާޔަތުގައިވާ ސިފަކުރައްވާފައި ވަނީ "مَّحْسُورًا" މިލަފުޒުންނެވެ. ޢަރަބިބަހުގައި މިލަފުޒު މިފަދަ ޙާލަތްތަކުގައި ބޭނުން ކުރަނީ ޖަނަވާރެއް ހިނގައިގަންނަށް ނުކުޅެދޭފަދަ ޙާލަތެއްގައި ވާވަޤުތުގެ މިސާލުގައެވެ. މާނައަކީ އެހިނދު މަލާމާތް ލިބިގެންވާ ޙާލު، ހިނގަން ނުކުޅެދިފައިވާ ޖަނަވާރެއް ހުއްޓި ހުންނަ ފަދައިން އޭނާ ހުއްޓި ހުރެއެވެ.

އަދިވެސް މިޕޮއިންގައި ފާހަގަކޮށްލަން ޖެހޭ ވަރަށް މުހިންމު ކަމެއްވެއެވެ. މީހުންނަށް އެހީވުމަށް ބާއްވާ "ފަންޑް ރައިޒިން" އިވެންޓްތަކުގައި ވަރަށްގިނައިން ހެދިކާ އަދި ކޭކު ފަދަ ތަކެތި ހަދައިގެންގޮސް ވިއްކާ ހަދައެވެ. ބައެއްފަހަރު ވާގޮތަކީ، މިފަދަ އިވެންޓުތަކަކީ ފަޤީރު ބަޔަކަށް އެހީވުމަށް ބޭއްވޭ އިވެންޓު ތަކަކަށް ވެފައި، އެހެދިކާއެއް ހެދުމަށް އަތުން ދާ ހޭދަވެސް ޞަދަޤާތުގެ ތެރެއަވަންނާތީ، ކިތަންމެ ގިނައިން މިކަމަށް ޚަރަދުވިޔަސް ވަރިހަމަކޮށްލެވެނީއެވެ. އެހެންކަމުން 5 ރުފިޔާއަށް ލިބެން އޮތް ފުށް ކިލޯ ބާއްވާފައި ގަނެލަނީ މޮޅުކޮށްލަން 20 ރުފިޔާއަށް ދޭ ފުށް ކިލޯއެވެ. ނަމަވެސް މިއީ ވެސް މުޅިއަކުން ރަނގަޅު ވިސްނުމެއް ނޫނެވެ. އެއްޗެއް ހަދާއިރު އާންމުކޮށްވެސް ހަދާ ފަދައިން މީހުންނަށް ގެއްލުން ނުވާނޭހެން ރަނގަޅު ވަރަކަށް ހަދާލާނީއެވެ. އަތުގައި ދެންވެސް ފައިސާ ގިނަވާނަމަ، އެހެން ގޮތްގޮތުން ހޭދަކުރަން އެފައިސާ ބޭނުން ކުރެވޭނެ ނޫންހެއްޔެވެ!

މާތް ﷲ އަޅަމެން އެންމެނަށްވެސް އެއިލާހުގެ މަގުގައި ހޭދަކުރުމުގެ ހެޔޮ ތައުފީޤު ދެއްވާށިއެވެ.

އާމީން.