ހއ. ކެލައަކީ ތިލަދުންމަތީގެ ރަންބިސް އަޅާ ކުކުޅު ހާއްޔަކަށް ހަދާނެކަމުގައި ކެލާ ކައުންސިލްގެ ރައީސްކަމަށް ވާދަކުރައްވާ ޙުސައިން ޙަމީދު ވިދާޅުވެއްޖެ އެވެ.
ޙުސައިން ޙަމީދު މިހެން ވިދާޅުވީ ކެލާގައި ރޭ ބޭއްވުނު އެ.މް.ޑީ.ޕީގެ "ތަރައްޤީ އަށް ޖަންޕެއް" މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކެލާ ކައުންސިލްގެ ރައީސްކަމަށް ވާދަކުރައްވާ ކެންޑިޑޭޓް ޙުސައިން ޙަމީދު ވިދާޅުވިގޮތުގައި ކެލައަށް މި ދޫކޮށްލަނީ ރަންބިސް އަޅާ 12 ކުކުޅާއި 2 ހާ ކަމަށެވެ. މިއީ ޓުވަރިޒަމަށް ހުޅުވިގެންދާ ދޮރުތަކެއްކަމަށާއި ކެލާގެ ރައްޔިތުންގެ ޖީބުތައް ފުރާލާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އަޅުގަނޑުމެން މި ދޫކޮށްލަނީ ރަންބިސް އަޅާ ބާރަ ކުކުޅާއި ދެ ހާ
ޙުސައިން ޙަމީދު ވިދާޅުވި އެވެ.
އަދި މީގެ އިތުރުން ކެލާގެ ދަނޑުވެރިންނަށް އިޝާރާތްކޮށް ވިދާޅުވީ، ކެލާއިން ދަނޑުބިން ބަހާ ކެލާގެ ދަނޑުވެރިން އުފައްދާ ތަކެތި ވިއްކާ އޭގެ ހަމައަގު ހޯދައިދޭނެކަމަށެވެ.

ކެލައަށް ކުރިމަތިލައްވާފައިވާ އެމް.ޑީ.ޕީގެ ކެންޑިޑޭޓުން އަދި އަތޮޅު ރައީސްކަމަށް ކުރިމަތިލައްވާފައިވާ މޫސާ ޝަފީޤު ބައިވެރިވެ ވަޑައިގެންނެވި، މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކެލާ ކައުންސިލްގެ މިހާރުގެ ރައީސް އަދި ކައުންސިލްގެ ކުރިއަށް އޮތް ދައުރުގެ މެމްބަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓް އާދަމް ޣުފްރާން ވިދާޅުވިގޮތުގައި ކެލާގައި މިހާރުވެސް ފެނަކައިގެ އޮފީސް ޢިމާރާތުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި މި މަސްތެރޭ ގެސްޓް ހައުސްގެ 12 ބިމާއި 2 ސިޓީ ހޮޓާ ދޫކޮއްލާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި މަހުތެރޭ 12 ގެސްޓް ހައުސް އާ 2 ސިޓީހޮޓާ ދޫކޮއްލާނަން. ކުރިއަށް އޮތް ހަފްތާއެއްތެރޭ މަސްމާރުކޭޓް ހަވާލު ކުރެވޭނެ. ހެލްތު ފެސިލިޓީއަކަށް ބިޑް ކަނޑަން އޮތީ ރެޑީވެފަ. އަދި މީގެ އިތުރުން ހެލްތު ސެންޓަރަށް ދީފައިވާ ބިމުގެ ބަދަލު ކަންތައް ނިމި އެކަންވެސް ވަރަށް އަވަހަށް ކުރިއަށްދާނެ"
އާދަމް ޣުފްރާން ވިދާޅުވި އެވެ.

މި ދެ ކެންޑިޑޭޓުންގެ އިތުރުން ކެލާ ކައުންސިލްއަށް ވާދަކުރަނީ މިހާރުގެ ނާއިބު ރައީސާ ޢާއިޝަތު މިޒްނާގެ އިތުރުން ބަދީޢުއްސަލާމް އާއި ފާޒިރާ ޢަލީ މަނިކެވެ.
ރަށްވެހި ފަތިސް ކެލާ ޓީމުން ވަނީ މައިގަނޑު ފަސް ސިޔާސަތެއް ހާމަކޮށް ނެރެފައެވެ. މީގެތެރޭގައި "އެންމެ ފުރަތަމަ އިސްލާމްދީން" މިސިޔާސަތުގެ ދަށުން ދީނީ ކަންކަމާއި ތަޢްލީމީ ދާއިރާގެ ކަންކަން ހިމެނެއެވެ.

ދެވަނަ ކަމަކަށް "ޖަޒީރާ ކެލާ އިޤްތިޞާދުގެ" މިސިޔާސަތުގެ ދަށުން ދަނޑުވެރިކަމާއި ރުއްގަސް އާލާ ކުރުމާއި އެކު ވިޔަފާރި ތަކަށް ބިންދޫކުރުމާއި، ސިނާޢީ މަސައްކަތްތަކަށް ފަހު ފުރުޞަތުތައް ހޯދައިދިނުން ހިމެނެއެވެ.
ތިންވަނަކަމަށް "އިޖްތިމާޢީ ރައްކާތެރިކަން" މީގެ ދަށުން ރަށުގައި ކުނި ނައްތާލުމުގެ ޒަމާނީ ނިޒާމެއް ޤާއިމް ކުރުމާއި އިޖްތިމާޢީ ސަރަޙައްދުތައް ސާފުކުރާ ފަރާތްތަކަށް ލިބޭ އާމްދަނީ އިތުރުކޮށްދިނުން ހިމެނެއެވެ.
"ފަހި ކައުންސިލް" މިސިޔާސަތުގެ ދަށުން ކެލާގެ މާސްޓަރ ޕްލޭން އެކުލަވާލުމާއި ރަށުގައި ހުރި ހުސްބިންތަކުގެ ބޭނުން ރައްޔިތުންނަށް ހިފޭނެ ގޮތް ހަދައިދިނުން ހިމެނެއެވެ.
ފަސްވަނަ ސިޔާސަތެއްގެ ގޮތުގައި ހިމެނެނީ "ދުޅަހެޔޮ ހަށިހެޔޮ މުޖުތަމަޢެއް" އެވެ. މިސިޔާސަތުގެ ދަށުން ކެލާގައި ޕިކްނިކް ދާނެ އޭރިޔާތަކެއް ތަރައްޤީކުރުމާއި ކުޅިވަރުގެ ދާއިރާއިން އެކު ފަންނުގެ ޓްރޭނިންގ ކޯސްތައް ހިންގުން ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!