ހުއްޓުމެއްނެތި ފެތުރެމުންދާ ކޯވިޑް ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެ، އެބަލީގައި ނިޔާވި މީހުންގެ ޖުމްލަ ޢަދަދު 64 އަށް އަރައިފިއެވެ.
މިއަދު ނިޔާވެފައިވަނީ ޢުމުރުން 78 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއަކީ ބޮޑެތި ބަލިތަކަށް ފަރުވާދެމުން އައި މީހެކެވެ. އޭނާ ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން އަންނަނިކޮށެވެ.
މި ބަލީގައި އިއްޔެ ވެސް ވަނީ މީހަކު ނިޔާވެފައެވެ. އެ ބަލީގައި އިއްޔެ ނިޔާވީ، ދިގުމުއްދަތަކަށް ސިފައިންގެ ބޭކަލެއްގެ ގޮތުގައި ޚިދުމަތް ކުރެއްވުމާއެކު، ދައުލަތަށް ސާޅީސް އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވައި، ދެ ޕެންޝަން ފުރިހަމަ ކުރަށްވާފައިވާ، އުމުރުން 67 އަހަރުގެ ގ. ގުޑްލައިފް/މާލެ، ރިޓަޔާޑް އަބުދުއްލަތީފް ހަސަންއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ، އޭނާގެ ހާލު ދެރަވެގެން އައިޖީއެމްއެޗްއަށް ގެންދިޔައީ ރޭ ފަތިހު 5:30 ގައި ހާއިރު ކަމަށެވެ. އޭނާ ނިޔާވީ އައިޖީއެމްއެޗުގެ އެމަޖެންސީ ރޫމްގައި ފަރުވާދެމުން ދަނިކޮށް ހެނދުނު 6:00 ގައި ކަމަށް ވެސް އެޗްޕީއޭއިން ވިދާޅުވިއެވެ. އޭނާ ނިޔާވުމުން ކުރި ޓެސްޓުން ކޯވިޑަށް ޕޮޒިޓިވް ވުމާއެކު، އެޗްޕީއޭއިން ވަނީ އެއީ ކޯވީޑް މަރެއް ކަމަށް ކަނޑައަޅާފައެވެ. އެހެން ކަމުން އެއީ ރާއްޖޭގައި ކޯވިޑް ބަލީގައި ނިޔާވެ 63 ވަނަ މީހާއެވެ.
ހުސްވި ފެބްރުއަރީ މަހުވެސް ރާއްޖެއިން އެބަލީގައި10 މީހަކު ނިޔާވިއެވެ. އެހެންކަމުން ރާއްޖެއިން މިބަލީގައި މިހާތަނަށް 56 ދިވެހިންނާއި 8 ބިދޭސީއަކު ވަނީ ނިޔާވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!