ކުޅުދުއްފުށީ ސިޓީގައި ސަރުކާރުން ގާއިމުކުރަން ނިންމާފައިވާ ''ސްޓޭޓް އޮފް ދަ އާޓް ޓިވެޓް ސެންޓަރ'' ގާއިމުކޮށް، އަންނަ އަހަރު މެދުތެރޭ އެ ސެންޓަރުގެ ޚިދުމަތް ފެށުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރް އޮފް ހަޔަރ އެޑިއުކޭޝަނުން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީއިން މިހެން ވިދާޅުވީ، ރައީސް އިބްރާޙީމް މުޙައްމަދު މިއަހަރުގެ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިސްއަށް އިއްވެވި ރިޔާސީ ބަޔާނުގައި ހާމަކުރެއްވި ރާއްޖޭގެ ތިން ސަރަހައްދެއްގައި ގާއިމުކުރަން ނިންމާފައިވާ ސްޓޭޓް އޮފް ދަ އާޓް ޓިވެޓް ސެންޓަރުތަކުގެ ތެރެއިން ކުޅުދުއްފުށީ ސިޓީގައި ގާއިމުކުރާ ސެންޓަރާގުޅޭ ގޮތުން މަޝްވަރާ ކުރުމަށް މިއަދު އެ މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގަ އެވެ.

Ad
rt

މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ޙަސަންއާއި، ކުޅުދުއްފުށީ ދެ ދާއިރާ ތަމްސީލް ކުރަށްވާ ދެ މެންބަރުން ކަމަށްވާ ޔާސިރު އަބުދުއްލަޠީފްއާއި އަދި ޖަމްސީދު މުހައްމަދު ބައިވެރިވެ ވަޑައިގަތެވެ. އަދި ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުއްލަތީފް ހަސަން ވެސް އޮންލައިންކޮށް މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތެވެ.

މިބައްދަލުވުމާއި ގުޅޭގޮތުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފް ''ތިލަދުން''އަށް ވިދާޅުވީ، ކުޅުދުއްފުށީ ސިޓީގައި ސްޓޭޓް އޮފް ދަ އާޓް ޓިވެޓް ސެންޓަރެއް ގާއިމުވެގެން ދާއިރު، އެ ސެންޓަރުގައި މީހުން ބިނާ ކުރުމަށް ހިންގާނެ ކޯސްތަކާމެދު އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި ވަކި ދާއިރާއަކަށް އެ ސެންޓަރުން ހިންގާނެ ކޯސްތައް އަމާޒުވި ނަމަވެސް ތަފާތު ދާއިރާތަކުން ކޯސްތައް ހިންގުމަށް ހަމަޖެހިފާވާކަމަށް އޭނާ ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ހަޔާ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ޙަސަން ދެއްކެވި ވާހަކާގައި ކުޅުދުއްފުށީ ސިޓީގައި ގާއިމުކުރާ ސްޓޭޓް އޮފް ދަ އާޓް ޓިވެޓް ސެންޓަރާއިއެކު، އެ ސެންޓަރުގެ ކޯސްތައް ފުރިހަމަކުރަން ދާ ދަރިވަރުން ތިބޭނެ ދަނާލެއް ވެސް ބިނާ ކުރެވިގެން ދާނެކަމަށް ވިދާޅުވިއެވެ. އަދި އެ މިނިސްޓްރީގެ އަމާޒަކީ އެ ސެންޓަރުގެ މަސައްކަތްނިމި، އަންނަ އަހަރުގެ މެދުތެރޭ އެ ސެންޓަރުން ހިދުމަތް ދޭން ފެށުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކުޅުދުއްފުއްޓަކީ ބިމުގެ ދަތިކަން ތަހައްމަލު ކުރަންޖެހިފައިވާ ސިޓީއަކަށް ވީހިނދު، އެ ސެންޓަރުގެ ފަރުމާކުރެވިގެންދާއިރު، ވީހާ ވެސް ބިމުގެ ޖާގަ ކުޑަކޮށް ބޭނުންކުރެވޭނޭ މަގުން އެ ސެންޓަރާއި، އެ ސެންޓަރާއި ގުޅޭ އެހެން އިމާރާތްތައް ފަރުމާކޮށް ދެއްވުމަށް، މިނިސްޓަރުގެ އަރިހު ޔާސިރު ވަނީ އެދި ވަޑައިގެންފައެވެ.

''މި ސްޓޭޓް އޮފް ދަ އާޓް ޓިވެޓް ސެންޓަރ ވެގެން ދާނީ މުޅި އުތުރުގެ ޒުވާނުންގެ ދިރިއުޅުން ފަހިކޮށްދިނުމަށް އެހީވެދޭނެ އެންމެ ބޮޑު މަރުކަޒަށް، އަދި މި ގައުމުގެ ލޭބާ ފޯސް ވަރުގަދަ ކުރުމަށް އެޅޭ އެންމެ ވަރުގަދަ ބިންގަލަށް'' ޔާސިރު ވިދާޅުވި އެވެ.

މިބައްދަލުވުމުގައި ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުއްލަތީފް ހަސަން ދެއްކެވިވާހަކާގައި، އެ ސެންޓަރު އެޅުމަށް އެ ސިޓީން ބިން ހަމަޖެހިގެން ދާނެ ކަމަށް ވިދާޅުވިއެވެ. އަދި އެކަމުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ވެސް ލަތީފް ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ކުޅުދުއްފުށީ ސިޓީގެ ދެ ދާއިރާގެ މެންބަރުންނާއި، ކައުންސިލްގެ ރައީސް ލަތީފް ދެއްކެވި ވާހަކާގައި ވަނީ މިފަދަ ބޮޑު ފުރުސަތެއް އުތުރުގެ ރައްޔިތުންނަށް ފަހިކޮށްދެއްވާ ކަމަށްޓަކައި، ރައީސް ޞާލިހަށާއި، ހަޔާ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ޙަސަން ޝުކުރު ދަންނަވާފަ އެވެ.

ހަޔާ އެޑިޔުކޭޝަން މނިސްޓްރީއިން މި މަސްރޫއު ކުރިއަށް ގެންދަވަން ނިންމާފައި ވަނީ ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް (ޕީޕީޕީ)ގެ ދަށުންނެވެ. މި މަސްރޫއުއަކީ މިއަހަރުގެ ބަޖެޓްގެ ޕީއެސްއައިޕީގެ މަސްރޫއު ތެރޭގައި ހިމެނޭ މަސްރޫއުއެކެވެ.

2021 ވަނަ އަހަރުގެ ދައުލަތުގެ ޕީއެސްއައިޕީގެ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ ދިއްދޫ ޖޫނިއަރ ކޮލެޖްގެ ކަންކަމާއި ބެހޭ ގޮތުން މަޝްވަރާކޮށް އެންމެ ފަހުގެ މަޢުލޫމާތު ޙިއްޞާކުރެއްވުމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ޙަސަން ވަނީ ދިއްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސްގެ މެންބަރު ޢަބުދުﷲ ވަޙީދާއި، ދިއްދޫ ކައުންސިލްގެ މެމްބަރުންނާއި، ހއ އަތޮޅު ކައުންސިލްގެ ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ސިރާޖް ވެސް ހިމެނޭހެން ހުސްވި ފެބްރުއަރީ މަހުގެ25 ވަނަ ދުވަހުވެސް ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރ ޑރ. އިބްރާހީމް ޙަސަން ދެއްކެވި ވާހަކަފުޅުގައި، ދިއްދޫ ޖޫނިއަރ ކޮލެޖް ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް މި އަހަރު ފެށިގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި މިނިސްޓަރު ވަނީ 2022 ވަނަ އަހަރު އެ ކޮލެޖްގެ ފުރަތަމަ ބެޗްގެ ދަރިވަރުން ކިޔަވަން ފެށޭނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.