މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ މެމްބަރު ޤައުމުތަކުގެ ސަފީރުންނާއި ބައްދަލުކުރައްވައިފި އެވެ.
މިނިސްޓަރ އޯ.އައި.ސީ ގެ މެމްބަރު ޤައުމުތަކުގެ ސަފީރުންނާއި ވާޗުއަލްކޮށް ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން އަލިއަޅުއްވާލެއްވީ 1976 ގައި އޯ.އައި.ސީ. އާ ގުޅުނުފަހުން ދިވެހިރާއްޖެއިން އެހެން މެމްބަރު ޤައުމުތަކާއި ގުޅިގެން ކުރަމުން އަންނަ މަސައްކަތްތަކުގެ މައްޗަށެވެ.
މިނިސްޓަރުގެ ވަހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވީ ދެމެހެއްޓެނިވި ތަރައްޤީ އާއި، މޫސުމީ ބަދަލުތަކާއި، އާއްމު ސިއްޙަތާއި، އިސްލާމްދީނާ ދެކޮޅަށް ހިންގޭ ހަރަކާތްތައް ހުއްޓުުވުމާއި ޓެރަރިޒަމް އާއި އަދި މުސްލިމުންގެ ޙައްގުތައް، ޚާއްސަކޮށް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކާ ބެހޭގޮތުން ވަކާލާތު ކުރުމުގައި، ރާއްޖެއިން މަސައްކަތް ކުރައްވާކަން ފާހަގަކުރެއްވިއެވެ.
އަދި މިބައްދަލުވުމުގައި ކޯވިޑް-19 ގެ ސަބަބުން ކުރިމަތިވި އިޤްތިސާދީ ހީނަރުކަމުން އަރައިގަތުމާއި، އދ.ގެ އާއްމު މަޖިލީހުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުން ވާހަކަ ދައްކަވާފައި ވެއެވެ. އަދި މަލްޓިލޭޓަރަލް ސިސްޓަމް ވަރުގަދަކޮށް، ޤައުމުތައް ގުޅިގެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރުމާ ބެހޭ ގޮތުން މިނިސްޓަރ ވަނީ ވާހަކަ ދައްކަވާފަ އެވެ.
ނިމިދިޔަ ހަފްތާގައި މިނިސްޓަރ ވަނީ ނަން-އެލައިންޑް މޫވްމަންޓްގެ ފަރާތުން އދ.އަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާވެސް ބައްދަލުކުރައްވައިފައެވެ. އަދި ބޮޓްސްވާނާ، ސައޫދީ އަރަބިއްޔާ، ނޯވޭގެ ޚާރިޖީ ވަޒީރުންނާ މި ހަފްތާގައި ވާޗުއަލްކޮށް ބައްދަލުކުރައްވައި، މަޝްވަރާ ކުރައްވާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!